ހަބަރު

ފުރިހަމަ އެމަޖެންސީ ހިދުމަތް ލިބޭ ސެންޓަރެއް މުހިންމު: މިނިސްޓަރު

ހަރުދަނާ ސިއްހީ ނިޒާމެއް ހަރުދަނާ ގޮތުގައި ދެމެހެއްޓުމަށްޓަކައި ފުރިހަމަ އެމަޖެންސީ ހިދުމަތް ލިބޭނެ ސެންޓަރެއް ގާއިމުވެފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ ގުޅިގެން ރާއްޖޭގައި ގާއިމްކުރި ހެލްތު އެމަޖެންސީ އޮޕްރޭޝަން ސެންޓާ (އެޗްއީއޯސީ)އަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގަ ވާހަކަ ދައްކަވަމުންނެވެ.

"ހެލްތު މިނިސްޓްރީން އަބަދުވެސް އޭރެގެއްގެ ހާލަތައް ބެލުމަށްފަހު ލިބެންހުރި އެންމެފަހުގެ ޓެކްނޮލޮޖީ ރިއާޔަތްކުރަން، މިއަދު ޑަބްލިއުއެޗްއޯގެ މި ލިބުނު އެހީތެރިކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އިމަޖެންސީގައި ދެވޭ ހިދުމަތްފުޅާވެ އެ ހިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރަކީ ބަލިމަޑުކަމެއްގެ ހާލަތުގައި އާއި ގުދުރަތީ ކާރިސާތަކުން އާއްމުންނަށް ސިއްހީ ރައްކާތެރިކަން ހޯދާދިނުމަށްޓަކައި ޑަބްލިއުއެޗްއޯއާ ގުޅިގެން ހެލްތު މިނިސްޓްރީން ގާއިމްކުރި ސެންޓަރެކެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން ހެލްތު މިނިސްޓްރީއާ މި ވަސީލަތްތައް ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ ރެޕްރެޒެންޓޭޓީވް ޑރ. އަރްވިން މާތުރް އެވެ.

ޑަބްލިއުއެޗްއޯ އިން އެޗްއީއޯސީއާ ހަވާލުކުރި ވަސީލަތްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމެއް ގޮތަށް މަސައްކަތްކުރާ މޮންޑޯޕެޑް ސިސްޓަމެއް ހިމެނެ އެވެ. މި ވަސީލަތް ބޭނުންކޮށްގެން އެޗްއީއޯސީއަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަކަށް ވީޑިއޯ ކޯލްކޮށް އެ ތަންތަނުގެ ހާލަތު ދަނެގަނެވޭނެ އެވެ. މި ސިސްޓަމް އަމަލީގޮތުން ބޭނުންކުރާނެ ގޮތުގެ މިސާލެއް ވެސް މިއަދު ނޫސްވެރިންނަށް ދައްކާލާފައިވެ އެވެ.

މި ސިސްޓަމްގައި އިންޓަރެކްޓިވް ވައިޓް ބޯޑެއްވެސް ހިމެނެ އެވެ. މި ބޯޑުގެ އެހީގައި ތަފާތު އިމަޖެންސީ ހާލަތްތަކާއި ގުޅޭ މައުލޫމާތު ޑާޓާ ޝެއަރިން މެދުވެރިކޮށް ހިއްސާކުރެވޭނެ އެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި ބޭނުންވާ ލަފަޔާއި އިރުޝާދުތައް ބައިނަލްއަގުވާމީ ފަރާތްތަކުން އެހީގައި ހޯދޭނެ އެވެ. ތަމްރީނު ޕްރޮގުރާމްތައް ވެސް މި ސިސްޓަމް ބޭނުންކޮށްގެން ހިންގޭނެ އެވެ.

ހާވަލުކުރި އިތުރު ވަސީލަތްތަކުގެ ތެރޭގައި ސެޓްލައިޓް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ހޯދޭނެ ނިޒާމަކާއި ސެޓްލައިޓް ފޯނެއް ހިމެނެ އެވެ. ވީޑިއޯ ކޮންފަރެންސަށް ބޭނުންވާ ވަސީލަތްތަކާއި ކަރަންޓުގެ ހިދުމަތް ކެނޑޭ ވަގުުތުތަކުގައި ބޭނުންކުރެވޭނެ އިމަޖެންސީ ޕޯޓެބަލް ޖަނަރޭޓަރެއް ހަވާލުކޮށްފައިވެ އެވެ.

މި ވަސީލަތްތަކާއެކު އެޗްއީސީއިން ސިއްހަތާ ގުޅުންހުރި ނުވަތަ ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަން އެއް ވިއުގާއަކުން ގުޅާލާއި ފޯރުކޮށްދެންޖެހޭ އެހީތެރިކަން އަވަހަށް ފޯރުކޮށްދޭނެ އެވެ.

ހަފްލާގައި ވާހަކަ ދައްކަވުމުން ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓީވް ޑރ. މާތުރް ވިދާޅުވީ އެމެޖެންސީ ހިދުމަތްދޭނެ ހާއްސަ ސެންޓަރެއް ރާއްޖޭގައި ގާއިމްކޮށްފައި ހުރުމަކީ ދިމާވެދާނެ ހާލަތަކަށް ހެލްތު މިނިސްޓްރީއިން ތައްޔާރުވެފައި އޮތް މިންވަރު ހާމަވާ ކަމެއް ކަމަށެވެ. މިއަދު މިނިސްޓްރީއާ ހަވާލުކުރި ވަސީލަތްތަކާއެކު މިނިސްޓްރީގެ މަސައްކަތައް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ޖަމިއްޔާއިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޑރ. މާތުރް ވިދާޅުވި އެވެ.