ހަބަރު

"ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އެބަ އަމަލު ކުރޭ"

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް އެ ގާނޫނަށް އަމަލުުރަން ބައެއް ފަރާތްތަކަށް އަދިވެސް އުނދަގޫވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ. އެ ގާނޫނުގައިވާ ގޮތް ނޫން ކުރީގެ އުސޫލުތަކަށް އަމަލުކުރާ ފަރާތްތައް އަދިވެސް އެބަ ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުމުގެ ގޮތުން "ޖިނާއީ އިޖްރާއާތުގެ ގާނޫނު ދެނެގަތުން"ގެ ނަމުގައި ހިންގާ ކެމްޕެން ފެށުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މުހިންމު ކިތަންމެ ބޮޑުވި ނަމަވެސް އެ ގާނޫނު އޮތީ އެންމެ ފުރިހަމައަކަށް ނޫން ކަމަށެވެ. އަދި އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ވެސް ކަމާބެހޭ މުއައްސަސާތަކުން ވާނީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ފާހަގަކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ހިއްސާކޮށްފައި ކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަވެފައިވާ އެއް މައްސަލައަކީ މިއަދާ ހަމައަށް ވެސް ކުރީގައި އަމަލުކުރަމުން އައި ވައްޓަފާޅި ގާނޫނާ އެއްގޮތަށް ބަދަލު ކުރުމުގައި ބައެއް ފަރާތްތަކަށް އަދިވެސް އުނދަގޫވާކަން ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ގާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ފަރާތްތަކުން އެކަން އެއްފަރާތްކޮށް ކުރީގެ ވައްޓަފާޅިއަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އެކަމަކީ މިކަމަކީ މިއަދާ ހަމައަށްވެސް ބަލަން ޖެހޭ މައްސަލައެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.

"މިއަދާ ހަމައަށްވެސް ކުރީގައި އަމަލުކުރަމުން އައި ވައްޓަފާޅި ގާނޫނާ އެއްގޮތަށް ބަދަލު ކުރުމުގައި ބައެއް ފަރާތްތަކަށް އަދިވެސް އުނދަގޫވާކަން، ބައެއް ދިމަ ދިމާލުގައި މިކަން ފުރިހަމަ ނުވާކަން، ގާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވީ ނަމަވެސް އެކަން އެއް ފަރާތްކޮށް ތިމާމެން ކުރިން އަމަލު ކުރަމުން އައިސްފައިވާ ކަން،" ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، އެގޮތަށް އަމަލުކުުރުމަށް މަގުފަހިވާން އޮތީ ދެގޮތެއް ކަަމަށާއި އެއްގޮތަކީ ގާނޫނުގައި އޮތް އެއްޗެއް ފަހުމް ނުވުން އަދި ދެވަނަ ގޮތަކީ ގާނޫނުގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް ފަސޭހަ ކޮށްލާފައި ނަތީޖާ އަށް ބެލުމެއްނެތި ކުރިން އަމަލު ކުރަމުން އައި ގޮތަށް އަމަލު ކުރަމުން ދިއުން ކަމަށެވެ. އެގޮތުން ފުރަތަމަ ގޮތަށް ފަރުވާ އެބައޮތް ކަމަށާއި އެއީ އެފަރާތްތަކަށް ތަމްރީން ދެވި ގާނޫނަށް އަހުލުވެރި ކުރުން ކަމަށެވެ. ނަމަވެސް ދެވަނަ ހާލަތުގައި ތިބި ފަރާތްތަކަށް ދެވޭނެ މާބޮޑު ފަރުވާއެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ހިތާމައަކީ މިގާނޫނު ތަންފީޒުކުރަން ޖެހޭ ބައިވެރިންގެ ތެރޭގައި އެފަދަ ފަރާތްތައް ތިބި ކަން، އެގޮތުން ފާހަގަވާ ފަރާތްތައް އެފަރާތްތަކާއި ގުޅުންހުރި މުއައްސަސާތަކުގެ ސަމާލު ކަމަށް ގެންނަމުންދާނަން، އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅިގެންދާނެ ކަމަށް އުންމީދު ކުރަން،" ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބަދަލު ގެނެސް ދުވަހުން ދުވަހަށް ކުރަމުން އައި ކަންކަމަށާއި އެކަންކަން ކުރަމުން އައި ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވި ގާނޫނެއް ކަމަށެވެ. އަދި ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެކަނި ތައްޔާރު ވުމަކުން އެ ގާނޫނަށް އަހުުލުވެރިވެ ފަރިތަވުމަކަށް ނުފުދޭ ކަމަށެވެ.

"އެރުން ވަށާޖެހޭ ފަދަ އަކުން މި ގާނޫނުގެ މަގްސަދުތައް ހާދިލްވެގެން ނުދާނެ، އޭރުން މި ގާނޫނުން ލިިބިދޭ ރައްކާތެރިކަމާއި އިންތިޒާމީ ގޮތެއްގައި ވަކި އުސޫލުތަކެއްގެ މައްޗަށް ތަރުތީބު ކުރެވިފައިވާ ވަކި އިޖުރާތު ތަކެއްގެ ފޮނި މީރުކަން އެންމެނަށް އިހުސާސެއް ނުކުރެވޭނެ،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.

ޕީޖީ ބިޝާމް ވިދާޅުވީ، ބޭނުންވާ ކަންކަން ހާސިލްވާނީ މި ގާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަކުން ގާނޫނަށް އަހުލުވެރިވުމާއެކު ގާނޫނު އެބައެއްގެ މައްޗަށް ހިންގޭ ފަރާތްތަކަށްވެސް އެގާނޫނުގައި އޮތް އެއްޗެއް އެނގި ދެނެގަނެވިގެން ކަމަށެވެ. އަދި މިއަދު ކުރެވިގެން މިދަނީ އެކަން ކަށަވަރު ކުރުމުގެ ޕްރޮގްރާމެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.