ހަބަރު

ގެކޮޅު ކައިރީ ފުލުހުން ފޯރިމަރާ ސަބަބު ހާމަކޮށްދޭން އެދިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އަނބިކަންބަލުން ނަސްރީނާ އިބްރާހީމް ގެ ސިޓީއެއް ކޮމިޝަނަރު އޮފް ޕޮލިސް އަރީފަށް މިއަދު ފޮނުވައިފި އެވެ.

ނަސްރީނާ ސޮއިކުރައްވާ ސީޕީ އަރީފަށް ފޮނުވާފައިވާ ސިޓީގައި ވަނީ، މ. އެންދެރިގޭ ކުރިމަތީގައި އެސްއޯ ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު އެއީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ފޮނުވައިގެން އައިސް ތިބި ބައެއް ކަމަށް ބުނެ އެގެއަށް ވަންނަ ފަރާތްތަކަށް އުނދަގޫ ވާނެ ހެން އެފަރާތްތަކުގެ މައުލޫމާތު ނޯޓްކޮށް ގެއަށް އައި ބޭނުން ސާފު ކުރުމާއި އެގެއިން ނިކުންނަ ފަރާތްތަކުގެ އަތުގައި ހުންނަ ތަކެތި ބަލާ ފާސްކުރަމުން ގެންދާ ކަމަށެވެ.

އެފަރާތް ތަކަކީ ފުުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ފަރާތްތަކެއް ކަމަށް އެގޭގެ ސެކިއުރިޓީ މިހާރުވެސް ބަލަހައްޓަމުން ގެންދާ އެމްއެންޑީއެފްގެ ފަރާތްތަކަށްވެސް ޔަގީންކޮށް ދެވިފައިނުވާ ކަމަށް ސިޓީގައި ވެއެވެ.

"އެންދެރިމާގެއަކީ ކުރީގެ ރައީސް ދިރިއުޅުއްވާ ގެ ކަމަށްވެފައި ރައީސް މައުމޫންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކަމަށް ބުނެ އެމްއެންޑީއެފުން މިހާރުވެސް ގެންދަނީ ސެކިއުރިޓީ ފޯރުކޮށް ދެމުން، އެމްއެންޑީއެފްގެ ފަރާތްތަކަށްވެސް އެފަރާތްތަކަކީ ފުލުހުން ކަމަށް ޔަގީންކޮށް ނުދެވެ،" ސިޓީގައިވެ އެވެ.

ވީމާ އެންދެރިމާގޭ ކުރިމަތީގައި ތިއްބެވި ފަރާތްތަކަކީ ފުލުހުން ނުވަތަ ނޫންކަން ބައްލަވައިދެއްވައި އެއީ ފުލުހުން ކަމުގައި ނުވާނަމަ އެމައްސަލަ ބައްލަވައި ދެއްވުން އެދޭ ކަމަށް ނަސްރީނާގެ ސިޓީގައި ވެއެވެ. އަދި އެއީ ފުލުހުން ކަމަށް ވާނަމަ ގޭ ދޮރުމަތީގައި ތިބެން ޖެހޭ ސަބަބު ބަޔާންކޮށްދިނުންވެސް ސިޓީގައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ ވަގުތެއްގައި ވެސް އެގޭ ދޮށުގައި ދެ އެސްއޯ ފުލުހުން ފޯރިމަރަން ތިބެ އެވެ. މީގެ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން މިދިޔަ ހޮނިހިރު ދުވަހު އެންދެރިމާގެއަށް ވަދެފައިވަނީ، އެއީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ގުޅުން ހުރި ތަނެއް ކަމަށް ބުނެ އެވެ. ފާރިސްއާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހައިގެން ގާނޫނީ ވެރިކަން ވައްޓާލަން ރޭވި ކަމުގެ ތުހުމަތަށެވެ. އެ ތުހުމަތަށް އެ ދުވަހު ފުލުހުން ވަނީ ފާރިސް ހައްޔަރު ވެސް ކޮށްފަ އެވެ. އަދި ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

އެންދެރިމާގެ އެ ދުވަހު ބަލާ ފާސްކުރުމަށް، ބަލާ ފާސްކުރި ކަމުގެ ލިޔުމެއް ވަނީ ދީފަ އެވެ. އެ ލިޔުމުގައިވާ ގޮތުން ބަލާ ފާސްކުރުމުން އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ.

ފުލުހުން ވަނީ އެ ރައީސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓަށް ވަނުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަމަށް ކޯޓު އަމުރުގައި ބުނެފައިނުވާ ކަމަށް ވިދާޅުވެ ރައީސް މައުމޫނާއި ނަސްރީނާ އެކަމަށް ހުރަސް އެޅުއްވި އެވެ. އެހެންވެ ފުލުހުންނަށް އެ އެޕާޓްމެންޓަށް ވަދެވިފައެއް ނުވެ އެވެ.

އެ ގޭ ދޮށުގައި ފުލުހުން އަދިވެސް ފޯރިމަރަމުންދާއިރު މިފަހުން ސިފައިން ވަނީ އެ ގޭގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފަ އެވެ.