ވިޔަފާރި

ހަތަރު އަހަރުން އެލައިޑްގެ ވިޔަފާރިއަށް 112 ޕަސެންޓްގެ ކުރިއެރުން

  • ބަދަލުގެ ގޮތުގައި 797 މިލިއަން ރުފިޔާ ދޫކުރި
  • އިންޝުއަރެންސް ކެޕޭސިޓީ 120 މިލިއަން ޑޮލަރަށް
  • ތިރީސް އަހަރާ ނުބައްދަލު ކުރިއެރުން ހަތަރު އަހަރުން

އެލައިޑް އިންޝުއަރެންސުގެ ވިޔަފާރި ވޭތުވެދިޔަ ހަތަރު އަހަރު 112 ޕަސެންޓް ކުރިއަރާފައިވާކަން އެ ކުންފުނިން މިރޭ އިއުލާނުކޮށްފި އެވެ.

ދަރުބާރުގޭގައި ބޭއްވި "އެލައިޑް ސްޕެޝަލް އިވެންޓު" ގައި ވާހަކަފުޅު ދައްވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ އެލައިޑުގެ 33 އަހަރު ތެރޭގައި އެ ކުންފުންޏަށް އެންމެ ކާމިޔާބު އަހަރުތަކަކީ ވޭތުވެދިޔަ ހަތަރު ނޫނީ ފަސް އަހަރު ދުވަސް ކަމަށެވެ. ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އިންޝުއަރެންސް ބަދަލުގެ ގޮތުގައި 797 މިލިއަން ރުފިޔާ ދޫކުރިއިރު، މިދިޔަ އަހަރު އެކަނި ވެސް އެ ކުންފުނިން ކަސްޓަމަރުންނަށް 112 މިލިއަން ރުފިޔާ އިންޝުއަރެންސް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައިނޭންޝަލީ ގޮތުން ބަލާނަމަ 112 ޕަސެންޓުގެ ގްރޯތެއް. މި ކާމިޔާބީއަކީ ވޭތުވެދިޔަ 30 އަހަރަށްވުރެ ވެސް ބޮޑު ކާމިޔާބީއެއް. މި ކާމިޔާބީގައި ވަރަށް ބޮޑު ހިއްސާއެއް އޮތް ބޭފުޅެއް ރައީސް އަބްދުﷲ ޔާމީނަކީ. ރައީސްގެ ރިސްކް މެނޭޖުމަންޓް ޕޮލިސީ ވަރުގަދަ ކަމުން، އެލައިޑަށް ވަރަށް ފައިދާވި. މިއީ މި ސަރަހައްދުން ވެސް ފާހަގަ ކޮށްލެވޭނެ ކުރިއެރުމެއް. އިންޝުއަރެންސް ކުންފުންޏެއްގެ އެންމެ މުހިންމު ކަމަކީ ކްލައިމް ޕޭ ކުރުން،" އަމީލް ވިދާޅުވި އެވެ.

އަމީލް ވިދާޅުވީ އެ ކުންފުންޏަކީ މިހާރު މާކެޓުގައި އޮތް އެންމެ ވަރުގަދަ ކުންފުންޏަށްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މާކެޓުގައި ހުރި ބެސްޓް ރީ- އިންޝުއަރެންސާއެކު. ކޮންމެ ރީ- އިންޝުއަރެންސަކީވެސް ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ. މި ކުންފުނިތަކުގެ އެހީގައި އެލައިޑުގެ އިންޝުއަރެންސް ކެޕޭސިޓީއަކީ 120 މިލިއަން ޑޮލާސް. މިފުރުސަތުގައި ފާހަގަ ކޮށްލަން އިތުރުން 100 މިލިއަން ޑޮލާސް އަޅުގަނޑުމެންގެ ރިޒާވްގައި ހުރި ވާހަކަ،" އަމީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ހަތަރު އަހަރު އެ ކުންފުނިން ރާއްޖޭގެ މާކެޓަށްއާ ގިނަ ކަންތައްތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ. މިގޮތުން މީގެތެރޭގައި އާ އިންޝުއަރެންސް ޕޮލިސީތަކާއި ހިދުމަތްތައް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެލައިޑް އިންޝުއަރެންސްއަކީ ޓެކްނޮލޮޖީ ފްރެންޑީ. އެންމެ ވަން ކްލިކުން ކަންތައް ވާ ކުންފުންޏަކަށް ވާން. އެކަމަށްޓަކައި މަސައްކަތް މި ކުރަނީ. ހާއްސަކޮށް ވޭތުވެދިޔަ އަހަރު އެޕް- ތައާރަފުކުރީ،" އަމީލް ވިދާޅުވި އެވެ.

މި ރޭގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ވާހަކަ ދައްކަވަމުން، އެލައިޑުގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯ ގްރޫޕުގެ ހުރިހާ ކުންފުނި ތަކެއް ވެސް މަސައްކަތް ކުރަނީ ފައިދާ ހޯދުމުގެ ބަދަލުގައި ހިދުމަތް ދޭން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ރާއްޖޭގެ އިންޝުއަރެންސް ބާޒާރުގައި އެލައިޑުން 60 ޕަސެންޓުގެ ހިއްސާއެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެލައިޑު ވަނީ ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގެ އެންމެ އުހުގައި. މިއަދު އެލައިޑުން ވަނީ ރާއްޖޭގެ ހުރިހާ އިންޑަސްޓްރީއަކަށް ބޭނުންވާނެ އިންޝުއަރެންސްގެ ހިދުމަތްތައް ތައާރަފުކޮށްފަ،" ޝަހީރު ވިދާޅުވި އެވެ.

"އެލައިޑް ސްޕެޝަލް އިވެންޓް" ގައި އެ ކުންފުނިން ވަނީ އާ އިންޝުއަރެންސް ޕްރޮޑަކްޓްތަކެއްވެސް ތައާރަފުކޮށްފަ އެވެ. އަދި އެ ކުންފުނީގެ ކަސްޓަމަރުންނާއި ބްރޯކާސް ކުންފުނިތަކުގެ އަގު ވަޒަންކޮށްފައިވެ އެވެ.