ވިޔަފާރި

އެލައިޑް ޓްރެވަލް އިންޝުއަރެންސް އެންމެންނަށް ދޫކޮށްލައިިފި

  • ޕެކޭޖަށް 19 ބަދަލެއް ގެނެސްފައިވޭ
  • ޕެކޭޖުގެ އަގު ވަނީ ހެޔޮ ކޮށްފައި
  • އެޑްއޯންސް ތަކެއް ވެސް ތައާރަފުކުރި

ކުރިން، ވިޔަފާރިވެރިންނާއި ޔޫރަޕަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށް ފަރުމާކޮށްފައި އޮތް، އެލައިޑް ޓްރެވަލް އިންޝުއަރެންސް ޕެކޭޖު ހުރިހާ މީހުންނަށް ވެސް ނެގޭ ގޮތަށް ބަދަލު ގެނެސްފި އެވެ.

އެލައިޑް ޓްރެވަލް އިންޝުއަރެންސް "އެލައިޑް ޓްރެވަލާސް އިންޝުއަރެންސް" ގެ ނަމަށް ރީ-ބްރޭންޑް ކުރިކަން އިއުލާނު ކޮށްދެއްވީ، ދަރުބާރުގޭގައި ރޭ ބޭއްވި "އެލައިޑް ސްޕެޝަލް އިވެންޓް" ގައި އެ ކުންފުނީގެ މެނޭޖަރު ޓެކްނިކަލް އަހުމަދު ޝާބިގު އެވެ.

ޝާބިގު ވިދާޅުވީ ޓްރެވަލާސް އިންޝުއަރެންސް ޕެކޭޖަށް ބަދަލު ކުރުމާއެކު ހުރިހާ ފަރާތްތަކަށް ވެސް މިހާރު މި ޕެކޭޖު ނެގޭނެ ކަމަށެވެ.

"ކުރިން ޓްރެވަލް އިންޝުއަރެންސް މި އޮންނަނީ ވިސާ ބޭނުންވާ ކަންޓްރީޒް ތަކަކަށް ވިސާ ހޯދަން. ނޫނީ ޔޫރަޕަށް ދާން. ނަމަވެސް މިހާރު ބަދަލު ގެނައުމާއެކު، ހުރިހާ މީހުންނަށް ވެސް ނެގޭނެ. މިހާރު ވަރަށް އަގު ހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް މިއީ. މިއީ ކުރީގެ ޕެކޭޖު ފައިންޓިއުން ކޮށްލީ،" ޝާބިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕެޖޭޖަށް ގެނައި ބަދަލަށް 19 ބަދަލެއް ގެނެސްފައިވާނެ ކަމަށެވެ. މިގޮތުން ގެނައި އެއް ބަދަލަކީ ދަތުރު ކުރާ މީހާ ގައުމުގައި އުޅޭއިރު، ދިމާވާ ކަންތައްތައް ވެސް ކަވަރު ކުރުން ކަމަށެވެ.

"ދަތުރުކުރާއިރު ގެއްލޭ ފައިސާ ގެއްލޭ ހާލަތްތަކުގައި އެބައި ވެސް ހިމެނޭނެ. އާއްމުކޮށް ޓްރެވަލް އިންޝުއަރެންސުގައި މިސް ޑިޕާޗާ ނޫނީ މިސް ކަނެކްޝަންސް. އާއްމުކޮށް ފޯކަސް ކޮށްފައި ހުންނަނީ ފްލައިޓް ކަޓައިގެން ދެން އިންނަ ފްލައިޓަށް ނުދެވިއްޖެ ފަދަ ހާލަތްތައް. ނަމަވެސް އެބައި މި ބްރޯޑްކޮށްލީ، އެއާޕޯޓަށް ދާން ނައްޓާލާ ހިސާބަކުން އެއާޕޯޓަށް ނުދެވިގެން ފްލައިޓް މިސް ވެއްޖެނަމަ، އެހާލަތްތަކުގައި ވެސް ކަވަރު ކުރާނެ،" ޝާބިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕެކޭޖުގައި ވިޔަފާރީގެ ބޭނުންތަކަށް ސެމިނާ ފަދަ ތަންތަނަށް ބޭރަށް ދަތުރުކުރާ މީހުންނަށް ހާއްސަކަމެއް ދީފައިވާނެ ކަމަށެވެ. މިގޮތުން ދަތުރުކުރަން ތައްޔާރުވެ، ކުރިން ދާން ހަމަޖެއްސި ފަރާތް ބަދަލުވާ ހާލަތްތަކުގައި ކުރަން ޖެހޭ ބައެއް ހަރަދުތައް ވެސް ކަވަރު ކުރާނެ ކަމަށެވެ.

"މިސާލަކަށް އެ ކޮންފަރެންސަށް އޮވެދާނެ ފީ ދައްކާފަ. އެހެންވެ އެފަދަ ހާލަތްތަކުގައި ވެސް މި ޕެކޭޖުން ކަވަރު ކުރާނެ،" ޝާބިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު މި ޕެކޭޖު ފަރުމާ ކޮށްފައިވަނީ އެޑްވެންޗާ ސްޕޯޓްސް ފަދަ ކުޅިވަރުތަކުގައި ވެސް ބައިވެރިވާ މީހުންނަށް ދިމާވާ ހާދިސާތައް ވެސް ކަވަރު ކުރާނެ ގޮތަކަށް ކަމަށެވެ.

"މިހާރު އެއްވެސް ނުރައްކާތެރި އެކްޓިވިޓީސްއެއްގައި ބައިވެރިއެއް ނުވެވޭނެ. ނަމަވެސް މި ޕެކޭޖުން ކަވަރު ކުރާނެ. މީގެ އިތުރުން ޕޮލިޓިކަލް ހާލަތު ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ބަދަލުވާން ޖެހިއްޖެ ހާލަތްތަކުގައި ވެސް ބަދަލު ލިބޭނެ،" ޝާބިގު ވިދާޅުވި އެވެ.

އެލައިޑުން ޓްރެވަލް އިންޝުއަރެންސަށް މިހާރު ގެނެސްފައިވާ މި ބަދަލާއެކު ބައިތައް އިތުރުކޮށްލުމަށް "އެޑޯންސް" ތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އެލައިޑުން ޓްރެވަލް އިންޝުއަރެންސުގެ އިތުރުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ހާއްސަ އިންޝުއަރެންސް "ބިލްޑާސް އިންޝުއަރަންސް" އަށް ވަނީ ރީ-ބްރޭންޑް ކޮށްފަ އެވެ. މި އިންޝުއަރެންސް ޕެކޭޖުގައި ދާއިރާގައި ކުރިމަތިވާ މާލީ ގެއްލުންތަކުން އަރައިގަތުމުގެ އިތުރުން މެޝިނަރީ އާއި މީހުންނަށް ލިބޭ ގެއްލުމަށްވެސް ބަދަލު ނަގައިދެ އެވެ. މި އިންޝުއަރަންސްގެ ތިން ޕެކޭޖެއް ނެރެފައިވެ އެވެ. އެ ޕެކޭކު ތަކަކީ ބިލްޑާސް ބޭސިކް އާއި ބޭސިކް ޕްލަސް އަދި ބިލްޑާސް ޕްރީމިއަމް އެވެ. މީގެ އިތުރުން ހެލްތް އިންޝުއަރެންސް ޕެކޭޖުވެސް ވަނީ ފަސޭހަކޮށްލާފަ އެވެ. މިގޮތުން ޑޮކްޓަރަށް ދެއްކުމަށްފަހު، ބިލްތައް ފޮޓޯ ނަގައި "މައި އެލައިޑް" އެޕްލިކޭޝަންއަށް އަޕްލޯޑް ކުރެވޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ.