ވިޔަފާރި

ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް އެލައިޑްގައި

  • އެފްބީ، ވައިބާ، ޓެލެގްރާމުން ލިބޭނެ ހިދުމަތެއް
  • ރާއްޖޭގައި މިގޮތަށް ދެވޭ ފުރަތަމަ ހިދުމަތް
  • ހިދުމަތުގެ ނަމަކީ އެޖެންޓް 1600

ކަސްޓަމަރުންގެ ސުވާލުތަކަށް އަމިއްލަ އަށް ޖަވާބުދޭ، އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓެއް އެލައިޑުން ތައާރަފުކޮށްފި އެވެ.

ޓެކްނޮލޮޖީގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުން ކަސްޓަމަރުންނާ ގުޅުން ބަދަހި ކުރުމަށް ބޭނުންކުރާ މި ނިޒާމަށް އެލައިޑުން ދީފައިވާ ނަމަކީ "އެޖެންޓް 1600" އެވެ.

އެލައިޑުގެ އިންޝުއަރެންސް އެޖެންޓުގެ ހިދުމަތް ތައާރަފު ކޮށް ދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ މި ހިދުމަތް ތައާރަފު ކޮށްފައިވަނީ އެލައިޑުގެ ކަސްޓަމަރުން ގިނަ ދުވަސްތަކެއް ވަންދަން ސާފުކުރަން ބޭނުންވި ހުރިހާ މައުލޫމާތެއް ހިމަނައިގެން ކަމަށެވެ.

"މި ހިދުމަތަކީ 24 ގަޑިއިރު ކަސްޓަމަރުންގެ ސުވާލު ތަކަށް ބަލައިގެން އަމިއްލަ އަށް ކަންކަން ދަސްކުރާ ގޮތަށް ފަރުމާ ކޮށްފައިވާ ހިދުމަތެއް. [ބޮޓެއް] އަޅުގަނޑުމެން މިލަނީ ކޮންމެ މީހެއްގެ ޖީބަށް އިންޝުއަރެންސް އެޖެންޓެކޭ ވެސް ބުނެވިދާނެ،" ރިޔާޒީ ވިދާޅުވި އެވެ.

އެލައިޑުގެ "އެޖެންޓް 1600" ގެ ހިދުމަތް ފޭސްބުކް އާއި ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް ލިބޭނެ އެވެ. މި ހިދުމަތުގައި ސުވާލުތަކަށް ޖަވާބު ދޭނީ އިނގިރޭސި ބަހުންނެވެ. މި ހިދުމަތް ލިބޭނީ އެލައިޑުގެ "ކިއުއާރު" ކޯޑު ސްކޭން ކޮށްގެން ނުވަތަ އޭޖެންޓް 1600 ސާޗް ކުރުމުންނެވެ.