އެލައިޑް އިންޝުއަރެންސް

ހަދިޔާއަށް ދެވޭނެ އިންޝުއަރެންސް ވައުޗާތަކެއް އެލައިޑުން ނެރެފި

ހަދިޔާގެ ގޮތުގައި ދެވޭނެ އިންޝުއަރެންސް ގިފްޓް ވައުޗާ ތަކެއް، އެލައިޑް އިންޝުއަރެންސުން ރޭ ނެރެފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެލައިޑުގެ އިވެންޓެއްގައި އެލައިޑްގެ މެނޭޖަރު ކްލައިންޓް ސާވިސް ނަސްރަތު މުހައްމަދު (ނަސްރު) ވިދާޅުވީ މި ހިދުމަތް ހާއްސަ ކޮށްފައިވަނީ އެލައިޑުން ދޭ ހިދުމަތްތައް އެހެން ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ދޭން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތަކެއް ކަމަށެވެ.

"މިއީ އާއިލާ އާއި ރަހުމަތްތެރިންނަށް ހަދިޔާކޮށްލަން ވަރަށް ކަމުދާނެ ވައުޗާއެއް. އިލެކްޓޯނިކަލީ ޖެނެރޭޓް ކުރާ ވައުޗާއެއް މިއީ. އެހެންވީމަ ދުރުގައި ހުރި ބޭފުޅަކަށް ވެސް އީ-މެއިލް ކޮށްލެވޭނެ،" ނަސްރު ވިދާޅުވި އެވެ.

އެލައިޑް ވައުޗާ މެދުވެރިކޮށް، މޮޓޯ އިންޝުއަރެންސާއި ހައްޖު އަދި އުމްރާގެ އިތުރުން ހޯމް ކޮންޓެންޓް ޕްލޭން ލިބޭނެ އެވެ.

ނަސްރު ވިދާޅުވީ ކުއްޔަށް އުޅޭ މީހުންނަށް ވެސް މި ޕެކޭޖުގެ ދަށުން ވަރަަށް ފަސޭހަ ކަމާއެކު އިންޝުއަރެންސް ކޮށްލެވޭނެ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ހާލަތެއްގައި އިންޝުއަރެންސް ޕޮލިސީއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައުޗާގެ މުއްދަތަކީ ހަ މަސް ދުވަސް. ވައުޗާގެ އަގު ތަފާތު ވަނީ އޭގެ ކަވަރޭޖާއި އެ ޕްރޮޑަކްޓެއްގެ ގޮތުން. ހައްޖު އެންޑް އުމްރާ ޕްލޭންއަކީ ހައްޖާއި އުމްރާ އަށް ދާ މީހުންނަށް ހާއްސަ ވާނެ. އެކަމަށް ހާއްސަ އެޑޯންސް ތަކެއް ހުންނާނެ،" ނަސްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕެކޭޖުތަކާއެކު ކުއްޔަށް އުޅޭ މީހުންގޭގައި ހުންނަ ތަކެތި އިންޝުއަ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ބައެއް އުޅެނީ ކުއްޔަށް. ނަމަވެސް ގޭގެ ވެރިފަރާތަށް އެކަނި އޮންނާނީ އިންޝުއަ ކުރުމުގެ ފުރުސަތު. ކުއްޔަށް އުޅޭ މީހުންނަކަށް ނޯވޭ. ނަމަވެސް 'ކޮންޓެކްޓް ޕްލޭން' އިން އިންޝުއަ ކޮށްލަންވީ ގިނަ ދުވަސްވަންދެން ގަތް އެއްޗިހި. ޓީވީ އާއި ރެފްރިޖަރޭޓަރު ފަދަ ތަކެތި ވެސް،" ނަސްރު ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ބައެއް އުޅެނީ ކުއްޔަށް. ނަމަވެސް ގޭގެ ވެރިފަރާތަށް އެކަނި އޮންނާނީ އިންޝުއަ ކުރުމުގެ ފުރުސަތު. ކުއްޔަށް އުޅޭ މީހުންނަކަށް ނޯވޭ،
އެލައިޑްގެ މެނޭޖަރު ކްލައިންޓް ސާވިސް ނަސްރަތު މުހައްމަދު

އެލައިޑުން ބުނީ މި ޕެކޭޖުތައް ނަގަން ވަރަށް ފަސޭހަވާނެ ކަމަށެވެ. މި ޕެކޭޖުތައް އެޖެންޓުން އަތުން ވެސް އަންނަ މަހުގެ 15 އިން ފެށިގެން ލިބޭނެ އެވެ. މީގެ އިތުރުން އެމްއެމްއޭއާ ގުޅިގެން ހުރިހާ ރަށަކުން ވެސް މި ވައުޗާ ލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.