ހޮލީވުޑް

ގްލީގެ އެކްޓާ މާކް ސެލިންގް މަރުވެއްޖެ

އެމެރިކަން ޓީވީ ސީރީޒް ގްލީ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓާ މާކް ސެލިންގް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖަލަސްގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ތެރެއިންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ މަރުވީ އަމިއްލަ އަށެވެ.

އުމުރުން 35 މާކް ސެލިންގް މަރުވީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތުވެ ހަތަރު އަހާރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމް އިއްވަން ގާތްވެފައި ވަނިކޮށެވެ. އޭނާގެ މައްޗަށް ހުކުމް އިއްވަން ނިންމާފައި އޮތީ މާޗް ހަތެއްގަ އެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކޮށްގެން އޭނާ ހައްޔަރުކުރީ 2015 ގަ އެވެ. އެ ކުއްޖާއަށް ޖިންސީ އަނިޔާކޮށް ނަގާފައިވާ ވީޑިއޯތަކެއް އޭނާގެ ލެޕްޓޮޕުން ފެނިފައިވެ އެވެ.

ގްލީގައި 2009 ވަނަ އަހަރުން ފެށިގެން 2015 އާ ހަމައަށް ސެލިންގް ފެނިގެންދިޔައީ ޕަކާމެން (ޕަކް) ގެ ރޯލުންނެވެ.

ސެލިންގް މަރުވިއިރު އޭނާގެ މަންމަ އާއި ބައްޕަ އަދި ބޭބެ ދުނިޔޭގައި އެބަހުއްޓެވެ.