ޓެކްނޯލޮޖީ

"ކުޑަކުދިން ފޭސްބުކް ބޭނުންކުރުން ހުއްޓުވަންޖެހޭ"

އުމުރުން 13 އަހަރުން ދަށުގެ ކުޑަކުދިން ފޭސްބުކް ބޭނުންކުރުން ހުއްޓުވަންޖެހޭ ކަމަށް 100 އަށްވުރެ ގިނަ ހެލްތު އެކްސްޕާޓުން ބުނަމުން އެބަދެ އެވެ.

އެ ފަރާތްތަކުން މިހެން ބުނެފައި ވަނީ ދާދިފަހުން ފޭސްބުކް އިން އުމުރުން ހަތަރު އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ތައާރަފްކުރި މެސެންޖާ ކިޑްސް އެޕްލިކޭޝަން އާއި ގުޅިގެން ފޭސްބުކްގެ ބާނީ މާކް ޒުކަބާގްއަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީގައި މި އެޕްލިކޭޝަން އުވާލުމަށް އެ ފަރާތްތަކުން އެދިފައިވެ އެވެ.

ސިޓީގައި ބުނެފައިވަނީ މި އެޕްލިކޭޝަންގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށާއި އެ އުމުރުގައި މިފަދަ އެޕްލިކޭޝަންއެއް ބޭނުންކުރުން ރަނގަޅު ނޫން ކަމަށެވެ.

އެ ކުދިންނަށް މިފަދަ އެޕްލިކޭޝަނެއް ބޭނުންކުރުމުގައި ހުށިޔާރުވާންޖެހޭނެ މިންވަރު ނޭނގޭނެ ކަމަށާއި ޝޯޝަލް މީޑިއާގެ ބޭނުންކޮށްގެން ކުޑަކުދިންނަށް މިހާރުވެސް އެކި ކަހަލަ ފުރައްސާރަތައް ކުރަމުންދާކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

މިހާރުވެސް ޝޯޝަލް މީޑިއާގައި ކުޑަކުދިން ހޭދަކުރާ ވަގުތު އިތުރުވެފައިވާކަން ފާހަގަކުރަމުން ސިޓީގައި ބުނެފައި ވަނީ އެ ކުދިންނަށް ހާއްސަކޮށްގެން އެޕްލިކޭޝަނެއް ތައާރަފްކުރުމުން އަދި އިތުރަށް ވަގުތު ޝޯޝަލް މީޑިއާގައި ހޭދަކުރުމަށް މަގުފަހިވާނެ ކަމަށެވެ. މީގެ ސަބަބުން ހެދި ބޮޑުވަމުން އެ އަންނަ ކުދިންގެ ސިއްހަތައްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އެ އެޕްލިކޭޝަންއާ ބެހޭ ގޮތުން ފޭސްބުކް އިން ބުނެފައި ވަނީ އެ އެޕްލިކޭޝަން ތައްޔާރުކޮށްފައި ވަނީ އެ ކުދިންނަށް ރައްކާތެރި ފީޗާތަކާއެކު ކަމަށެވެ. އަދި އެ އެޕްލިކޭޝަންގައި ޕޭރަންޓަލް ކޮންޓްރޯލް ވަރުގަދަ ވާނެ ކަމަށް ފޭސްބުކް އިން ބުނެފައިވެ އެވެ.