ރިޕޯޓް

ސުޕާރީ: ފޮނި ރަހަދޭ ވިހައެއް!

އަވަސް ވީޑިއޯ ރިޕޯޓް | އިދުހާމް ނައީމް

"ދީބަލަ ސުޕާރީއެއް،" "ނެތްތަ ސުޕާރީއެއް،"

މިއީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ވާހަކައަކަށް ވާނެ އެވެ. ލިބުނު ސުޕާރީ ކައި ނިމުމަށްފަހު ވެސް އަހަނީ މިހެނެވެ. ފޫހިވީމަ ވެސް އަހާލެވެނީ މިހެވެ. އަނގަ ފޫހި ފުލިވާލައި އަނގައިގެ ރަހަ ހެޔޮކޮށްލަން ދިވެހިންގެ "ފޭވަރިޓަކީ" ސުޕާރީ އެވެ.

ދިވެހިންގެ ތެރެއަށް ސުޕާރީ އާންމުވެ ގަދަވީ މިފަހުގެ ޖީލުގައި ނަމަވެސް، މިއީ ދިވެހިންނަށް އާ ކަމެއް ނޫނެވެ. އަނގައިގެ ރަހަ ހެޔޮކޮށްލަން ދުފުމަކީ ދިވެހިންގެ އާދަޔާ ގުޅި ލާމެހިފައިވާ ކަމެކެވެ. މިހާރު ސުޕާރީ އެވެ. ކުދި ބޮޑުމެންގެ އަވައިގާ ޖެހިފައި ވަނީ މިކަމެއްގަ އެވެ. މިކަމުގައި ޖެހި ދިވެހިން "މަރުވަމުންދާއިރު" ސުޕާރީއަކީ ކިހާ ވަރެއްގެ އެއްޗެއްކަން އެނގޭ ހެއްޔެވެ؟

ސުޕާރިއަކީ އެ ކާން ފެށުމުން އެއަށް އެޑިކްޓްވާ އެއްޗެކެވެ. ސުޕާރީ ކައި އުޅޭ މީހުން އެކައި އުޅެނީ އޭގެ މީރު ރަހައިގެ ސަބަބުންނެވެ. އޭގައި އެމީހުންނަށް ލިބޭ ގެއްލުމަކަށް ބަލައިވެސް ނުލަ އެވެ. މީރު ރަހަދޭ ކޮންމެ އެއްޗަކީ ސިއްހަތަށް އެންމެ ރަނގަޅު އެއްޗަށް ނުވެދާނެ އެވެ. ހަމަ އެގޮތަށް ސުޕާރީއަކީ ވެސް ކިތަންމެ މީރުވިޔަސް ސިއްހަތަށް ރަނގަޅު އެއްޗެއް ނޫނެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ހާމަކުރި ގޮތުގައި ސުޕާރީ ކެއުމަކީ އަނގައިގެ ކެންސަރަށް މަގުފަހިވާ ކަމެކެވެ. ސުޕާރިއަކީ އޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ހިމަނާފައި ނުވާ އެއްޗެއްކަމުގައި ވިޔަސް އޭގައި އެހެން ނުރައްކާތެރި މާއްދާތަކެއް ހިމެނެ އެވެ.

ޑަބްލިއުއެޗްއޯގެ އޭޖެންސީއެއް ކަމަށްވާ އިންޓަނޭޝަނަލް އޭޖެންސީ ފޯ ރީސާޗް އޮން ކެންސާގެ އަނގައިގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ އަލޯކް ލަތީ ވިދާޅުވި ގޮތުގައި ސުޕާރީގައި އަލްކަލޮއިޑްސް އާއި ޕޮލިފެނޮލްސް ކިޔާ މާއްދާތަކެއް އެކުލެވެ އެވެ. މި މާއްދާތަކަކީ ކެންސަރަށް މަގުފަހި ކުރުވާ މާއްދާތަކެވެ.

މިފަދަ ނުރައްކާތެރި މާއްދާތަށް ފާހަގަކޮށް ސިނގިރޭޓް ފޮށީގެ ބޭރުގައި އިންނަ ގޮތަށް، އެ އެއްޗެއް ބޭނުން ކުރުމުން ކެންސަރަށް މަގުފަހިވާ ކަމަށް ލިޔެފައި އޮންނަންޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ސުޕާރި އުފައްދާ ކުންފުނިތަކަށް އަންގާފަ އެވެ. އެހެންނަމަވެސް އެ ގަވާއިދަށް އެއްވެސް ކުންފުންޏަކުން އަމަލެއް ނުކުރެ އެވެ.

އާންމުކޮށް ޕާކިސްތާނުން އެތެރެކުރާ ސުޕާރި ކާ މީހުންގެ އަދަދު ރާއްޖޭގައި މަދެއް ނޫނެވެ. މިދުވަސްކޮޅު ރާއްޖޭގައި ސުޕާރީގެ އަގަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ދިވެހިންގެ މެދުގައި އެންމެ މަގުބޫލު "ރަސްލީ" ސުޕާރީގެ އަގު އުފުލިއްޖެ އެވެ. ކުރިން ރުފިޔާއަކަށް ތިން ޕެކެޓް ލިބޭ މި ސުޕާރީތަށް މިހާރު ލިބެނީ ރުފިޔާއަކަށް އެންމެ ޕެކެޓެކެވެ. އެކަމަކު ސުޕާރީ ގަންނަ މީހުންގެ އަދަދު މަދެއް ނުވެ އެވެ.

ސިނގިރޭޓް ކަހަލަ ނުރައްކާތެރި ބާވަތްތަކުގެ އަގު އުފުލުމުން ވެސް އޭގެ ވިޔަފާރިއަކަށް ބަދަލެއް ނާދެ އެވެ. އެގޮތަށް ސުޕާރީގެ އަގު ދެ ރުފިޔާއަށް ސުޕާރިއެއް ލިބުނު ކަމުގައި ވިޔަސް އޭގެ ވިޔަފާރިއަށް ވެސް ބަދަލެއް ނާދެ އެވެ.

އައިޖީއެމްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަލީ ނަޒީމް ވިދާޅުވި ގޮތުގައި ސުޕާރިން ލިބޭ ގެއްލުންތަކަކީ ދިވެހިން އެއަށް އެހާ އިސްކަންދޭ ކަމެއް ނޫނެވެ. ބޮޑެތި މީހުނާއި ކުޑަކުދިން ސުޕާރިއަށް ދެވި ހިފައި ކެއުމުގެ ސަބަބުން އަނގައިގެ ކެންސަރު ގިނަވަމުން ދެއެވެ.

މީގެ އިތުރުން ސުޕާރީއަކީ އެ ކާއިރު އެކި ގޮތްގޮތުން ކަރުގައި ނުވަތަ ނޯށުގައި ތާށިވުމުގެ ސަބަބުން ބައެއް މީހުންގެ ފުރާނަވެސް އަށްވެސް ނުރައްކާ ކުރާ އެއްޗެކެވެ. އެހެންކަމުން ޑޮކްޓަރުން ލަފާ ދެނީ ސުޕާރީން ދުރުވުމަށެވެ.