ބޭރު ކުޅިވަރު

ސްވަންސީ އަލުން ދިރިއްޖެ މިހާރު ނޭވާ އެބަލެވޭ: ކާވަހާލް

"ސްވޮންސީ މިހާރު މިއޮތީ މަރުވެފައެއް ނޫން އަލުން ނޭވާ އެބަލެވޭ. މިހާތަނަށް މިޓީމަށް މިސީޒަނުގައި އެއްވެސް ކަމެއް ހާސިލްވެފައެއް ނެތް އެކަމަކު މިއީ ސްވޮންސީ ރަނގަޅު ހިސާބަކަށް ދިއުމުގެ ފެށުން" ނޮވެމްބަރު މަހަށްފަހު ފުރަތަމަ ފަހަރަށް ރެލިގޭޝަން ޒޯނުން ސަލާމަތްވި ސްވޮންސީގެ ކޯޗު ކާލޯސް ކާވަހާލް އާސެނަލް ބަލި ކުރުމަށް ފަހު ބުންޏެވެ.

އާސެނަލް ސިއްސުވާލައި ހޯދި ތިން ޕޮއިންޓާއެކު ސްވޮންސީ މިވަނީ ލީގް ތާވަލުގެ 17 ވަނަ މަގާމަށް ޖެހިލާފަ އެވެ. ރޭ ތިން ޕޮއިންޓާއެކު އާސެނަލްއަށް ޓޮޓެންހަމް އާާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްލުމުގެ ފުރުސަތު ލިބިފައި އޮތް ނަމަވެސް އެޓީމުން މިވަނީ އެފުރުސަތު ނަގާލާފަ އެވެ. އާސެނަލް ހަ ވަނަ މަގާމުގައި އޮތީ 42 ޕޮއިންޓާއެކު އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އާސެނަލް އެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިން ޑިފެންޑަރު ނާޗޯ މޮންރެއާލް އެވެ. މެސަޓް އޮޒިލް ސްވޮންސީގެ ޑިފެންސްލައިން ހުޅުވާލުމަށްފަހު މޮންރެއާލްއަށް ކުޅުނު ބޯޅަ އޭނާ ވަނީ ގޯލްގެ ތިރީ ކަނަށް ފޮނުވާލާފަ އެވެ.

އާސެނަލްގެ ލީޑު ދެމިއޮތީ މިނިޓަކަށެވެ. ސްވޮންސީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލީ މެޗުގެ 34 ވަނަ މިނިޓުގައި ސެމިއުލް ކްލޫކަސް ޖެހި ލަނޑާއެކު އެވެ.

މެޗުގެ ނަތީޖާ 1-2 ބަދަލުކޮށް ސްވޮންސީއަށް ލީޑު ނަގައިދިނީ 61 ވަނަ މިނިޓުގައި ޖޯޑަން އާޔޫ އެވެ. އާސެނަލް ކީޕަރު ޕީޓާ ޗެކްއަށް ހެދުނު ގޯހެއްގެ ސަބަބުން ބޯޅަ ލިބުނީ އާޔޫ އަށެވެ. އޭނާ ވަނީ އެއްފަހަރުން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

ސްވޮންސީއަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށް އެޓީމުގެ މާޔޫސްވެފައިވާ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދިނީ ކްލޫކަސް މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކު އެވެ. 86 ވަނަ މިނިޓުގައި އޭނާ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ 1-3 ބަދަލުކޮށްލި އެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ ޑިފެންސްގައި ޓީމު ވަރަށް ދަށް ކަމަށާއި ގިނަ ގޯސްތަކެއްވެސް ހެދި ކަމަށެވެ. "ފަހު ދެގޯލާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނޫން. ވެންގާ ބުންޏެވެ.