ސުޕަހީރޯ ފިލްމުތައް ގެނެސްދޭ މާވެލް ސްޓޫޑިއޯ އިން މިއަހަރު ބަލުންތެރިންނާ ހަމައަށް ތިން ފިލްމެއް ގެނެސްދޭނެ އެވެ.
އަންނަ ޕެބްރުއަރީ މަހު 13 ގައި ރިލީޒްކުރާ އެ ސްޓޫޑިއޯގެ އަހަރުގެ ފުރަތަމަ ފިލްމު "ބްލެކް ޕެންތާ" މިހާރު ވަނީ ޕްރިމިއާ ކޮށްފަ އެވެ. އެ ފިލްމު ޕްރިމިއާ ކުރިތާ މާގިނަ އިރެއް ނުވެ އެ ސްޓޫޑިއޯ މިހާރު ވަނީ މިއަހަރު ގެނެސްދޭނެ ތިން ވަނަ ފިލްމު "އޭންޓް-މޭން އެންޑް ދަ ވަސްޕް" ގެ ޓްރެއިލާ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފަ އެވެ.
ސުޕަހީރޯ ކޮމެޑީ އެކްޝަން މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ވަނީ ބެލުންތެރިން ހެއްވާލާފަ އެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ފިލްމުގެ ކެރެކްޓާ ހޯޕް ވެން ޑައިން (އެވާންޖެލިން ލިލީ) އަށް ސައިޒް ބަދަލު ކުރެވޭ ސޫޓެއް ލިބުމުން އޭނާއަށް ކުރެވޭ ކަންތައްތަކެވެ.
އޭންޓް-މޭން (ޕޯލް ރަޑް) ފެނިގެންދަނީ ހޯޕް އަށް މި ލިބުނު އާ ބާރުގެ ސަބަބުން ކުޑަކޮށް ހަސަދަވެރިވެފައި ހުންނަތަނެވެ.
މި ފިލްމުގައި ހޯޕް ކުޅޭނީ މީގެ ކުރިން އޭނާގެ މަންމަ ޖެނެޓް ވެން ކުޅުނު ކަހަލަ ވެސްޕުގެ ރޯލެކެވެ. ހޯޕްގެ މަންމަ އަދި ފުރަތަމަ ވެސްޕްގެ ރޯލުން ފެނިގެންދާނީ އޮސްކާއަށް ނޮމިނޭޓުވެފައިވާ އެކްޓާ މިޝޭލް ޕައިފާ އެވެ.
ޕޭޓޮން ރީޑް ޓައިރެކްޓުކުރާ މި ފިލްމު ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހު އެވެ.
މާވެލް ސްޓޫޑިއޯ އިން މިއަހަރު ގެނެސްދޭނެ ދެ ވަނަ ފިލްމަކީ އަންނަ އެޕްރީލް މަހު 25 ގައި "ރިލީޒްކުރާ އެވެންޖާސް: އިންފިނިޓީ ވޯ" އެވެ. އެ ފިލްމުގެ ޓްރެއިލާ ވެސް މިހާރުވަނީ އާންމުކޮށްފަ އެވެ.