ބޭރު ކުޅިވަރު

ޑިފެންސް ވަރުގަދަ ކުރަން ޗެލްސީން އެމެސަން ހޯދައިފި

ރޯމާއަށް ކުޅެމުން އައި ބްރެޒިލަށް އުފަން އިޓަލީގެ ޑިފެންޑަރު އެމަސަން ޕަލްމިއެރީ 17.6 މިލިަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުން ޗެލްސީއަށް ބަދަލުވެއްޖެ އެވެ.

އޭނާ ސޮއިކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. މިިދިޔަ ސީޒަންގައި ރޯމާއަށް 36 މެޗު ކުޅުނު ޕަލްމިއެރީ މިސީޒަނުގައި ކުޅެފައިވަނީ ދެ މެޗެވެ. އަނިޔާގެ ސަބަބުން ތިން މަސްދުވަހު ކުޅުމާ ދުރުގައި ހުރި ޕަލްމިއެރީއަކީ ވާތު ފަޅިން ފަހަތަށް އަދި ކުރިއަށް ވެސް ކުޅެވޭ ކުޅުންތެރި އެކެވެ. އޭނާއަށް މެދުތެރޭގެ މަގާމުތަކަށްވެސް ކުޅެވެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ބްރެޒިލްގެ ސަންތޯސްއިން ރޯމާއަށް ބަދަލުވި ޕަލްމިއެރީ ވަނީ މީގެ ކުރި ލޯން އުސޫލުން އިޓަލީގެ ޕަލޭރްމޯއަށް ވެސް ކުޅެފަ އެވެ.

ޕަލްމިއެރީގެ އިތިރުން ޗެލްސީއިން ވަނީ ރޯމާގެ ބޮސްނިއާ ފޯވާޑް އެޑިން ޖެކޯ ގަތުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޖެކޯގެ ކޮންޓްރެކްޓް ޑިމާންޑްތަށް ބޮޑު ވުމުގެ ސަބަބުން ޗެލްސީއިން ވަނީ އާސެނަލްގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑް ގެންދަން މަސައްކަތް ފަށާފަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުގައި ޗެލްސީއިން ވަނީ އާސެނަލްއަށް 18 މިލިއަން ޕައުންޑުގެ ބިޑެއް ހުށައަޅައި އެއްބަސްވުމަކަށް އައިސްފައެވެ.