ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު ލެސްޓާ ސިޓީގެ އަލްޖީރިއާ ވިންގަރު ރިޔާދް މާރޭޒް ހޯދަން މެންޗެސްޓާ ސިޓީ ކުރަމުން އަންނަ މަސައްކަތަށް ލެސްޓާގެ ވެރިން ދެވަނަ ފަސަހަރަށް ހުރަސް އަޅައިފި އެވެ.
ސިޓީން ވަނީ ލެސްޓާއަށް 50 މިލިއަން އަދި ދެ ވަނަ ފަހަރަށް 55 މިލިއަން ޕައުންޑުގެ ބިޑް ހުށައަޅާފަ އެވެ. ނަމަވެސް ލެސްޓާގެ ތައިލެންޑް ވެރިޔާ މިވަނީ މިދެބިޑަށްވެސް ނޫނެކޭ ބުނެފަ އެވެ.
އިންގިރޭސި މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުގައި ލެސްޓާ ސިޓީ 100 މިލިއަން ޕައުންޑަށް މާރޭޒް ވިއްކާލަން ތައްޔާރެވެ.
26 އަހަރުގެ މާރޭޒް ލެސްޓާ އާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ ދެއަހަރާ ބައި އަދި އެބަ އޮތެވެ. އޭނާގެ މުސާރައަކީ ހަފްތާއަކު 100،000 ޕައުންޑެވެ. ރިޕޯޓްތަށް ބުނާ ގޮތުގައި މާރޭޒް ލެސްޓާ ޓީމު އަންގާރަ ދުވަހު ބޭއްވި ފަރިތަކުރުން ތަކުގައިވެސް ބައިވެރިވެފައި ނުވެ އެވެ. މަރޭޒް ވަނީ ލެސްޓާ ބޯޑަށް ޓްރާންސްފާ ރިކުއެސްޓެއްވެސް ހުށައަޅާފަ އެވެ.
މާރޭޒް ގެއްނަން ސިޓީން މަސައްކަތް ކުރާކަން ކޯޗް ގާޑިއޯލާ ވަނީ ޕްރެސް ކޮންފަރެންސް އެއްގައި ކަށަވަރު ކޮށްދީފަ އެވެ. އޭނާ ބުނީ ސާނޭ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ އެތަނަށް ރަނގަޅު ކުޅުންތެރިޔަކު ހޯދުން މުހިންމު ކަމަށެވެ.
މާރޭޒް ވަނީ މީގެ ކުރިން އޭނާ ލެސްޓާ ދޫކޮށް ވަރުގަދަ ކްލަބަކަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފަ އެވެ. 2014 ވަނަ އަހަރު ފްރާންސްގެ ލެ ހާވްއިން ލެސްޓާ ސީޓީއަށް ގުޅުނު މާރޭޒް ވަނީ ލެސްޓާ އާއެކު ޕްރިމިއާ ލީގް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ 2016 ވަނަ އަހަރު ޕީއެފްއޭ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ.
ސިޓީން ވަނީ ފްރާންސް ޑިފެންޑަރު އަމެރިކް ލަޕޯޓް 57 މިލިއަން ޕައުންޑަށް އެޓްލެޓިކް ބިލްބާއޯއިން ގަނެފަ އެވެ. ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމުގައި އޮތް ސީޓިއަށް އަނިޔާގެ މައްސަލަތަކެއް ދިމާވެފައި ވުމުން އެކްލަބުން އަންނަނީ އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.