ބޭރު ކުޅިވަރު

ކްލަބްގެ ރެކޯޑް ޓްރާންސްފާ ފީއަކަށް އޮބަމަޔަން އާސެނަލްއަށް ބަދަލުވެއްޖެ

ގަބޯން ފޯވާޑް، ޕިއޭ އެމްރިކް އޮބަމަޔަން 57 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ބޮރޫޝިއާ ޑޯޓްމަންޑުން އާސެނަލްއަށްް ބަދަލުވެއްޖެ އެވެ.

ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުން އާސެނަލްއަށް އޮބަމަޔަން ބަދަލުވެފައިވަނީ ތިން އަހަރާ ބައިގެ ކޮންޓްރެކްތެއްގަ އެވެ. 180،000 ޕައުންޑުގެ މުސާރަ އަކާއެކު އޮބަމެޔަން އަކީ މިހާރު އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާވެސް މެއެވެ.

28 އަހަރުގެ ފޯވާޑް އާސެނަލްއަށް ބަދަލުވުމާއެކު އޮލިވިއޭ ޖިރޫޑް ޗެލްސީއަށް ބަދަލުވާނެ އެވެ. މީގެ އިތުރުން ޑޯޓްމަންޑުން އޮބަމަޔަން ނެތްތަން ފޫބެއްދުމަށް ޗެލްސީގެ ބެލްޖިއަމް ފޯވާޑް މިޝީ ބަޓްޝުއައީ ލޯން އުސޫލްގެ ދަށުން ގެއްނަން އެޓީމުން ވަނީ ޗެލްސީއާއެކު އެއްބަސްވެފަ އެވެ.

ޑިސިޕްލިނަރީ މައްސަލަތަކުގެ ސަބަބުން ފަހަކަށް އައިސް ޑޯޓްމަންޑުންގެ ބޯޑާ އޮބަމަޔަން އާއި ދެމެދު ވަނީ ގިނަ މައްސަލަތަކެއް ޖެހިފަ އެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ޑޯޓްމަންޑު މީގެކުރިން އޭނާ ސަސްޕެންޑުވެސް ކޮށްފައިވެ އެވެ.

ހުނަރުވެރި ފޯވާޑް އެލެކްސިސް ސަންޗޭ ޔުނައިޓެޑަށް ބަދަލުވި ހިސާބުން ފެށިގެން އާސެނަލް މިޓްރާންސްފާ ބާޒާރުގައި ވަރުގަދަ ކުޅުންތެރިޔަކުު ގެއްނާނެ ކަމަށް ބެލެވުނެވެ.

މެންޗެސްޓާ ޔުުނައިޓެޑު އަދި ސިޓީ ހަރަދުކުރާ ވަރަށް އާސެނަލް ހަރަދުނުކުރާތީ އެޓީމުގެ ސަޕޯޓަރުންގެ ފާޑު ކިޔުން ކޯޗް ވެންގާ އަދި އެކްލަބުގެ ވެރިންނަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ވެންގާ މިވަނިީީ ފާޑު ކިޔުންތެރިންނަށް ރަނގަޅު ރައްދެއް ދީފަ އެވެ.

ހަލުވި އަދި ގޯލާ ރައްޓެހި އޮބަމަޔަން އަކީ 2015 ވަނަ އަހަރުގެ އެފްރިކާގެ މޮޅު ކުޅުންތެރިޔާ އެވެ. ޑޯޓްމަންޑުގައި އޭނާ ހޭދަކުރި ހަ އަހަރު އޮބަމަޔަން ވަނީ 144 މެޗު ކުޅެ 98 ގޯލް ޖަހާފަ އެވެ. ކެރިއަރު އޭސީ މިލާނުން ފެށި އޮބަމެޔަން ވަނީ ފްރާންސްގެ ސެންޓް އެޓިއޭން އަދި ޕްރިންސިޕާލިޓީ ކްލަބް މޮނާކޯ އަށްވެސް މީގެ ކުރިން ކުޅެފަ އެވެ.