ބޮލީވުޑް

ޖިއާ ހާންގެ މަރުގެ މައްސަލާގައި ސޫރަޖް ޕަންޗޯލީއަށް ތުހުމަތު ކުރަނީ

ބޮލީވުޑްގެ އެކްޓާ ޖިއާ ހާންގެ މަރުގެ މައްސަލާގައި އިއްޔެ ބޭއްވި ޝަރިއާތުގެ އަޑުއެހުމުގައި ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ އެކްޓާ ސޫރަޖް ޕަންޗޯލީގެ މައްޗަށް ސީރިއަސް ތުހުމަތެއްކޮށް ދައުވާކުރަން ނިންމައިފި އެވެ.

ސޫރަޖްގެ މައްޗަށް ކޮށްފައި ދައުވާގައި ބުނެފައި ވަނީ މީހަކު އަމިއްލައަށް މަރުވުމަށް ހިތްވަރުދިން ކަމަށެވެ. އެ ދައުވާގައި ބުނެފައިވަނީ ޖިއާ އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބުނީ ސޫރަޖްގެ ސަބަބުން ކަމަށެވެ.

އެ ޝަރީއަތުގެ އަޑުއެހުމުގައި ސޫރަޖްވެސް ބައިވެރިވި އެވެ. އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ޖިއާގެ މަރުގެ މައްސަލަގައި އޭނާގެ މަންމަ ޝަރީއަތުގައި ބުނެފައި ވަނީ ޖިއާ އަމިއްލައަށް މަރުވީ ނޫންކަމަށާއި އޭނާ މަރާލީ ކަމަށެވެ. ޖިއާގެ މަންމަ ވަނީ ޖިއާ މަރާލީ ސޫރަޖް ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް މީހަކު މަރާލިކަމުގެ ދައުވާ އުފުލާފަ އެވެ.

ޖިއާ މަރާލީކަމަށް ސޫރަޖްގެ މައްޗަށް ޖިއާގެ މަންމަ ތުހުމަތުކޮށް ދައުވާކުރި ނަމަވެސް ޖިއާގެ މަރުގެ މައްސަލަ ތަހުގީގު ކުރި ފުލުހުންނާއި ސެންޓްރަލް އިންވެސްޓިގޭޝަން ބިއުރޯއިން އެއްކޮށްފައިވާ ހެކިތަކަށް ބަލާއިރު ސޫރަޖްގެ މައްޗަށް ހަމައެކަނި ކުރެވޭނީ މީހަކު އަމިއްލައަށް މަރުވުމަަށް ހިތްވަރުދިންކަމުގެ ދައުވާ އެވެ.

މި މައްސަލައިގެ ޝަރިއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ފެބްރުއެރީ 14 ގަ އެވެ.

ޖިއާގެ މަރުގެ މައްސަލާގައި ސޫރަޖް ފުރަތަމަ ހައްޔަރުކުރީ 10 ޖުލައި 2013 ގަ އެވެ. ޖިއާ މަރުވީ 03 ޖުލައި 2013 ގަ އެވެ. ފަހުން އެ އަހަރުގެ ޖުލައި މަހު އޭނާ ދޫކޮށްލި އެވެ.