މިދިޔަ އަހަރުގެ ޖުލައި ތިން ވަނަ ދުވަހަކީ ސިޔާސީ މައިދާން އެފުއްމިފުށަށް ޖެހުނު ދުވަހެކެވެ. ސަރުކާރުގެ "ސުޕަ" މެޖޯރިޓީ އޮތް މަޖިލީހުގެ 45 މެންބަރުންގެ ސޮއާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަަ ހުށަހެޅި ދުވަހެވެ. އެއީ މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅި ތިން ވަނަ ފަހަރެވެ. ނަމަވެސް އެފަހަރުގެ އެންމެ ބޮޑު ބަދަލަކީ 45 މެންބަރުންގެ ތެރޭގައި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ހިމެނުމެވެ.
އެއާއެކު ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އާއެކު މެންބަރުންގެ ގޮނޑިއާމެދު ސުވާލު އުފެދި އިލެކްޝަން ކޮމިޝަނުން ވަނީ މިހާތަނަށް އެގޮތަށް 12 މެންބަރެއްގެ ގޮނޑި ގެއްލުވާލައިފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
މަސީހުގެ މައްސަލަ ބޭރުކޮށް މެންބަރުންގެ ގޮނޑި ގެއްލުނު ފަހުން މިދިޔަ ދައުރު ނިމިގެން ދިޔައީ މަޖިލީހުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އަޑުގަދަ ކުރުމާއި މަޖިލިސް ކުރިއަށް ނުގެންދިއުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގެ ތެރޭގައި އެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ 45 މެންބަރުންނެވެ. އެހެން ނަމަވެސް މެޖޯރިޓީ ނެތި ސަރުކާރުން ވަނީ އެބޭފުޅުން ބޭނުންވާ ބިލްތައް ބޭނުންވާ ދުވަހަކު ފާސްކޮށްފަ އެވެ. ވޯޓްގައި ބައިވެރި ނުވުމަށް އިދިކޮޅުން އަޑުގަދަކުރާ ބޭނުން ކޮށްގެންވެސް ވީ ކަމެއް ހަރާމެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ހަޅޭކުއަޑާއެކު މަސީހާ ހަމައަށް ދިޔަ ނަމަވެސް އެކަމަށް މަސީހު ދިނީ ބީރު ކަންފަތެކެވެ.
އެއާއެކު އިދިކޮޅުން މަޖިލީހަށް އަތްގަދަ ކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. ހަޅޭކުން ލިބުނު އެއްވެސް މޮޅެއް ނެތެވެ. އަދި މަޖިލިސް ދޫކޮށް ދިއުމުން ވީ ފައިދާއެއްވެސް ނެތެވެ. ދެން އޮތް ސުވާލަކީ އަންނަ މަހު މަޖިލިސް ފަށަން ތައްޔާރުވެފައިވާ އިރު، އިދިކޮޅުން ދެން ނެރެން އޮތީ ކޮން ފޯމިއުލާއެއް ހެއްޔެވެ؟ ނުވަތަ ދެން ކުޅޭނެ ކުޅިއެއް މި ޗެސް ގޭމްގައި އޮބެން ހެއްޔެވެ؟
އިދިކޮޅު ފަރާތްތަކުން މިހާރު އެންމެ ގަދައަށް ދައްކަމުންދާ އެއްވާހަކަ އަކީ މަޖިލިސް މިނިވަން ކޮށް މަޖިލީހުގެ ތެރެއިން ސަރުކާރު އިސްލާހު ކުރުމުގެ ވާހަކަ އެވެ. ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ، "2018 ވަނަ އަހަރު އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަމަކަށްވާނީ، މާތް ﷲ ގެ ވާގިފުޅާއެކު ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުން، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ އެންމެހައި އިއްޒަތްތެރި މެންބަރުންގެ މެންބަރުކަން ކަށަވަރުކޮށްދީ، އެބޭފުޅުންގެ ގޮނޑިކޮޅުތައް ހިމާޔަތްކުރުން،" ކަމަށެވެ. ސުވާލަކީ އެބުނާ މިނިވަން ކަން ހޯދިދާނެ ހެއްޔެވެ؟ އެބޭފުޅުންނަށް މަޖިލިސްގެ ބާރު އަނެއްކާވެސް ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟
އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ އެއް މެންބަރު ކަމަށްވާ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ގަބޫލު ކުރާ ވަކި ލެޖިސްލޭޝަނެއް ނުވަތަ އެޖެންޑާ އެއް އެބަ އޮތް ކަމަށެވެ. އަދި މަޖިލިސް މިހާރު ކުރިއަށްދަނީ އިންސާފުވެރިކަމާ އެކު ނޫން ކަމަށާއި 12 މެންބަރުންނާއި ނުލާ ކުރިއަށް ގެންދާ މަޖިލީހުން ނިންމާ ކަންކަން ގާނޫނާ ހިލާފު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ފުރަތަމަ މަސައްކަތަކީ 12 މެންބަރުންނަށް އަލުން މަޖިލީހަށް ވަދެވޭނެ ގޮތް ހެދުމެވެ.
"ގަބޫލެއް ނުކުރަން 12 މެންބަރުންނާއި ނުލައި މިހާރު ކުރިއަށް ގެންދާ މަޖިލީހަކީ ސައްހަ މަޖިލީހެއް ކަމަކަށް، މަޖިލިސް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެ 12 މެންބަރުން ބައިވެރިވެވެން ޖެހޭނެ، އެކަމަކީ އިދިކޮޅު ކޯލިޝަނުން މިހާރު އެންމެ އިސްކަމެއް ދީގެ ކުރަމުންދާ މަސައްކަތް، އެކަން ކުރިއަށް މި ގެންދަނީ،" ރިޔާޒް ވިދާޅުވި އެވެ. "އެންމެ ބޮޑު ފޯކަސް އަކީ މެންބަރުން ގޮޑީގެ މައްސަލައަށް ހައްލެއް ހޯދުން، އެގޮތުން ގާނޫނާ ހިލާފަށް އުލެކްޝަން ކޮމިޝަނުންނާއި މަސީހާއި އަމީންއާންމު ވެގެން މަޖިލީހުގެ 12 މެންބަރުންނަށް ނުވަދެވޭ ގޮތަށް ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓްގައި އެދިފައިވަނީ، އެކަން ހާސިލް ވުމުން ދެން ހުރި މަސައްކަތްތައްވެސް ފެށޭނެ،"
އިދިކޮޅު ކޯލިޝަނުން މިވަނީ މަޖިލީހުގެ ގޮނޑި ގެއްލުނު މައްސަލާގައި ގޮތެއް ނިންމުމަށް އަނެއްކާވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑަ އަޅައި އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އިދިކޮޅުން ވަނީ މައްސަލަ ވައްދާފަ އެވެ. އަދި ސުޕްރީމްކޯޓުގެ އިސް ފަނޑިޔާރުންނާއި ބައްދަލު ކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފަ އެވެ.
ނަމަވެސް ފެނިގެން މިދަނީ ކޮންމެ ދުވަހަކު އެއް ގަޑިއެއްގައި ސުޕްރީމްކޯޓަށް އިދިކޮޅު މެންބަރުންދާ މަންޒަރެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ގަޑީގައި އެސްސީ އަށް ކޮންމެ ދުވަހަކު ދަނީ އެމައްސަލައަށް އަވަސް ގޮތެއް ނިންމާތޯ އެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ފެނިގެން މިދަނީ އެކަން ހާސިލް ނުވެ ހުސްއަތާ ދޭނެ ޖަވާބެއްނެތި އެތަނުން ނިކުމެގެން އަންނަ މަންޒަރެވެ.
ގޮނޑީގެ މައްސަލަ ބާއްވަމާ ހިނގާށެވެ. އެކަން ހާސިލް ވާނެ ކަމެއް އަދި ބުނަން ނޭންގުނަސް އިދިކޮޅުން މިވަނީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދިއުމަށް ލެޖިސްލޭޝަނެއް ރާވާ ނިންމާފަ އެވެ. އެއީ 12 މެންބަރުންގެ ގޮނޑި އަނބުރާ ހޯދުމަށްފަހު ދެން ކުރަން ހުރި ކަންކަމެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ކުރުމަށް ރާވާފައި ހުރި ކަންކަމަކީ މަޖިލިސް ތެރޭގައި ގާނޫނާ ހިލާފަށް ނިންމާފައިވާ މައްސަލަތަކާއި ގާނޫނާ ހިލާފަށް ހިނގަމުންދާ ކަންކަން އިސްލާހު ކޮށް ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"އެއީ އެންމެ ފުރަތަމަ އަމާޒަކީ، އެކަންކަން ކުރުމަށްފަހު ނޫނީ ނެތް އިތުރު ކަންކަން ކުރުމެއް، ދެވަނަ ކަމަކީ އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތް ތައް ކުރުން، އެގޮތުން އިންސާފުވެރި ކަމާއެކު އިންތިހާބު ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.
އިދިކޮޅުން ލެޖިސްލޭޝަނެއް ރޭވި ނަމަވެސް ހުރިހާ ކަމެއްވެސް ބިނާވެފައި މިވަނީ އެބުނާ 12 މެންބަރުންގެ ގޮނޑިއާމެދު ގޮތެއް ނިންމިގެންނެވެ. އިދިކޮޅުން ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓުން މައްސަލަ ނިންމާނީ އެފަރާތްތަކަށް ބޭނުންވާ ގޮތަށް ކަމަށެވެ. އެމައްސަލަ އަށް ހައްލެއްލިބި އިދިކޮޅުން މަޖިލީހުގެ ބާރު ނަގާނެ ކަމަށެވެ. އެކަމަށް ސުޕްރީމްކޯޓަށް ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް އިދިކޮޅުން ބުނަމުން ދެއެވެ.
ސުޕްރީމްކޯޓަށް ހުރިހާ ބަރޯސާއެއްވެ އިދިކޮޅުން މިވަނީ މަޖިލީހަށް ތައްޔާރުވެފަ އެވެ. ސުވާލަކީ ސުޕްރީމް ކޯޓުން ނިންމާ ނިންމުން އެބޭފުޅުންގެ ފޭވާއަށް ނުނިމިއްޖެ ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އަނެއްކާވެސް ކުރިން ކަންތައްތައް ކުރަމުންއައި ގޮތަށް އަޑުގަދަކޮށް މަޖިލިސް ބޮއިކަޓް ކުރާނީ ހެއްޔެވެ؟ ނުވަތަ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެއް ހަތަރު ވަނަ މައްސަލައެއް ވައްދަން މަސައްކަތް ކުރާނީތޯ އެވެ. އެހެން ކަމުން މަޖިލިސް ހުޅުވުމުން މިކަންކަމަށް ސީދާ ޖަވާބެއް ލިބިގެންދާނެ ކަމަށް ބަލަމާ ހިނގާށެވެ.