(30 ޖެނުއަރީ 2018 އާ ގުޅޭ) -- "އަހަރެންގެ ހަޒްބަންޑް އޭނާގެ ގާތަށް ހިނގައްޖެ؟ ޑޯންޓް ވޮރީ... އެއީ ޑަކްޓަރެއް... އަހަންނަށް ކިޔަނީ އައިރާ... ޕްލީޒް ޑޯންޓް މޫވް" ނިމްރާގެ ބޮލުގައި އެ އަންހެންކުއްޖާ ހިފަހައްޓައިގެން އިނދެ ބުނެލިއެވެ. އޭނާގެ ދެއަތުން ނިމްރާގެ ބޮލުގައި ހިފަހައްޓާ ބާރުކުރާކަން ވެސް ނިމްރާއަށް އެނގެއެވެ.
"އައި އޭމް ސޮރީ... ސޮރީ..." ދެ ލޯ ހުޅުވައިގެން އޮތުން ނިމްރާއަށް ކުޅަދާނައެއްނުވިއެވެ. މަޑުމަޑުން އެ ދެ ލޯ މެރިއްޖެއެވެ.
ގިނަ އިރެއްނުވެ އެމްބިއުލާންސް އަތުވެއްޖެއެވެ. އެކްސިޑެންޓިވި ދެ އަންހެންކުދީންނާއެކު އެ މަންޒަރު ދުށް ދެމަފިރިން ވެސް ދިޔައެވެ. އެކްސިޑެންޓްވި ދެ ކުދީންގެ ތެރެއިން އެއްކުޖަކީ މާބަނޑު އަންހެނެކެވެ. ހަމައެއާއެކު އެވަގުތު އެ ސަރަޙައްދުގައި ހުރެވުނީ ހުޅުމާލޭގައި އެންމެ ފަހުން ހުޅުވި އަންހެނުންނަށް ޚާއްޞަ ކުލިނިކުގެ އެންމެ އިސް އެއް ޚިއްޞާދާރަށެވެ. ވޮމެންސް ކެއަރގެ ދެ ޚިއްޞާދާރުންގެ ތެރެއިން އެކަކު ކަމަށްވާ ޑަކްޓަރ ލޫކަންއެވެ. އެމްބިއުލާންސުގައި އިން ޑްރައިވަރަށް އިރުޝާދު ދެމުން ދިޔައީ ޚުދު ލޫކަންއެވެ. އޭނާގެ އަތްމަތީގައި އޮތް ދެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރެވުނު މަސައްކަތެއް އޭނާ ކުރަމުން ދިޔައެވެ.
"ވޮމެންކެއާރ" ކުލިނިކު ހިންގާ އިމާރާތުގެ ކުރިމައްޗަށް އެމްބިއުލާންސް މަޑުކޮށްލި އިރު ލޫކަންގެ ފޯންކޯލާއެކު ތަނުގެ އެހީތެރީންނާއި އިތުރު ޑަކްޓަރެއް ތިބީ ދޮރުކައިރިއަށްނުކުމެވެ. އެމްބިއުލާންސުގެ އަށިގަނޑުމަތީ ދެ އަންހެން ކުދީން އެތެރެއަށް ވެއްދިއެވެ. އެވަގުތު މަގުމަތީގައި ހިސާބަކަށް މީހުން އުޅޭތީ ވާނުވާ ބަލަން ބައެއް މީހުން އެމްބިއުލާންސް ދޮށަށް އަންނަމުން ދިޔައެވެ.
"ފިރާ! ކޯލް ޕޮލިސް... ރިޕޯޓް ދި އެކްސިޑެންޓް..." ކުލިނިކުގެ ދޮރުން ވަންނަ އިރު ފުރަތަމަ ވެސް ފެންނަން ހުންނަ ކައުންޓަރުގެ ދޮށުގައި އިން އަންހެން ކުއްޖާއަށް ލޫކަން ނިކަން އަވަހަށް ބުނެލިއެވެ. އަވަސް ފަރުވާދިނުމަށް ދެ އަންހެންކުދީން އެތެރެއަށް ގެންދިޔައިރު ލޫކަން މަޑުކޮށްލީ އޭނާއާއެކު އެތަނަށް ވަން އޭނާގެ އަނބިމީހާއަށް ބަލާލުމަށެވެ.
ހަފުތާގެ ކޮންމެ ބުރާސްފަތި ދުވަހަކީ ލޫކަންގެ އޮފް ޑޭއެވެ. އެ ދުވަހަކީ އޭނާގެ އަނބިމީހާ އައިރާއަށް ޓަކައި ހުސްކޮށްލަދޭ ދުވަހެކެވެ. ޒަހަމްވެފައި އޮތް މީހަކު ފެނުމުން ވަގުތުން އޭނާއާ ކުރިމަތިލާންވީ ގޮތް ލޫކަންއަށް ބުނެދިނީ އޭނާގެ ދާއިރާއެވެ. ޑަކްޓަރަކަށްވެ ލިބިފައި ހުރި ތަޖުރިބާއިންނެވެ. އެހެންނަމަވެސް އައިރާއަކީ އެފަދަ މަންޒަރުތަކަށް ހޭނިފައިވާ މީހެއް ނޫންކަން އޭނާއަށް އެނގެއެވެ.
"އާ ޔޫ އޯލްރައިޓް... އައި ހޭވް ޓު ގޯ ބޭބީ" އައިރާގެ އަތުގައި ހިފާލާފައި ކަނާތުން އައިރާގެ ކޯތާފަތުގައި އަތްޖައްސާލަމުން ލޫކަން ބުނެލީ ހިތް އަވަސްވެފައި ހުރެއެވެ. ކަންބޮޑުވެފައި ހުރި އައިރާ ވެސް އަވަސް އަވަހަށް ބޯޖަހާލީއެވެ. އަދި ލެއިން ކަޅިވެފައި އޮތް އޭނާގެ ދެ އަތްތިލައަށް ބަލާލިއެވެ.
"ގޯ ވޮޝް އިޓް... ވައި ޑޯންޓު ޔޫ ގޯ ހޯމް. އައި ވިލް ކޯލް ޑޭޑް" އެމެރިކަން އެކްސެންޓުގައި ފަރިތަކަމާއެކު ލޫކަން ބުނެލިއެވެ.
"އެ ދެ ކުދީން ސަލާމަތްވާނެތަ؟ ބޭބީ... ބޭބީ ސަލާމަތްކުރެވޭނެތަ؟" އައިރާއަށް އަހާލެވުނެވެ.
"ދޭ އާ ބްލީޑިންގ... ނެވާ ނޯ... އިންޝާﷲ! ލެޓްސް ހޯޕް ފޯ ދި ބެސްޓް... އޯކޭ... އައި ހޭވް ޓު ގޯ" ކެތްތެރިކަން ކުޑަވެފައި ހުރިހެން ލޫކަން ބުނެލިއެވެ. އޭނާގެ ޒިންމާ އަދާ ކުރުމަށް ހުރަހަކަށް ވާން އައިރާ ވެސް ބޭނުމެއްނޫނެވެ.
"އައި ވިލް ވެއިޓް ހިއަރ... ޔޫ ގޯ" ލޫކަންގެ އަތުގައި އަޅާ ދާށޭ ބުނާ ފަދައިން އައިރާ ކޮއްޕާލިއެވެ.
ކުލިނިކުގައި އެވަގުތު ވެސް ދެ ތިން މާބަނޑު މީހުން ޑަކްޓަރަށް ދައްކާ ނުނިމި ތިއްބެވެ. އެމީހުންގެ މޫނުމަތީން ވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. އެންމެންގެ ނަޒަރުތަކުން ސަލާމަތްވާން އައިރާ ވަނީ ލޫކަންއަށް ޚާއްޞަ ކުރެވިފައި ހުންނަ ކެބިންއަށެވެ. މީހުންގެ ތެރޭގައި އިނުން އޭނާއަށް ފަސޭހަނުވާނޭތީއެވެ. ފެނުނު މަންޒަރުން އޭނާ އަދިވެސް އިނީ ޝޮކެއްގެ ތެރޭގައެވެ.
* * * *
ރޭގަނޑު އެގާރަގަނޑި ބައިވަނީއެވެ. ސިޓިންރޫމު ފާރުގައި ހުރި ހަތަރެސްކަން ގަޑިއަށް ރަޒިއްޔާ ބަލާލިއެވެ. އަދި "ޕިސްޕިސް" ލައްވާލީ ހިތްހަމަނުޖެހިފައި އިންހެނެވެ. މަޑުމަޑުން ސޯފާއިން ތެދުވެގެން އައިސް ދޮރޯށި ދޮށުގައި މަޑުކޮށްލިއެވެ. އެ މަގަކީ އެއްކޮޅަށް ދުއްވާ މަގަކަށްވާތީ ދުއްވާ އެއްޗެހި އަންނާނޭ ދިމާއަށް ނަޒަރު ހުއްޓާލައިގެން ރަޒިއްޔާ ހުއްޓެވެ.
"ހާދަ ލަސްވެއްޖެޔޭ! ކިހާ ހިސާބަކަށްތޯ ދަނީ އަހާލާކަށް ވެސް ހަނދާނެއްނެތް. މިހާރަކައަށް އައިސް ނިމްރާ އުޅެނީ ނިކަން ފާޑަކަށް. ހީވަނީ ކޮންމެވެސް ކަމަކާ ދެރަވެފައި ހުންނަހެން... ކަމެއްވިޔަސް ނުބުނާނެ! ދެރަކަމަކީ އެ ދަރިފުޅުގެ ރައްޓެއްސެއްހާ ހިސާބު ވެސް ނުހުންނާތީ. އެ މިޢުވާނަކަށް ވެސް އަހަންނަށް އިތުބާރެއްނުކުރެވޭ. ބައެއްފަހަރު ހީވޭ އަހަރެންގެ ނިމްރާގެ ފަރާތުން ފައިދާގަނޑެއް ނަގަންށޭ އޭނާ އުޅެނީ... އެކަމާ ވެސް އަބަދު އެއްޗެހި ކިޔަން ނުކެރެނީ ނިމްރާގެ އެ ހުންނަ ގޮތަކުން. އެ ދަރިފުޅަށް އޭނާ ކަމުދާވަރު އެނގޭތީ... ނިމްރާ! ކޮބާތަ ދަރިފުޅު؟" އަމިއްލައަށް ވާހަކަދައްކަން ހުރެފައި އަނެއްކާ ވެސް ރަޒިއްޔާ ނިމްރާ ކޮބާތޯ ސުވާލުކޮށްލީ އަމިއްލަ ޟަމީރާއެވެ.
"ރަޒިއްޔާ! ކިހިނެއްވެފައި ތި ހުރީ؟" ވެހެމުން ދިޔަ ވާރޭއަށް ފަރުވާލެއްނެތި ދޮރޯށީގެ އަސްކެނި ދަށުގައި ރަޒިއްޔާ ހުރިތަން ފެނި ގެއަށް ވަންނަން އައި ހަމީދު އަހާލިއެވެ.
"ކަމެއްނުވޭ! މި ނޫންރެއެއް މިހާރު ނާދެއެއްނު. އަބަދު ވެހިލަ ވެހިލާ އެ އޮންނަނީ" ރަޒިއްޔާގެ ހާސްކަން އަވަށްޓެރިޔާއަށް ފޮރުވާލިއެވެ. ހަމީދު ވެސް އިތުރު ސުވާލެއްނުކޮށް އޭނާގެ ބޯމައްޗަށް ނަގާފައި ހުރި ކުޑައިގެ ހިޔަލުގައި ގޮސް ރަޒިއްޔާމެން ގޭގެ ކުރިމައްޗަށް ހުރި ގެއަށް ވަދެއްޖެއެވެ. ރަޒިއްޔާގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތެއެވެ. ފޯނަށް ފެންއެޅި ދާނޭތީވެ ހިޔާކޮށްފައި އޮތް ގޭތެރެއަށް ކުޑަކޮށްޖެހިލާ ރަޒިއްޔާ ފޯނުކޯލަށް ޖަވާބުދިނެވެ.
"ސުބްޙާނައްﷲ!.... ހުޅުމާލެއޭ... އާނ! އާނ! މި ދަނީ..." ލިބުނު ޚަބަރާއެކު ރަޒިއްޔާއަށް ތެޅިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ސިޓިންރޫމު ތެރެއިން އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ. އަލަމާރި ހުޅުވާލާފައި ވޮލެޓު ނެގިއެވެ. އޭގައި ބޭނުންވާ ވަރަށް ރުފިޔާ ހުރިތޯ ބަލާލިއެވެ. ސަތޭކައިގެ ގަނޑުން ތިންސަތޭކަ އޮތެވެ. އެވަރުން ނުވާނޭހެން ހީވެ އަލަމާރިތެރޭ ހުރި ތިޖޫރީ ހުޅުވިއެވެ. އެއިން ބޭނުން ވަރަކަށް ފައިސާ ނެގިއެވެ. އަދި ރަޒިއްޔާގެ އަތްދަބަސްތެރެއަށް ވޮލެޓުލާ ގޭގައި އަޅައިގެން އުޅޭ ބުރުގާ ބާލާ ރީތި ބުރުގާއެއް އަޅާލިއެވެ. ބުޑުނިވާވަރުގެ ތިނެސްކަން ކަޅު ބުރުގާއާއެކު ކަޅުކުލައިގެ ޖިލްބާބު ހެދުމުގައި ހުރި ރަޒިއްޔާ ކޮޓަރިން ނުކުމެ ތަޅުލިއެވެ. އަދި ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީ ނިއްވާލާ އަވަހަށް ޓެކްސީއެއް ލިބޭތޯ އުޅުނެވެ. މިފަދަ ކުއްލި ހާލަތްތަކުގައި ރަޒިއްޔާއަށް އޭނާގެ ފިރިމީހާނެތްކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވެއެވެ. އެހީތެރިވާނޭ އިތުރު ފަރާތެއް އޭނާގެ ހުރީކީ ނޫނެވެ. ދެތިން ޓެކްސީ ސެންޓަރަށް ގުޅުނުއިރު ވެސް އެ ގެއާ ހަމައަށް އަންނާނޭ ޓެކްސީއެއް ނުލިބުނެވެ. އެހެންވެ އިތުރަށް ގޭގައި މަޑުނުކުރަން ވެގެން ކުޑައެއް ނަގައިގެން ގެއިން ނުކުތީއެވެ. ގެއާ ކައިރީގައި ހުރި ޓެކްސީ ސެންޓަރަށް ރަޒިއްޔާ އައިސް ވަނެވެ. ކައުންޓަރު ދޮށުގައި އިން ޒުވާން ފިރިހެންކުއްޖާގެ ގާތުގައި ރަޒިއްޔާ އާދޭސްކޮށްލިއެވެ.
"ކޮއްކޯ! މި ދައްތަގެ ދަރިފުޅު މަރަށް ފުރާނައަށް ތެޅެނީ... ދައްތައަށް ޓެކްސީއެއް ނިކަން ހޯދާ ދީބަލަ. ހިނގައިފައި ދާނޭވަރެއް މި ދެފައިގައި މިއަދު ނެތް" ރަޒިއްޔާގެ ހާލު ފެނި ސެންޓަރުގައި އިން ޒުވާނާ ކަންބޮޑުވިއެވެ. އެ ތަނުގައި ހުރި ޕްލާސްޓިކު ގޮނޑިއެއް ދައްކާ އޭގައި ރަޒިއްޔާ ބޭންދުމަށްފަހު އޭނާގެ އެންމެ އިސްކަމެއްގެ ގޮތުގައި ރަޒިއްޔާއަށް ޓެކްސީއެއް ހޯދައިދިނުން ހެދިއެވެ. ރަޙުމަތްތެރިއަކަށް ސެޓުން ގޮވާލުމަށްފަހު އެ ޒުވާނާ އެދުނީ އޭނާއަށް ޓަކައި ނިކަން އަވަހަށް ސެންޓަރު ދޮށަށް އައިސް ދިނުމަށެވެ.
"ދައްތާ! އެ އައީ ކާރު!... އަވަހަށް އަރާ..." ހިތްހެޔޮކަމާއި އޯގާތެރިކަން އެ ޒުވާނާގެ ފަރާތުން ފެނިގެންދިޔައެވެ. ކަންބޮޑުވެފައި ހުއްޓެއްކަމަކު އެ ޒުވާނާގެ ކޮނޑުގައި ރަޒިއްޔާއަށް ފިރުމާލެވުނީ ޝުކުރުވެރިކަމާއެކުއެވެ. އެހިނދު އެ ޒުވާނާގެ މޫނުމަތިން ފާޅުވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ކޮންމެ ހެޔޮ ޢަމަލަކީ ހިތަށް ފިނިކަން ލިއްބައިދޭ އެއްޗެކެވެ. އެއީ ކިތަންމެ އާދައިގެ ކުޑަކުޑަ ކަމަކަށްވިޔަސްމެއެވެ.
"އިންތި! މި ދައްތަ ބޭނުންވާތަނަކަށް ބަލައިގެން ގެންގޮސްދެއްޗޭ" ޓެކްސީ ދުއްވަން އިން ޒުވާނާއަށް ގޮވާލާފައި ސެންޓަރުގެ ދޮރުމަތީ ހުރި ޒުވާނާ ބުނެލިއެވެ.
ހުޅުމާލެއާއި މާލެއާ ދެމެދުގައި އަޅާފައި އޮތް ފާލަމަށް އަރަން ޗެކުޕޮއިންޓުގައި މަޑުކޮށްލައިގެން ޓެކްސީ އޮތެވެ. ޑްރައިވަރުގެ ލައިންސެންސާއި އެހެނިހެން ތަފްޞީލު ބެލުމަށްފަހު ހުއްދަ ލިބުމާއެކު ޓެކްސީ ދުއްވާލީ އިހުނަށްވުރެ ބާރަށެވެ. މާލޭގެ ހަނިމަގުތަކުގައި ދުއްވުމަށްވުރެ މިނިވަންކަމާއެކު އުޅަނދުތަކަށް ދެވޭނޭ މަގު ފަހިވެފައި އޮތީމައެވެ.
"ދައްތާ! ކޮން ހޮސްޕިޓަލެކޭތަ ބުނީ؟" ޑްރައިވަރަށް އިން ޒުވާނާ އަހާލިއެވެ. އެހިނދު ފަހަތު ސީޓުގައި އިނދެފައި ރަޒިއްޔާ އޭނާގެ ފޯނު ދައްކާލިއެވެ. އެ ފޯނުގައި ލިޔެފައި އޮތް މެސެޖު ކިޔާލާފައި އެއީ ކޮންތަނެއްކަން އެ ޒުވާނާއަށް އެނގިއްޖެއެވެ.
ކުލިނިކުގެ ކައިރިއަށް ރަޒިއްޔާ އިން ޓެކްސީ މަޑުކޮށްލި އިރު އެ ހިސާބުގައި ޕާކުކޮށްފައި އޮތް ފުލުހުންގެ ޖިޕު ލޮލުގައި އަޅައިގަތެވެ. ޓެކްސީއަށް ފައިސާ ދައްކާފައި ރަޒިއްޔާ ފައިބަން އުޅުނު އިރު އެ ޒުވާނާ ވެސް ކާރުން ފައިބައިގެން އައިސް ރަޒިއްޔާއަށް އެހީތެރިވިއެވެ. ރަޙުމަތްތެރިޔާގެ އެދުމަށް ކަމޭ ހިތުމުގެ ގޮތުން ކަހަލައެވެ. އުމުރުން ދުވަސްވީ މީހުންނަށް ޒުވާނުންގެ އެހީތެރިކަން ބޭނުންވާނޭކަން ދެނެ ހުރެއެވެ. ކުލިނިކުގެ ދޮރު ހުޅުވާލަ ދިނުމާއެކު ރަޒިއްޔާ އެތެރެއަށް ވަންނަން ދެން އެ ޒުވާނާ މަޑުކޮށްލިއެވެ. އޭނާގެ މަސައްކަތަށް އެނބުރި ދިޔައީ ދެނެވެ.
"މި ތަނުން އަޅުގަނޑަށް ގުޅީމަ" ކައުންޓަރު ދޮށަށް ހުއްޓި ރަޒިއްޔާ އަވަސް އަވަހަށް ވާހަކަދެއްކިއެވެ.
"ކޮންނަމެއް ކިޔަނީ..." ކައުންޓަރުގައި އިން ފިރާޝާ ކޮޅަށް ތެދުވެ ހުރެ އަހާލިއެވެ. ރަޒިއްޔާގެ ނަން ބުނުމުން ނިމްރާގެ އެކްސިޑެންޓުގެ ވާހަކަ ކިޔައިދިނެވެ. ނިމްރާގެ ވޮލެޓާއި ފޯނާއި އަދިވެސް އެހެނިހެން ބައެއް ސާމާނު ރަޒިއްޔާއާ ހަވާލުކުރިއެވެ. އެތަނަށް އައިސްތިބި ފުލުހުން ރަޒިއްޔާއާ ބައްދަލުކުރަން ބޭނުންވާ ކަމާއި ނިމްރާގެ ބެލެނިވެރިއަކީ އެއީކަން ހޯދީ ފުލުހުން ކަމަށް ބުނެލިއެވެ. ޑަކްޓަރ ގުޞައްޔު ފެނުމާއެކު އޭނާއަށް އަތުން ހާނާ އަޅާލާފައި ފިރާޝާގެ ގާތަށް އައުމަށް އެދުނެވެ. އޭނާ އައުމުން ރަޒިއްޔާ ދައްކާލާފައި އެއީ ނިމްރާގެ ބެލެނިވެރިޔާކަން ބުނެލިއެވެ. ފުލުހުންގެ ޔުނީފޯމުގައި ތިބި ދެ ފިރިހެނުން ގާތަށް ރަޒިއްޔާ ގެންދިޔައީ ޑަކްޓަރު ގުޞައްޔުއެވެ.
"ނިމްރާ ފެނިދާނެތަ؟" އެންމެން ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރަމުންދިޔަ ރަޒިއްޔާ އެދުނެވެ. އެހިނދު ފުލުހުންގެ ޔުނީފޯމުގައި ތިބި ދެ ޒުވާނުން ބަލާލީ ޑަކްޓަރ ގުޞައްޔާ ދިމާއަށެވެ.
"ހޭ އެރީމަ އެއްޗެއް ބުނަން އެނގޭނީ. ވަރަށް ބޮޑަށް ބޮލުގެ ވައަތްފަރާތުން ފަޅައިގެން ގޮސްފައި އޮތީ. ވައަތު ކުޑަވައި އިނގިއްޔާއި ކަށިއިނގިލި ބިނދި، ވައަތު ފައިގެ ކުޑަހުޅާ ދިމާލުން ފްރަކްޗަރ ވެފައި ހުރީ. ޑަކްޓަރު އަދިވެސް ބަލަމުން އެ ދަނީ. އިހަށް މަޑުކޮށްލާ... ޕޭޝަންޓް ސްޓޭބަލް ވެލަންދެން" ޑަކްޓަރު ގުޞައްޔު އެއްފަހަރު ރަޒިއްޔާއަށް އަނެއްފަހަރު ފުލުހުންގެ ދެ ޒުވާނުންނަށް ނަޒަރު އަމާޒުކޮށްލައެވެ.
ނިމްރާ ފެންނާނެ އިރެއްގެ އިންތިޒާރުގައި އިން ރަޒިއްޔާގެ ލޮލުގައި އެ ތަނުގައި ހަރަކާތްތެރިވާ އިތުރު ޢާއިލާއެއް ފެނުނެވެ. މީހުން ގިނަވެފައި އެ މީހުންގެ ހަރަކާތްތައް ހުރި ގޮތުން އެއީ ނިމްރާއާއެކު އެކްސިޑެންޓުވި ދެވަނަ ކުއްޖާގެ ޢާއިލާކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. ހަރުވައްތަރު ޖަހާ ދެ ފިރިހެނުން އެތަނުގައި ތިބިއިރު އަންހެނަކު ގިސްލަގިސްލާފައި ރޮނީއެވެ. އޭނާގެ ދެ ފަރާތުގައި ފުރާވަރުގެ އަންހެންކުއްޖަކާއި ޒުވާން ފުރައިގެ އަންހެންކުއްޖަކު ތިއްބެވެ. އެ މީހުން ތިބީ ރޮވިފައެވެ. އެމީހުންގެ ކުރިމަތީ ގޮނޑިބަރީގައި އެކަނިމާ އެކަނި އިން ޒުވާނާ އިނީ ފައިގައި ދެ އުޅަންބޮށިކޮޅު ވިއްދާލައިގެން ކުރިއަށް ގުދުވެލައި ޖޯޑުކޮށްލެވިފައި އޮތް އަތުގައި ނިތްކުރި ޖައްސާލައިގެންނެވެ. ދޭތެރެއަކުން އޭނާ ދެ ލޯ ފުހެލާތަން ފެނެއެވެ. އެ ޢާއިލާގެ ހިތާމަވެރިކަން ފެނި ނުރޯން އިން ރަޒިއްޔާގެ ފެންކަޅިވެފައިވާ ދެ ލޮލުން ކަރަނައިގެ ރޮނގު ތިރިއަށް ދެމިގެންފިއެވެ.
"އަހަރެންގެ ޢާއިލާއަށް މިވަނީ ކާކުގެ އެސްފީނާއެއްކަމެއް ނޭނގެ ޖެހިފައި... ޒުވާންދަރިފުޅު ވެސް ވަކިވެގެން ދިޔައީ. އެޔަށްފަހު ފިރިމީހާ... މިހާރު އަހަރެންގެ ހަމައެކަނި އުންމީދު... އަހަރެން ނިމްރާ. ޔާ ﷲ... މިއަޅާ ތިވަރަށް އިމްތިހާނު ނުކުރައްވާ. މުސްކުޅިވި ދުވަހު އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވެފައިވާއިރު އެކަނި ހާލާގެން ދުނިޔެއާ ކުރިމަތިލާނެ ހިތްވަރެއް ނެތް. ދަރީންގެ އުމުރު ދިގުކުރެއްވުމަށް މައިންބަފައިން އަބަދުވެސް ދުޢާކުރޭ. ދުނިޔޭގައި ތިބެ މައިންބަފައިންނަށްވުރެ ދަރީން ކުރީން މަރުވުމަކީ ފުރާނަހުއްޓާ މަރުވުން ފަދަ އިހުސާސެއް ކުރެވިގެންދާކަމެއް. ނިމްރާއާ ވަކިވާކަށް ބޭނުމެއްނޫން... އެ ދަރިފުޅަށް ޝިފާ ދެއްވަވާ ދުނިޔޭގައި ކުޑަކުޑަ ދުވަސްކޮޅު އުޅުމުގެ ނަސީބު މިންވަރުކުރެއްވުން މި ހިތުގެ ދުޢާއަކީ" ރަޒިއްޔާ މޫނުގައި ދެއަތް އަޅާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މޫނު ފުހެލިއެވެ. (ނުނިމޭ)