ފެޝަން

ޒާރާގެ "މުންޑު"ވީ ބޮޑު ޖޯކަކަށް

މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ ޒާރާ އިން ބާޒާރަށް ނެރުނު ފްލޯވިން ސްކާޓެއް ނުވަތަ ލުންގީ "މުންޑު" އަކާ ވައްތަރުވުމުން ގިނަ ބަޔަކަށް އެކަން ޖޯކަކަށްވެ މަލާމާތްކުރަން ފަށައިފި އެވެ.

އެންމެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ މި ސްކާޓުގެ އަގެވެ. މި ސްކާޓް ގޮތައް ހުންނަ ލުންގީ އެއް ތިން ޔޫރޯ އަށްވުރެ އަގުހެޔޮކޮށް ލިބޭއިރު މި ސްކާޓްގެ އަގު އުޅެނީ 70 ޔޫރޯ އަށެވެ.

މީހުން ބުނަމުންދަނީ ޒާރާ "ބައްޕަގެ މުންޑު" އަގުބޮޑުކޮށް ވިއްކަން އުޅެނީ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދަނީ ޒާރާ "ބޮޑުބޭބޭގެ މުންޑު" ވިއްކަން އުޅެނީ ކަމަށެވެ.

މި ސްކާޓާއި ގުޅިގެން އެންމެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ޓުވިޓާގަ އެވެ. ޓުވިޓާގައި ބައެއް މީހުން ބުނެފައިވަނީ ލުންގީގެ ޑިޒައިން ކޮޕީ ކޮށްގެން ޒާރާ އިން އަގުބޮޑު ސްކާޓެއް ނެއްލީކަމަށެވެ.

ލުންގީ އަކީ އާންމުކޮށް އެޝިއާގެ ގައުމުތަކުގައި ހޫނު މޫސުމުގައި ފިރިހެނުން ލައި އުޅޭ މުންޑާކާއި އެއްގޮތްކަން ހުންނަ އެއްޗެކެވެ.

ޕްރާންސްގެ މި ބްރޭންޑުން މީގެ ކުރިންވެސް ބާޒާރަށް ނެރުނު ޕްރޮޑަކްޓަކަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. އެފަހަރު ނެރުނީ އިސްޓާކީނަކާއެކު އަރާ ހީލް އެކެވެ. އެކަންވެސް ގިނަ ބަޔަކަށްވީ ބޮޑު ޖޯކަކަށެވެ.