ހަބަރު

"ދަރިވަރުން ކުރިއަރުވަން ކުރާ މަސައްކަތް ދަނީ ކާމިޔާބު ވަމުން"

ދަރިވަރުން ބައިނަލް އަގުވާމީ މައިދާނުގައި ވާދަކޮށްލެވޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބާމިޔާބީގެ ކުލަތައް ޖެހެމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އޯލެވެލް އިން ދަރިވަރުން ހޯދި ކާމިޔާބާ ގުޅިގެން މިނިސްޓަރު ދެއްވި މެސެޖްގައި ވިދާޅުވީ، މިދިޔަ އަހަރު ސާނަވީ އިމްތިހާނު ދަރިވަރުން ހޯދާފައިވާ ކާމިޔާބީ އަކީ ވަރަށް ހާއްސަ އަދި މަތިވެރި ކާމިޔާބީ އެއް ކަމަށެވެ. އަދި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް ވަނީ 77 ޕަސެންޓަށް އަރާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެި ނަމާއި ޝަރަފު އުފުލާލަދޭނީ މާއްދާތަކަށް ތައްޔާރުކުރެވިފައިވާ ދަރިވަރުންތަކެއް ބިނާ ކުރެވިގެން ކަމަށާއި އެ މަސައްކަތް ކުރަން ޖެހެނީ މިއަދު ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމާއި ހަކަތަ އެއްކުރަނީ ދަރިވަރުން ކުރިއެރުވުމުގައި ކަމަށެވެ. އެގޮތުން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރެވެމުންދާ ކަމަށާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީގެ ކުލަ ޖެހެމުންދާ މަންޒަރު ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުންނާއި ބެލެނިވެރިންގެ މޫނުމަތިން ފެންނަ ހިނިތުން ވުމަކީ ގައުމުގެ ކުރިއެރުން ރަމްޒުކޮަށްދޭ އަގުހުރި މިސާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ލިބުނު ކާމިޔާބީ އަށް މަރުހަބާ ކިޔައި އެފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އޯލެވެލްގައި ސުކޫލުތަކުން ހޯދު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ސުކޫލުތަކުގައި މިއަދު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ފަތިސްނަމާދު ޖަމާއަތުގައި ސްކޫލްތަކުގައި ކުރުމާއެކު ފަތިސްނަމާދަށްފަހު ކީރިތި ގުރުއާން ހަތިމްކުރުމުގެ ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ހެނދުނު ސްކޫލްތަކުގައި ހާއްސަ އެސެމްބްލީއެއްވެސް ބޭއްވާފައި ވެއެވެ. އެސެމްބްލީގައި ހާއްސަ ދުވާއެއް ކޮށްފައި ވެއެވެ. އޭގެ އިތުރުން ދުވަހާއި ގުޅުވައިގެން ދަރިވަރުންގެ ހާއްސަ ހަރަކާތްތަކެއްވެސް ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.