ހަބަރު

ފަނޑިޔާރުންނަށް އިންޒާރުދިނުމުގެ ބާރެއް ރައީސަށް ނެތް: އިދިކޮޅު

ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވައި މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އަމާޒުކޮށް އިންޒާރުދިނުމުގެ އެއްވެސް ބާރެއް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ގާނޫނުން ލިބިދީފައިނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރުންގެ މަސައްކަތަކަށް ނުފޫޒުފޯރުވައި ފަނޑިޔާރުންނަށް ބިރުދެއްކެވުމުގެ ގޮތުން ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ، އެމަނިކުފާނަށް ތާއީދު ނެތެމުން ދައްކަމުން ގެންދަވާ ވާހަކަތަކެއް ކަމަށެވެ. އަދި ބިރުދައްކަ ފަނޑިޔާރުންނަށް ކަންކަން މަޖުބޫރު ކުރުވައިގެން ފަނޑިޔާރުން މެދުވެރިކޮށް ކުރަމުންގެންދާ މަސައްކަތަކީ ރައީސް ޔާމީން ވެރިކަމުގައި ހުރުމަށް ކުރަމުން ގެންދަވާ މަސައްކަތް ކަމަށް ބަޔާނުގައި ވެއެވެ.

"ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ، އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެނެއް ނުވާނެ. އެހެންކަމުން، ޝަރުއީ ކޯޓުތަކަކީ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މާހައުލު ލިބިފައި އޮންނަންޖެހޭނޭ ތަންތަންކަމުގައި ވުމީ ގާނޫނުއަސާސީ ތަސައްވުރު ކޮށްފައިވާ ގޮތް" އިދިކޮޅުގެ ބަޔާނުގައި ެވެއެވެ.

ބަޔާނުގައި ވަނީ، ރައީސް ޔާމީން ފަނޑިޔާރުންނަށް ނިސްބަތްކޮށް އާންމުތަންތަނުގައި ދައްކަވަމުން ގެންދާ ވާހަކަފުޅުތަކަކީ އިންތިހާއަށް އިއުތިރާޒުކުރާ ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް ޔާމީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކެވުމުގެ ގޮތުން ދައްކަވާ ވާހަކަތައް ދެއްކެވުން ހުއްޓާލެއްވުމަށް ބަޔާނުގައި ގޮވާލާފައި ވެއެވެ.

"ރައީސް އަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމުގައިވީ ނަމަވެސް، އެ ހައިސިއްޔަތުންވިޔަސް ޝަރުޢީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވައި، މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އަމާޒުކޮށް އިންޒާރުދިނުމުގެ އެއްވެސް ބާރެއް ރައީސަކަށް ގާނޫނުން ލިބިދީފައެއް ނުވޭ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ގާނޫނުއަސާސީގެ ބޭރުން ރައީސް ޔާމީން ކުރަމުން ގެންދަވާ ކަންކަން ހުއްޓުވައި ރައީސް ޔާމީންގެ ވެރިކަން ހަމަމަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއެކު ދެމި ތިބޭނެ ކަމަށެވެ.

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި އެންމެ ފަހުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓު މަގުން ކައްސާލާ ނަމަ، އެ ކޯޓް ހަމަ މަގަށް އެޅުވުމަށް ހުންނަ ފަރާތަކީ އެ އިރަކު ހުންނަވާ ރައީސަކު ކަމަށެވެ. އަދި ސަރުކާރުންވެސް ގާނޫނާ ހިލާފު ކަމެއް ކުރާ ނަމަ ބޭނުން މުއައްސަސާއަކަށް ދިއުމުގެ އިހްތިޔާރު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.