މެލޭޝިއާ ލީގުން ހޮވާލެވޭ ޓީމަކާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއާ މި މަހުގެ ފަހުކޮޅު މެލޭޝިއާގައި ކުޅޭ މެޗުގައި ކުޅުމުގެ ފުރުސަތު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ދޭނެ ކަމަށާއި އެއީ ދަގަނޑޭ އަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ބުނެފި އެވެ.
ޕޮޕޯފް މިރޭ ބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރާއި ހޮންކޮންގްއާ ދެކޮޅަށް އަންނަ މަހު ކުޅޭ ދެ މެޗުގެ ކުރިން ރާއްޖޭގެ ގައުމީ ޓީމު މި މަހުގެ 19 ވަނަ ދުވަހު ތަމްރީނު ދަތުރެއްގައި ދެކުނު ކޮރެއާ އަށް ދާން ހަމަޖެހިފައި އޮތް ނަމަވެސް، އެ ދަތުރުގައި ދަގަނޑޭ ބައިވެރިނުވާނެ ކަމަށެެވެ. އެއީ ޓޮޓެންހަމްއާ ދެކޮޅަށް މެލޭޝިއާ ލީގުން ހޮވާލެވޭ ޓީމު ކުޅޭ މެޗުގައި ދަގަނޑޭ އަށް ކުޅުމުގެ ފުރުސަތު ދޭތީ ކަމަށް ޕޮޕޯފް ބުންޏެވެ.
"އަހަރެން އުފާކުރަން ދަގަނޑޭ އަށް އެކަހަލަ ފުުރުސަތެއް ލިބުމަކީ. ޓޮޓެންހަމް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތަކީ ކެރިއަރުގައި އަބަދު ލިބޭނެ ފުރުސަތެއް ނޫން،" ޕޮޕޯފް ބުންޏެވެ. "އަހަރެން އުންމީދުކުރަން އެ މެޗުގައި ދަގަނޑޭ މޮޅު ކުޅުމެއް ދައްކައިފިނަމަ. ކިހިނެއް އެނގެނީ އެ މެޗުގައި ދަގަނޑޭ މޮޅު ކުޅުމެއް ދައްކައިފި ނަމަ، އޭނާ އަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެދާނެ."
މެލޭޝިއާ ލީގުން ހޮވާލެވޭ ޓީމުގައި ބިދޭސީ ފަސް ކުޅުންތެރިން ހިމެނުމުގެ ފުރުސަތު މެލޭޝިއާގެ ގައުމީ ޓީމުގެ ކޯޗު ޑޯލާ ސަލޭހް އަށް ދީފައިވާއިރު، ދަގަނޑޭ އަށް ފުރުސަތު ދޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ޕީޑީއާރްއެމްގައި ދަގަނޑޭ ކުޅުނީ ޑޯލާގެ އިރުޝާދުގެ ދަށުންނެވެ. ދަގަނޑޭ އަކީ ޑޯލާ ވަރަށް އިތުބާރުކުރާ ކުޅުންތެރިއެކެވެ. މެލޭޝިއާ ޕްރިމިއާ ލީގުގައި މިދިޔަ އަހަރު ދެއްކި މޮޅު ކުޅުމާއެކު، މެލޭޝިއާގައި މިދިޔަ އަހަރު ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމު ދަގަނޑޭ އަށް ވަނީ ލިބިފަ އެވެ. މި އަހަރު މެލޭޝިއާގެ ސުޕަ ލީގުގައި ވެސް ދަގަނޑޭ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.