ސިއްހަތު

ލެބް ޓެކްނީޝަނުން ތަމްރީނު ކުރަން ބައްދަލުވުމެއް ފަށައިިފި

ލެއާ ގުޅޭ ޓެސްޓުތައް ހެދުމަށް ބްލަޑް ބޭންކުތަކުގެ ލެބޯރެޓަރީގައި މަސައްކަތްކުރާ ޓެކްނީޝަނުން އިތުރަށް ތަމްރީނު ކުރުމަށް ހާއްސަ ތަމްރީނުތަކެއް ފަށައިިފި އެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގައި އައިޖީއެމްޗާއި އެޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މޯލްޑިވްސް ބްލަޑް ސާވިސް ހިމެނޭ ގޮތަށް ލެބްތަކުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ބައިވެރިވެ އެވެ.

މި ތަމްރީނުތަކުގައި ކިޔަވައި ދެއްވަނީ އެމެރިކާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖޭމްސް ޓީ ޕާކިންސް އަދި އެމެރިކާގެ ވިސްކޮންސިން ބްލަޑް ސެންޓަރުގެ ޑިރެކްޓާ އޮފް އެޑިއުކޭޝަން ކަމަށްވާ ސޫ ޖޯންސަން އެވެ.

މިއީ އައިޖީއެމްއެޗްގެ ނޭޝަނަލް ހެލްތުކެއާ އެކަޑާމީ އާއި ޑިޕާޓްމަންޓް އޮފް ލެބޯރެޓަރީ މެޑިސިން އަދި އެސްޓީއޯގެ އިތުރުން އޭޝިއަން އެސޯސިއޭޝަަން އޮފް ޓްރާންސްފިއުޝަން މެޑިސިން އަދި އެމެރިކަން އެސޯސިއޭޝަން އޮފް ބްލަޑް ބޭންކާއި އިންޑިއަން އިމިއުނޯހެމެޓޮލޮޖީ އިނީޝިއޭޓިވް ގުޅިގެން ކުރިއަށްގެންދާ ތަމްރީނެކެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓެންޓް އިން ޕެތޮލިޖީ ޑރ. މިލްޒާ އަބުދުލް މުހުސިން ވިދާޅުވީ މި ތަމްރީނުތަކަކީ ބްލަޑް ބޭންކުތަކުގެ ލެބްތަކުގައި މަސައްކަތްކުރާ ލެބް ޓެކްނީޝަނުން އިތުރަށް ތަމްރީނު ކުރުމުގެ މަސައްކަތެއް ކަމަށެވެ.

"އާންމު ގޮތެއްގައި ލޭ އަޅާއިރު މައްސަލަތެކެއް ދިމައެއް ނުވޭ. އެކަމަކު ތަންކޮޅެއް ގިނަގިނައިން ލޭ އަޅާ ކުދިންނާއި މީހުންގެ އިތުރު އެންޓިބޮޑީސް އުފެދޭ ގޮތްވާތީވެ ޖެހޭ އިތުރު ޓެސްޓުތަކެއް ހަދަން. އެކަމަށް މުވައްޒިފުން ތަމްރީނު މިކޮށްދެނީ." މިލްޒާ ވިދާޅުވި އެވެ.

ގިނަ މީހުނަށް އާންމުގޮތެއްގައި އެނގިފައި އޮންނަނީ ލޭގެ ހަތަރު ގުރޫޕެކެވެ. ނަމަވެސް ސައިންޓިފިކަލީ ލޭގެ ތަފާތު 34 ލޭގެ ގުރޫޕުތައް ހިމެނޭއިރު އެ ލޭގެ ގުރޫޕުތަކަކީ ސިއްހަތައް ނުރައްކާތެރި ވެދާނެ ލޭގެ ގުރޫޕުތަކެކެވެ. މި ތަމްރީނުތަކުގައި
ލެބް ޓެކްނީޝަނުން އެކަމަށް ހޭލުންތެރިކޮށް ތަފާތު ލޭގެ ގުރޫޕުތައް ޓެސްޓުކޮށް ބަލި މީހާއަށް އެންމެ ރަނގަޅު ލޭގެ ގުރޫޕު ހިޔާރުކުރާނެ ގޮތް ދަސްކޮށްދޭނެ އެވެ.

މި ޕްރޮގްރާމްގައި އެސްޓީއޯވެސް ބައިވެރިވެއެވެ. އެސްޓީއޯގެ މެޑިކަލް ސާވިސް މެނޭޖާ އަބުދުﷲ ވިސާމް ވިދާޅުވީ އެސްޓީއޯގެ ފަރާތުން މިފަދަ ޕްރޮގުރާމެއްގައި ބައިވެރިވީ އެސްޓީއޯއިން ތައާރަފުކުރާ ތަފާތު ސިއްހީ ޕްރޮޑަކްޓުކުގެ ނޮލެޖު ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުނަށް އަންގައިދިނުމަށެވެ.

"މިއީ އެގޮތުން މިއަހަރު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭ ފުރަތަމަ ޕްރޮގުރާމް. އެސްޓީއޯއަކީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް އެތެރެކޮށް ފޯރުކޮށްދޭ ފަރާތެއް ނޫން. އޭގެ އިތުރުން ހެލްތުގެ ދައިރާއަށް އެސްޓީއޯ އިން ތައާރަފުކުރާ ތަފާތު ޕްރޮޑަކްޓުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނީ މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރެވިގެން ކަމަށްވާތީ މިފަދަ ޕްރޮގުރާމެއްގައި ބައިވެރިވީ." ވިސާމް ވިދާޅުވި އެވެ.

މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރަމުން ޑރ. ޖޭމްސް ވިދާޅުވީ މީގެ ކުރިންވެސް އޭޝިއާގެ ބައެއް ގައުމުތަކަށް ޒިޔާރަތްކޮށް މިފަދަ ތަމްރީނުތައް ދެވިފައިވާ ކަމަށެވެ. އަދި މި ޕްރޮގުރާމްގައި ދެވޭ ތަމްރީނުތަކަކީ ފެންވަރު ރަނގަޅު އެންމެ ފަހުގެ ހޯދުންތަކުގެ އަލީގައި ދެވޭ ތަމްރީނުތަކެއް ކަމަށެވެ.

މިސް ސޫ ޖޯންސް ފާހަގަ ވިދާޅުވީ މި ތަމްރީނުގައި ބައިވެރިވިންގެ ޝައުގުވެރިކަން ފެނިފައިވާ އުފާކުރާ ކަމަށާއި އަދި މި ތަމްރީނު ޕްރޮގުރާމް ކުރިއަށްދާ ގޮތާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.