ހަބަރު

ސްޓެލްކޯ އިން ހުޅުމާލޭގައި އަޅާ ދެ ޓަވަރުގެ މަސައްކަތް ފަށައިފި

ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމްކުރާ ދެ ޓަވަރު އެޅުމުގެ މަަސައްކަތް އަމަލީ ގޮތުން މިއަދު ފަށައިފި އެވެ.

ސްޓެލްކޯގެ ދެ ޓަވަރު އެޅުމަށް ސަރުކާރުން ހަމަޖައްސާފައިވާ ބިމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރާއި އެމަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ރޯޓައިމް އެންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ އެމްޑީ ޒޮއުވޭޑޮންގް އެވެ. މި ރަސްމިއްޔާތުގައި ވަނީ އެމަސައްކަތް ރޯޓައިމްއާ ހަވާލުކުރުމަށް ވެސް ސޮއި ކޮށްފަ އެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ރަސްމިއްޔާތުގައި ޒުހޫރު ވިދާޅުވީ، މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަަމށާއި 18 މަސްދުވަހުގެ މުއްދަތެއް ދީފައިވާ ނަމަވެސް ރޯޓައިމް އިން ވަނީ އެމުއްދަތަށް ވުރެ މާކުރިން މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ. އަދި ވިދާޅުވީ، މިއަދު ފެށިގެންދާ މަސައްކަތުން މުއައްޒަފުންގެ ކުރަމުންދާ އުންމީދުގައި ކުލަ ޖެހިގެންދާނެ ކަަމަށެވެ.

ޒުހޫރު ވިދާޅުވީ، އުންމީދުތައް ފުރިހަަމަވެގެން އަންނަ އިރުވެސް ގަބޫލު ނުކުރާ ބަޔަކުވެސް އެބަ އުޅޭ ކަމަށާއި ނަމަވެސް ހަގީގަތާއި ކުރިމަތިލާއިރު ފެންނަމުންދާ މަންޒަރަކީ ދުވަހަކަށްފަހު ދުވަހެއް އުޖާލާވަމުންދާ މަންޒަރު ކަމަށެވެ.

"ސްޓެލްކޯއިން މި މަސައްކަތް ކުރަން ރޭވުމުން ވަރަށް ގިނަ ފަރާތްތަކުން ބަދުބަސް ބުނަމުންދިޔަ، ސްޓެލްކޯ އަށް ހިޔާ ޕްރޮޖެކްޓެއް ނުހިންގޭނެ ކަމަށް، ނަމަވެސް ދަންނަވާލަން އޮތީ މިއަދުގެ ރައީސް އަކީ އަޒުމެއްގައި ހުރި ރައީސެއް، އެ އަޒުމުގައި އަތުގުޅާލައިގެން ތިބެއްޖެ ނަމަ ހުރިހާކަމެއްވެސް ވާނެ،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ، ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އަތުގައި ފައިސާތަކެއް ހުރުމުންނޫން ކަމަށާއި މަސައްކަތް ފެއްޓީ އެއްވެސް ބެންކްލޯނެއް ނުނަގައި ކަމަށެވެ. އަދި ޕްރޮޖެކްޓްގެ 30 ޕަސެންޓް ފައިނޭސް ކުރާނީ މަސައްކަތް ހަވާލުކުރި ކުންފުނި ރޯޓައިމް އިން ކަމަށާއި 15 ޕަސެންޓް މިއައްޒަފުންގެ ފަރާތުން އަދި ބާކީ ބައި ފައިނޭސް ކުރާނީ އެންޑް ޔޫސާއިން ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"ކަމެއް ހަގީގަތަކަށް ހަދަން ބޭނުންވަނީ ނަމަ އަތުގައި މާ ބައިވަރު ފައިސާތަކެއް ހުންނާކަށް ނުޖެހެ، އެކަމަށް އަމަލީ ސިފަ ގެންނަން ބޭނުންވާ ކަމުގައި ވަނީނަމަ ކުރަން ޖެހެނީ މަސައްކަތް، މިއަދު އެމަސައްކަތްކޮށް އެމަސައްކަތުގެ އަމަލީ މަސައްކަތް މިފަށަނީ،" ޒުހޫރު ވިދާޅުވި އެވެ.

ރަސްމިއްުޔާތުގައި ރޯޓައިމް އެންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ އެމްޑީ ޒޮއުވޭޑޮންގް ވިދާޅުވީ، މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ މުއްދަތައްވުރެ ކުރިން މަސައްކަތް ނިންމާނެ ކަމަށެވެ. އަދި ހިޔާ މަޝްރޫގެ ދަށުން އަޅާ ޓަވަރު ތަކުގެ ތެރެއިން އެންމެ ކުރިން ނިންމާ ޓަވަރަކަށް ސްޓެލްކޯގް ދެ ޓަވަރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތަކާއި ބޭރުގެ ބައެއް ކުންފުނިތައް ހިމެނޭ ގޮތަށް 36 ޓަވަރު އަޅާ އިރު އޭގެ ސަބަބުން އެއްލައްކަ މީހުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަނީ ޓަވަރު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ އިއުލާންކޮށްފަ އެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ވަނީ ތިން ޓަވަރު އެޅުމުގެ މަަސައްކަތް ފަށާފަ އެވެ.