1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒުކުރަން ފަށައިފިން: ފުލުހުން

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ތަންފީޒުކުރަން ފުލުހުން ފަށާފައިވާ ކަމަށް ބުނެފި އެވެ. ސުޕްރީމް ކޯޓުން މިރޭ އަންގާފައިވަނީ ޖަލުގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާވުމަށް ކޮމިޝަނާ އަދި ޑެޕިއުޓީ ކޮމިޝަނާ ގާނޫނީ ލަފާ ހޯދުމަށްފަހު ނިންމަވާފައިވާ ކަމަށެވެ. އަދި އެ އަމުރަށް އަމަލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ސުޕްރީމް ކޯޓުން މިރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރުފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށެވެ.