ސުޕްރީމް ކޯޓް

ތިން ފަނޑިޔާރުންގެ އަމުރަށް ފާޑުކިޔާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމަރުގެ ބައެއް ބާތިލުކޮށް، ރޭ ތިން ފަނޑިޔާރުން ނެރުނު އަމުރާމެދު ސުވާލު އުފައްދާނަމަ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލާ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން މިރޭ ދީފި އެވެ. ބާތިލުކޮށްފައިވަނީ، ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ކުރި ބަޔާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބާރުތައް ކަނޑުވާލި ބަޔެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިރޭ އަމުރެއް ނެރެއްވީ، ފަސް ފަނޑިޔާރުންގެ އަމުރު ތިން ފަނޑިޔާރުންނަށް ބާތިލު ނުކުރެވޭނެ ކަމަށާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިނުގަންނަވާ ގޮތަށް ސުޕްރީމް ކޯޓަށް މައްސަލަތައް ނުބެލޭނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

މި އަމުރު ނެރުނުއިރު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ތިއްބެވީ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ ބާރުތައް ކަނޑުވާ ވެސްލި އެވެ. އޭގެފަހުން ސިފައިން ސުޕްރީމް ކޯޓު ތެރެއަށް ވަދެގެންފައިވެ އެވެ. ތިން ފަނޑިޔާރުން އަމުރުގެ ބަޔެއް ބާތިލުކުރީ ކޯޓުގެ ބާރު ކަނޑުވާލައިފައި އޮވެ، އެ ކޯޓަށް ރައީސް އަބްދުﷲ ޔާމީން އަލުން ބާރުތައް ދެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ތިން ފަނޑިޔާރުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ، ރޭ ނެރުނު އަމުރާ ގުޅޭ ގޮތުން ފަނޑިޔާރުންގެ މުސްތަގިއްލުކަމާމެދު ޝައްކު އުފެދޭ ގޮތަށް އަދި ތަފާތު މީޑިއާތަކުންނާއި އެކިއެކި ފަރާތްތަކުން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޣައިރު ގާނޫނީ ވާހަކަތަކެއް ކަމަށެވެ. އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެންގި އެވެ. އެފަދަ އަމަލެއް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅާނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ، ކޯޓުތަކާ ބެހޭ ގާނޫނަށް ޑިސެމްބަރު 11، 2014 ގައި ގެނައި އިސްލާހުގެ ދަށުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމަށެވެ. ދުސްތޫރީ ތަބީއަތުގެ މައްސަލައެއް ނުވަތަ ދުސްތޫރީ ތަބީއަތާ ގުޅުން ހުރި އެއްވެސް ކަމެއް ބަލައި ނިންމުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ ތިނެއްކަން ސާފުކޮށް އެ އިސްލާހުގައި ސާފުކޮށް ބުނެފައިވާ ކަމަށެވެ.

ދުސްތޫރީ މައްސަލައެއް ބެލޭނީ ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ނުވަތަ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިއްބަވައިގެން ކަމަށް ބަޔާންކޮށްފައި ވަނީ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމަށް ކޯޓުތަކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިއިރު ކަމަށް އަމުރުގައިވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކުން ދުސްތޫރީ މައްސަލަތައް ބެލުމުގެ ގާނޫނީ އަދަދަކީ މަދުވެގެން ފަހެއް ކަމަށް ބަޔާން ކުރީ އެ މާއްދާއަށް ބަަލައިގެން ކަމަށެވެ.

ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޯޓުގެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިއްބެވުން ލާޒިމް ނޫން ކަމަށް ވެސް ތިން ފަނޑިޔާރުން ނިންމެވި ނިންމުމުގައިވެ އެވެ. ހުރިހާ ފަނޑިޔާރުން ތިއްބަވައިގެން ނިންމަން ޖެހެނީ އެ އަމުރުގައިވާ ގޮތުން ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތަކުގައި އެކަންޏެވެ.

އެއްވެސް ސަބަބަކާހުރެ އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭނަމަ ފަނޑިޔާރުންގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި އެންމެ ސީނިއާ ފަނޑިިޔާރުންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް ވެސް އަމުރުގައިވެ އެވެ.