އެކެއް ފެބްރުއަރީގެ އަމުރުގެ ސަބަބުން ރައީސް އަބުދުﷲ ޔާމީިން އަބުދުލްގައްޔޫމްގެ ސަރުކާރަށް ވަރަށް ބޮޑު ލޮޅުމެއް އެރި އެވެ. އެ އަމުރުގައި ޕާޓީ ބަދަލު ކުރާ މެންބަރުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނެރުނު ހުކުމް ބާތިލްކޮށް ގޮނޑި ގެއްލުނު ކަމަށް ބުނާ ޕީޕީއެމްގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. އަދި ޖަލަށް ލާފައި ތިބި އިިދިކޮޅު ލީޑަރުންގެ މައްޗަށް ހިންގި ޝަރީއަތްތައް ރަނގަޅު ނޫން ކަމަށް ނިންމައި، އެ މައްސަލަތަކުގެ ޝަރީއަތް އަލުން ބޭއްވެންދެން އެ ފަރާތްތައް ވަގުތުން މިނިވަން ކުރަން އަމުރުކޮށްފައި ވެއެވެ.
އެ އަމުރަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބަޔަކީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ މެންބަރުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމުރު ނެރެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެބޭފުޅުންގެ ބަހުގެ ހަމަލާތައް ދިނެވެ. ނަމަވެސް މިހާރު ވާހަކަ މުޅިން ތަފާތެވެ. ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަށްފަހު އޮތީ ތައުރީފެވެ.
އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އެ ހާލަތު އިއުލާން ކުރީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވެ، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ރައީސް ޔާމީން ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެވެ. އެ ގަރާރު ވަނީ މަޖިލީހުގެ 38 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފަ އެވެ. އަދި އެކަމުގައި ސުވާލު އުފެދުނު ކަންކަމަށް ފަރުވާއެއް ހޯދަން ސުޕްރީމް ކޯޓަށް ވަނީ ފޮނުވާފަ އެވެ.
ގަރާރު ފާސްކުރިތާ އެއްދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެކަމާ ގުޅިގެން ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުން ސަރުކާރަށް ލިބުނީ މޮޅެކެވެ. ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ، ސްޓޭޓް އޮފް އެމެޖެންސީ، ފާސްކުރަން މަޖިލީހުގައި ނެގި ވޯޓާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުގެ ނިންމުންތަކަަށް އަމަލު ކުރަމުން ގެންދިޔުމަށެވެ. ނަމަވެސް މަޖިލީހުގެ ވޯޓްގެ ސައްހަކަމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ 1 ފެބުރުއަރީގެ އަމުރު ނެރުނު ފަސް ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ތިން ފަނޑިޔާރުން ނެރުއްވި އަމުރެކެވެ. ނަމަވެސް މިފަހަރު ތަފާތަކީ ސަރުކާރަށް ފަހި އަމުރަކަށް ވުމެވެ. އެ އަމުރަށް އެންމެ ބޮޑަށް "ސަނާ" ކިޔަމުންދާ އެއްބަޔަކީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުނެވެ.
ރޭ ނެރުނު އަމުރަކީ ސައްހަ އަމުރެއް ކަމަށާއި އެ އަމުރަށް އެންމެންވެސް ތަބާވާން ޖެހޭނެ ކަމަށް ޕީޕީއެމުން ދަނީ ބުނަމުންނެވެ. އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަށް ހުރިހާ ރައްޔިތުންވެސް ތަބާވާން ޖެހޭނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. މި އަމުރަށް ޕީޕީއެމުން ތާއީދުކޮށްފައިވަނީ ގާނޫނީ ފުށުއެރުމެއްނެތި އަދުލު އިންސާފުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނަމުންނެވެ.
ޕީޕީއެމްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ 38 މެންބަރުން ވޯޓު ދެއްވައި އިއްޔެ ފާސްކުރި ކުއްލި ނުރައްކަލުގެ ގަރާރަކީ ގާނޫނީ ފުށުއެރުމެއް ނެތް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުން އެއާ ދޭތެރޭގައި ދިރާސާކޮށްފައި ރިއާޔަތް ކޮށްފައި ގޮތެއް ނިންމެވެން ދެންވެސް ނެރުއްވި ވަގުތީ އަމުުރުން ދޭހަވަނީ އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ ތެރޭގައި ކުރެއްވި މަސައްކަތަކީ ގާނޫނީ ގޮތުން ކުރެވޭނެ މަސައްކަތެއް ކަމަށް، އިދިކޮޅު ފަރާތްތަކުން ކޮންމެ އެއްޗެއް ވިއްކަން އުޅުނު ނަމަވެސް ރައްޔިތުން މަޖިލީހުގެ 38 މެންބަރުން ވޯޓު ދެއްވާފަ އިއްޔެ ފާސްކުރި ގަރާރަކީ އަޅުގަނޑުމެން ނިންމި ނިންމުމަކީ ގާނޫނީ ފުށުއެރުމެއް ނެތް ނިންމުމެއް ކަން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަނުން މަޖިލީހުގައި ވޯޓުދީގެން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވަގުތީ ތާއީދެއް ކޮށްފައިވާތީވެ، އެކަމަކީ ސައްހަ ކަމެއް ކަމަށް އެބޭފުޅުން މިހާރު ގަބޫލު ކުރައްވަ އެވެ. ސުޕްރީމް ކޯޓުގެ އަމުރު މިހާރު ސައްހަ އެވެ.
އެކެއް ފެބްރުއަރީގެ އަމުރާ ބެހޭ ގޮތުން އަދުރޭ ވިދާޅުވީ، އެ އަމުރަށް ތަބާނުވީ އެ އަމުރުގައި ރާއްޖޭގެ ގާނޫނު އަސާސީގެ ހުއްދަ ނުކުރާ ކަންކަން ހުރުމުން ކަމަށެވެ. އަދި އެ އަމުރުގައިވާ ކަންކަން ފަނޑިޔާރުން ނިންމާފައިވަނީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިގެން ނުދާ އިހުތިޔާރެއް ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކެއް ފެބްރުއަރީގެ އަމުރުގައި ނެެތް އެއްވެސް ސައްހަ ކަމެއް، އެއްމެ ކަމެއް ނޫނީ ހުރިހާ ކަމެއް ވަނީ ބާތިލް ކޮށްފަ، އަޅުގަނޑުމެން އެކެއް ފެބްރުއަރީގެ އަމުރަށް ތަބާނުވީ އެ އަމުރުގައި ރާއްޖޭގެ ގާނޫނު އަސާސީގެ ހުއްދަ ނުކުރާ ކަންކަން ހުރުމުން، މިރޭވެސް ދަންނަވާނީ އަމުރުގައި ގަބޫލު ނުކުރާ ކަންކަން އެބަހުރި، ގާނޫނު އަސާސީން ލިބި ނުދޭ އިހުތިޔާރެއް ބޭނުން ކޮށްގެން ނިންމާފައިވާ ކަންކަމަށް ވާތީ، އެއީ ސުޕްރީމް ކޯޓަކަށްވެސް ކުރެވޭނެ ކަމެއް ނޫން، އެއްވެސް ބަޔަކަށް ގާނޫނު އަސާސީއަށް ވުރެ މައްޗަކު ނުތިބެވޭނެ، އެއަމުރަށް ތަބާވީމަ ގާނޫނާ އަދި ގާނޫނު އަސާސީއާ ހިލާފް ވާނެ ތީވެ ބަލައި ނުގަތީ، އެ ތަންފީޒު ކުރި ނަމަ އެކުރި ބަޔަކު ގާނޫނު ކުރިމައްޗަށް ކޮންމެވެސް ދުވަހަކުން ގެންނަން ޖެހޭނެ،"
އަދުރޭ ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އިދިކޮޅުން ތަބާވާން ޖެހޭނެ ކަމަށްވެސް ގޮވާލާފަ އެވެ، އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރެއް ނިކުތީ ހަމައެކަނި އެކެއް ފެބްރުއަރީގައި އެކަނި ނޫން ކަމަށާއި ރޭ ވެސް ނިކުތީ ސުޕްރީމް ކޯޓުގެ އަމުރެއް ކަމަށާއި އެއަށް ވެސް ބޯލަނބަން ޖެހޭނެ ކަމަށެވެ.