ރިޕޯޓް

އުއްތަމަ ފަނޑިޔާރު ނެތި ކޯޓް، ހިނގާނެތަ؟

"ބަޣާވާތެއް" ގެންނަން އުޅުނު ކަމުގެ މައްސަލާގެ ތުހުމަތާއެކު ރާއްޖެއަށް މީގެ ކުރިން ނުފެންނަ އެތައް ހާލަތަކާ ވަނީ ބައްދަލު ކުރަން ޖެހިފަ އެވެ. މިކަމާ ގުޅިގެން ވަކި ބަޔަކަށް ހާއްސަކޮށް ކުއްލި ނުރައްކަލުގެ ހާލަތު އޮތްއިރު އެންމެ މަތީ ކޯޓް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ހައްޔަރު ވެސް ވަނީ ކޮށްފަ އެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، "ބަޣާވާތެއްގެ" ތުހުމަތުގައި ހައްޔަރު ވެސް ކުރީ އެވެ.

އެއް ޒަމާނެއްގައި ވެސް ހިނގާފައިނުވާ މިފަދަ ހާލަތުގެ ތެރެއިން އެތައް ގިނަ ގާނޫނީ ބަހުސްތަކެއް ވެސް "ފަޅައިގެން" ދިޔަ އެވެ. އެފަދަ އެންމެ އަޑުގަދަ އެއް ބަހުސަކީ އުއްތަމަ ފަނޑިޔާރާ ނުލާ ސުޕްރީމް ކޯޓުން ހިނގާތީ އެވެ. އެކެއް ފެބުރުއަރީގައި ނެރުނު އަދާޔާ ހިލާފު އަމުރަށްފަހު މި މަހުގެ މިހާތަނަށް ސުޕްރީމް ކޯޓުން ހަތް އަމުރު ވަނީ ނެރެފަ އެވެ. ސުޕްރީމް ކޯޓުގެ ތާރީހަށް ބަލާއިރު މިއީ ފާހަގަކޮށްލެވޭ މަހެކެވެ. އެ ހަތް އަމުރުގެ ތެރެއިން ފަސް އަމުރަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރި ފަހުން ނެރެފައިވާ ފަސް އަމުރެވެ.

އެ ފަސް އަމުރާމެދު ސުވާލު އުފައްދާ މީހުން އުޅެ އެވެ. އިދިކޮޅުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންނާއި މަޖިލިސް މެންބަރުންނެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އުއްތަމަ ފަނޑިޔާރަކާ ނުލާ ސުޕްރީމް ކޯޓު ހިންގޭނެ އެއްވެސް ގޮތެއް ގާނޫނު އަސާސީގައި ނެތެވެ. އެގޮތުން އެ ބޭފުޅުން އެއަށް ބާރު ދޭން ދައްކަވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުން ކަނޑައަޅައި އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ ފަސް ފަނޑިޔާރުންނެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ވަކީލް އަދި އިދިކޮޅުގައި މަސައްކަތް ކުރައްވާ މާރިޔާ އަހުމަދު ދީދީގެ ހިޔާލު ހުންނެވީ މިހެނެވެ:

"ސުޕްރީމް ކޯޓަކީ އިމާރާތެއް ނޫން، އެތަނުގަ އެބަ އިންނަވަން ޖެހޭ އުއްތަމަ ފަނޑިޔާރަކާއި ދެން ގާނޫނުން އެކަނޑައަޅާ އަދަދެއްގެ ފަނޑިޔާރުން، އެހެންވީމަ މި ބޭފުޅުން ނުލާ ސުޕްރީމް ކޯޓެއް ނުހިންގޭނެ،"

މާރިޔާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް އެކުލެވިގެންވާނެ ގޮތް ވެސް ފާހަގަ ކުރައްވައި އެކަން ވެސް އުއްތަމަ ފަނޑިޔާރާ ނުލާ ވާނެ ގޮތެއް ނެތްކަން ފާހަގަ ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް އެކުލެވިގެން ވާންވާނީ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނު ކަނޑައަޅުއްވާ ފަނޑިޔާރުންގެ މައްޗަށްކަން ބަޔާން ކޮށްފައިވެ އެވެ.

"މިހެން އޮތްވާ ތިން ބޭފުޅުން އަގުލަބިއްޔަތުންނޭ ކިޔާފައި ވެސް އުއްތަމަ ފަނޑިޔާރާ ނުލާ ސުޕްރީމް ކޯޓެއް ނުހިންގޭނެ، އެ ހާލަތުގަ ނެރޭ އަމުރުތަކީ ސުޕްރީމް ކޯޓުގެ އަމުރަށް ނުވާނެ،" މާރިޔާގެ ހިޔާލު ފާޅުކުރެއްވި އެވެ.

ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކީ އަދިވެސް އަބްދުﷲ ސައީދެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަގުތީ ގޮތުން އަބްދުﷲ ސައީދު ސަސްޕެންޑްކޮށްފައި ހުންނެވި ނަމަވެސް މިހާތަނަށް އެއްވެސް މުއައްސަސާއަކުން އުއްތަމަ ފަނޑިޔާރުގެ މަގާމުން އަބްދުﷲ ސައީދު ވަކިކޮށްފައެއް ނުވެ އެވެ. އެކަން ވާން އޮތީ ވެސް ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވެ އުއްތަމަ ފަނޑިޔާރު ނެތީއެއް ނޫނެވެ. އުއްތަމަ ފަނޑިޔާރު ހައްޔަރެއްގައި ހުންނެވީ އެވެ.

މިހާރު އޮތް ހާލަތު ވެސް ގާނޫނު އަސާސީއަށް ފެތޭ ކަމަށް ދެކެވަޑައިގަންނަވާ އެކަމަކު ނަން ހާމަކުރައްވަން ބޭނުން ނުވާ ވަކީލަކު ވިދާޅުވީ، ސުޕްރީމް ކޯޓު މިހާރު ވެސް އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއެކު ބަލާނެ ޖާގަ އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ވަގުތީ ގޮތުން ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރު ނުހުންނަވާ ހާލަތުގައި ކަން ހިނގާނެ ގޮތް ވެސް ސާފުކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ނެރުއްވި އަމުރެއްގައި އެކަން ވަރަށް ސާފު ކޮށް ދެއްވާފައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަސް ފަނޑިޔާރުންގެ އަމުރުގެ ބައެއް ބާތިލުކުރި އަމުރު ދިފާއުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވާ ގޮތުން އެއްވެސް ސަބަބަކާހުރެ އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭނަމަ ފަނޑިޔާރުންގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި އެންމެ ސީނިއާ ފަނޑިިޔާރުންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދުގެ ހަވަނަ މާއްދާއިން ރަނގަޅަށް އެނގެ އެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ހާޒިރު ނުވެވޭނަމަ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ދެން އެންމެ ސީނިއާ ފަނޑިޔާރެކެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި ގޮތުގައި މިހާރު މިއޮތް ހާލަތަކީ އުއްތަމަ ފަނޑިޔާރު ނެތް ހާލަތެއް ނޫނެވެ. މި ހާލަތުގައި އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވެނީ އެވެ. އެހެންވެ އަމަލުކުރަން ޖެހޭނީ ފަނޑިޔާރުންގެ ގަވައިދުގެ ހަވަނަ މާއްދާއާ އެއްގޮތަށެވެ. މިހާރު އަމަލު ކުރަމުން އެދަނީ ރަނގަޅަށެވެ. ސުޕްރީމް ކޯޓުގެ ނިންމުންތައް ސައްހަ ނުވާނެ ކަމުގެ ފާޑުކިޔޭނެ ޖާގައެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ދެން އިދިކޮޅު ބޭފުޅުން ދައްކަވަނީ ސިއްކައިގެ ވާހަކަ އެވެ. އުއްތަމަ ފަނޑިޔާރުގެ ހުއްދަ ނެތި ސުޕްރީމް ކޯޓުގެ ސިއްކަ ބޭނުން ނުކުރެވޭނެ ކަމުގެ ވާހަކަ އެވެ. ސުޕްރީމް ކޯޓުގެ ގަވައިދުގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގައި އޮންނަން ވާނީ އުއްތަމަ ފަނޑިޔާރުގެ އެންގުމުގެ މަތިން ބޭނުން ކުރާ ސިއްކައެއް ކަމަށެވެ. އެ ސިއްކަ އޮންނަން ޖެހޭނީ ރަޖިސްޓްރާގެ އަތުގައި ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ހުއްދައަކާ މެނުވީ އަދި ލިޔުމުން ރަޖިސްޓްރާއަށް ދީފައިވާ ހުއްދައެއް ނެތި އެ ސިއްކަ ބޭނުން ނުކުރެވޭނެ ކަމަށް 25 ވަނަ މާއްދާގައިވެ އެވެ.

މިހާރު ނެރޭ އަމުރުތަކުގައި ސިއްކަ ޖަހަނީ އުއްތަމަ ފަނޑިޔާރަށް އެނގުމަކާ ނުލާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު އެއަށް ޗެލެންޖް ކުރައްވާ ބޭފުޅުން ވިދާޅުވަނީ، ގަވައިދުގައިވާ ގޮތުން ލިޔުމެއް ހުއްދަ އޮތްނަމަ ރަޖިސްޓްރާއަށް ސިއްކަ ބޭނުން ކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ އަތުގައި އުއްތަމަ ފަނޑިޔާރުގެ ހުއްދަ ދީފައިވާ ލިޔުމެއް އޮންނާނެކަން އެއީ ޔަގީންވާ ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ތިން ފަނޑިޔާރުން ނެރުއްވާ އަމުރުތަކާމެދު ސުވާލު ނޫފެއްދުމަށް އެ ފަނޑިޔާރުން އަމުރަކުން އަންގާފައިވީ ނަމަވެސް މި ބަހުސް މި ދުވަސްވަރު ވަރަށް ބާރަަށް ދަނީ ކުރެވުންނެވެ. މި ބަހުސާއި މި ހާލަތް ނިމުމަކަށް އަންނާނީ އުއްތަމަ ފަނޑިޔާރު މިނިވަންވުމުން ނުވަތަ މިހާރު އެންމެވުން ކައިރީގައި އޮތްކަން ކަމަށްވާ ސުޕްރީމް ކޯޓު އަލުން އެކުލެވިގެން ދިޔުމުންނެވެ.