ބޮލީވުޑް

"ބޭޒުބާން ޕިރް ސޭ" އަށް ތައުރީފު އޮހެނީ

May 8, 2015

ބޮލީވުޑްގައި އަރަމުން އަންނަ ޒުވާން ދެތަރިންކަމަށްވާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރު ނެށުމުގެ މުބާރާތެއްގައި ބައިވެރިވާ ނެށުންތެރިންގެ ގޮތުގައި ފެނިގެންދާ ފިލްމު "އޭބީސީޑީ 2" ގެ ލަވަ "ބޭޒުބާން ޕިރް ސޭ" އަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަނިކޮށް އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ.

މިލަވަ އިއްޔެ ހެނދުނު ރިލިޒްކުރެވުމާއެކު، ޓްވިޓާގައި އަންނަނީ ވަރުން އާއި ޝްރަދާގެ އާދަޔާ ހިލާފު މޮޅު ނެށުމަށް ތައުރީފުކުރަމުންނެވެ.

މިލަވައަކީ 2013ވަނަ އަހަރު ނިކުތް ފިލްމު "އޭބީސީޑީ"ގައި ހިމެނުނު "ބޭޒުބާން"ގެ ރީމޭކް އެކެވެ.

ވަރުން އާއި ޝްރަދާގެ އިތުރުން ފިލްމުގެ މައި ކާސްޓްގެ ފުރިހަމަ ނެށުން ފެނިގެންދާ މިލަވައިގެ ލިރިކްސް ލިޔެފައި ވަނީ މަޔުރް ޕުރީ އެވެ. ސަޗިން-ޖިގަރް ގެ މިއުޒިކް އަށް ލަވަ ކިޔައިދިފައިވާނީ ވިޝާލް ދަދްލާނީ އާއި އަނުޝްކާ މަންޗަންދަ އަދި މާދަވް ކްރިޝްނާ އެވެ.

މިހާރުވެސް މިލަވައަށް ގިނަބައެއްގެ ތައުރީފުކުރަމުން އަންނައިރު، މީގެކުރިން ލޯބީގެ ރޯލްތައް ކުޅެފައިވާ ޝްރަދާގެ މިފިލްމުގެ ބަތަލް ވަރުން އާއި މައި ކާސްޓްގައި ހިމެނޭ ޑާންސަރުންނާއި އެއްހަމައެއްގައި ފައިހަމަކޮށްފައިވާތީ އަދިވެސް ގިނަ ބަޔަކު ތިބީ ހައިރާންވެފަ އެވެ.

ޝްރަދާ އާއި ވަރުންގެ އިތުރުން ޕްރޮފެޝަނަލް ނެށުންތެރިން ކަމުގައިވާ ލޯރެން، ދަރްމޭޝް، ޕުނީތް އަދި ރާގަވް ވަނީ އަކީ މިލަވައިގައި ފާހަގަކޮށްލެވޭ ނެށުންތެރިންނެވެ. މި ނެށުންތެރިންވަނީ މިފިލްމުގެ ފުރަތަމަ ބައިގައި ވެސް ހަރަކާތްތެރިވެފަ އެވެ.

އެޕްރީލް 21ވަނަ ދުވަހު ރިލީޒްކުރި މިފިލްމުގެ ފުރަތަމަ ޓްރެއިލާ ވަނީ ހަފްތާއެއްގެ ތެރޭގައި 2.5 މިލިއަނަށްވުރެން ގިނަ މީހުން ބަލާފަ އެވެ.

މަޝްހޫރު ކޮރިއޮގްރާފާ ރެމޯ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ މުހިންމު ރޯލުން ފެނިގެންދާނީ ވަރުން އާއިި ޝްރަދާގެ އިތުރުން ޕްރަބޫ ދޭވާ އެވެ.

މި ޑާންސް ފިލްމުގައި ފެނިގެންދާނީ "ފިކްޓިޝިއަސް ޑާންސް އެކަޑަމީ" ނަމަކަށްކިޔާ ޑާންސް އިންސްޓިޓިއުޓް އަކަށް ދާ ހަތަރު ފިރިހެން ކުދިންގެ ހަގީގީ ދިރިއުޅުމުގައި ދިމާވެފައިވާ ހާދިސާއެކެވެ. މި ހަތަރު ކުދިންގެ ތެރެއިން ސުރޭޝް ނަމަކަށް ކިޔާ ފިރހެން ކުއްޖާގެ ރޯލުން ފެނިގެންދާނީ ވަރުން ދަވަން އެވެ.

ސިދާތް ރޯއި ކަޕޫރު އާއި ވޯލްޓް ޑިޒްނީ ޕިކްޗާސްއިން ޕްރޮޑިއުސްކޮށްފައިވާ “އޭބީސީޑީ 2” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 19ވަނަ ދުވަހު އެވެ.