ދިވެހި ސިނަމާ

ގޮއްރާޅުގެ ޓީޒާގެ އަސަރުގަދަ!

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުޑައިގެ ދަށުން މި އަހަރު ރިލީޒް ކުރާ ތްރިލާ ފިލްމު، "ގޮށްރާޅު" ގެ ތައްޔާރީތައް ބާރަށް ކުރިއަށްދާއިރު މި ފިލްމުގެ ޓީޒާ ޕޯސްޓާ ވަނީ އާންމުކޮށްފަ އެވެ.

މި ފިލްމަކީ އެ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން މި އަހަރު ނުކުންނާނެ ދެ ވަަނަ ފިލްމެވެ. އަންނަ އޭޕްރީލް މަހު ފަހެއްގައި ނިކުންނަ މި ފިލްމުގެ ޓީޒާ އާންމު ކުރީ ޑާކްރެއިން އިން އެ ޕްރޮޑަކްޝަން އިން މިއަހަރަށް ކުރަން ރާވާފައިވާ މަސައްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ސަލްސާ ރޯޔަލްގައި ބޭއްވި ހަފްލާއެއްގަ އެވެ.

"ގޮށްރާޅު" ގެ ޓީޒާ އިން ފެނިގެންދަނީ ފިލްމުގެ ލީޑުން ފެނިގެންދާ ތަރި ޖުމައްޔިލް ނިމާލް (ޖުމަލް) ގެ ނޭފަތުން ލޭ ނުކުންނަތަނެވެ. މި ފިލްމާއި ގުޅޭ މާ ބޮޑު ތަފްސީލެއް ނުދިން ނަމަވެސް ޑާކްރެއިންގެ ފަރާތުން އަލީ ޝިފާއު (ޗިއްޕެ) ބުނީ މި ފިލްމަކީ ޑާކްރެއިން އިން ގެނެސްދިން ފިލްމު "ހެޕީ ބާތްޑޭ" އަށްފަހު އެ ޕްރޮޑަކްޝަނުން ގެނެސްދޭ އެންމެ ތަފާތު ފިލްމަށް ވާނެ ކަމަށެވެ.

"ފިލްމާއި ގުޅޭ މާބޮޑު ތަފްސީލެއް ދޭކަށް ނެތިން. އެކަމަކު މި ފިލްމުގެ ފުޓޭޖުތަކާއި މަންޒަރުތައް ފެނިފައި އަޅުގަނޑު ވެސް މިހުރީ ކޮސްވެފައި. އަޅުގަނޑަށް ހީވަނީ ވަރަށް ރީތި ބުރަ މަސައްކަތެއް މި ފިލްމު ހެދުމަށް ހޭދަކޮށްފައިވާ ހެން. އަޅުގަނޑު ޔަގީންކަން ދެން މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް." ޗިއްޕެ ބުންޏެވެ.

މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒޫ އެވެ.

ފިލްމު ޑައިރެކްޓުކޮށްފައިވަނީ "4426" ގެ ޑައިރެކްޝަންގެ މަސައްކަތްކޮށްފައިވާ އަހްމަދު ޝިނާން އެވެ. މި ފިލްމަކީ އޭނާގެ ފުރަތަމަ އަމިއްލަ ޑައިރެކްޝަންވެސް މެއެވެ.

މި ފިލްމުގެ ވާހަކަ ލިޔެ ސްކްރީން ޕްލޭ ތައްޔާރު ކޮށްދީފައި ވަނީ ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ލޫދިފާ" އަދި "ހެޕީ ބާތްޑޭ" ގެ ސްކްރީންޕްލޭ ތައްޔާރު ކޮށްދިން މޫމިން ފުއާދު އެވެ.