ބޮލީވުޑް

ހުއްދަ ނުލިބި "އައްޔާރީ" ސެންސަރު ބޯޑުގައި ތާށިވެފައި

Feb 3, 2018

އަންނަ ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތް ސިދާރްތް މަލްހޯތުރާ އާއި މަނޯޖް ބަޖްޕައީގެ "އައްޔާރީ" އަށް ސެންސަރު ބޯޑުން ފިލްމު ފާސްކުރި ކަމުގެ ސެޓްފިކެޓް ނުލިބި އެ ފިލްމު އަނެއްކާ ވެސް ލަސް ކުރަން ޖެހިދާނެ ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެކުގައި މަސައްކަތްކުރާ އިންޑިއާ ސިފައިންގެ ދެ އޮފިޝަލުން މަސައްކަތް ކުރާ ގޮތާއި ގަބޫލު ކުރާ ހަމަތަކާއި އުސޫލުތައް ވަރަށް ބޮޑަށް ތަފާތުވުމުން ދިމާވާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން އަންނަ ހަފްތާގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަށް ސެންސަު ބޯޑުން ހުއްދަ ނުލިބި ލަސްވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީއިން ހޯދަން ޖެހޭ ހުއްދައެއް ނުލިބޭތީވެ އެވެ. ޑިފެންސް މިނިސްޓްރީގެ އެ ހުއްދަ ނުލިބޭނީސް މި ފިލްމަށް ސެޓްފިކެޓް ނުދެވޭނެ ކަމަށްވެ އެވެ.

ހަބަރުތައް ބުނާގޮތުން މި ފިލްމަކީ އިންޑިއާގެ މިލިޓަރީއިން ގާނޫނާ ހިލާފަށް ހިންގާ ހަތިޔާރުގެ މުއާމަލާތްތަކުގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. އަދި މިލިޓަރީގެ އެތެރޭގައި ހިނގާ ދިޔަ އެފަދަ ހާދިސާއެއް ފަޅާއަރުވާލި ކަމަށް ބުނާ މުވައްޒަފު އަދިވެސް އެ މިނިސްޓްރީގައި މަސައްކަތްކުރަމުން އަންނަ ކަމަށްވެ އެވެ.

އެެހެންކަމުން މި ފިލްމަށް ސެންސަރު ބޯޑުން ފާސް ކުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީއިން ވަނީ ފިލްމު އެމީހުން ބެލުމަށްފަހު ނޫނީ ފާސްކުރި ކަމުގެ ހުއްދަ ނުދޭން އެދިފަ އެވެ. އަދި އެ މިނިސްޓްރީއިން މި ފިލްމު ބަލަން ހަމަޖެހިފައިވަ ތާރީހު ކަނޑަނާޅާ ކަމަށްވެ އެވެ.

ކަނޑައެޅިފައި އޮތް ތާރީހަށް ފިލްމަށް ސެންސަރު ބޯޑުގެ ހުއްދަ ނުލިބިއްޖެނަމަ މި ފިލްމު ނެރުން ފަސް ކުރަން ޖެހޭނެ އެވެ. ސަބަބަކީ ބޭރު ދުނިޔޭގެ ގައުމުތަކުގައި ފިލްމު އެޅުވުމުގެ އިންތިޒާމު ހަމަޖައްސަން ވަގުތު ނުލިބޭނެތީ އެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާގެ ތެރޭގައި ސެންސަރު ބޯޑުގެ ހުއްދަ މި ފިލްމަށް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.

ކުރިން "އައްޔާރީ" ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތް" އޭގެ އެއް ދުވަސް ކުރިން ރިލީޒް ކުރާތީ މި ފިލްމު ރިލީޒް ކުރުން މި މަހުގެ ނުވަ ވަނަ ދުވަހަށް ބަދަލުކުރީ އެވެ. އެ ދުވަހު ނެރެވުނަސް މި ފިލްމާއެކު އަކްޝޭ ކުމާރުގެ "ޕެޑްމޭން" ރިލީޒް ކުރާނެ އެވެ.