ދުނިޔެ

ސީރިޔާއަށާއި މިޔަންމާއަށް ވިއްކި ހަތިޔާރުން އުތުރަށް 200 މިލިޔަން ޑޮލަރު

އުތުރުކޮރޮއާއިން އެކްސްޕޯޓް ކުރުން އދ. އިން މަނާކޮށްފައިވާ ބާވަތްތައް އެކްސްޕޯޓްކޮށްގެން އެ ގައުމުން 200 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަން ހާމަވެއްޖެއެވެ.

ރޮއިޓާސް ބުނީ މަނާކޮށްފައިވާ ބާވަތްތައް އެކްޕޯޓް ކޮށްގެން އުތުރުކޮރެއާއިން އާމްދަނީ ހޯދި ކަމަށް ބަޔާންކޮށްފައި އދ.ގެ މިނިވަން މޮނިޓަރުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ކަމަށެވެ. އަދި ބުނީ އުތުރު ކޮރެއާއިން ސޫރިޔާއަަށާއި މިޔަންމާއަށް ހަތިޔާރުު ވިއްކި ކަމަށް އެރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ އދ. ގެ ކޮމިޓީއަށް ފޮނުވަން ތައްޔާރުކޮށްފައިވާ އެ ރިޕޯޓު ރޮއިޓާސް އަށް ފެނިފައި ވަނީ ހުކުރު ދުވަހުއެވެ. ރިޕޯޓުގައި ބުނެފައި ވަނީ ބެލިސްޓިކް މިސައިލްގެ ކަންތަކުގައި ސޫރިޔާއާއި މިޔަންމާއާ ދެމެދު އޮތް އެއްބާރުލުމުގެ ކަންތައް މޮނިޓަރުން ތަހުގީގުކޮށްފައިވާ ކަމަށެވެ. ކުރިން ނޭނގޭ 40 ޝިޕްމަންޓެއް އުތުރުކޮރެއާއިން ސޫރިޔާގެ ސައިންޓިފިކް ސްޓަޑީސް އެންޑް ރިސާޗް ސެންޓަރަށް ފޮނުވިކަން އެ ތަހުގީގުން ވަނީ އެނގިފައެވެ. އެ ސެންޓަރަކީ ސޫރިޔާ ގައި ކެމިކަލް ހަތިޔާރު އުފެއްދުމުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެފައިވާ އިދާރާއެވެ. އުތުރުކޮރެއާއިން ސޫރިޔާއަށް އެ 40 ޝިޕްމަންޓް ފޮނުވާފައި ވަނީ 2012 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދުގައެވެ.

ރިޕޯޓުގައި ބުނެގައި ވަނީ އުތުރުކޮރެެއާއިން ފޮނުވި ބެލިސްޓިކް މިސައިލް ސިސްޓަމެއް މިޔަންމާއަށް ލިބުނުކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އޭގެ އިތުުރުން ރޮކެޓް ލޯންޗާތައް ފަދަ އާދައިގެ ހަތިޔާރުތައް މިޔަންމާއަށް ފޮނުވި ކަމުގެ ހެކިވެސް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓާ ބެހޭ ގޮތުން ސޫރިޔާ ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް މިޔަންމާ ސަރުކާރުން ބުނެފައި ވަނީ އުތުރުކޮރެއާއާ އެގައުމާ ދެމެދު މިހާރު އެއްވެސް މުއާމަލާތެއް ހިނގަމުން ނުދާ ކަމަށެވެ. އަދި ބުނީ އދ.ގެ ގަރާރުތަކަށް އެގައުމުން އަމަލުކުރަމުން އަންނަ ކަމަށެވެ.