ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ސަރުކާރުގެ ބާރު މުޅިން ކަނޑުވާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ބޮޑުވަޒީރު އަދި ވެރިކަން ކުރާ ޕާޓީގެ ލީޑަރު ނަވާޒް ޝަރީފު ޖުޑިޝަރީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ނަވާޒް ޝަރީފު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ކޯޓުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގް ނަވާޒް ޕާޓީ (ޕީއެމްއެލް-އެން) އަށް ނިސްބަތްވާ ސެނެޓަރު ނިހާލް ހާޝިމީ ޖަލަށް ލާން ހުކުމް ކުރުމާއި ދެ މިނިސްޓަރަކާ ދެކޮޅަށް ސުޕްރީމްކޯޓުން ފަށާފައިވާ ސުމޯޓޯ މައްސައެއް ފެށުމުން އެކަމާ ކޯފާ ވެގެންނެވެ. ޕާކިސްތާނުގެ ސުޕްރީމްކޯޓުން ދެ މިނިސްޓަރަކާ ދެކޮޅަށް ސުމޯޓޯ ޝަރީއަތެއް ފެށީ ކޯޓާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކޮށްފައެވެ.
"ފިއުޗާ އޮފް ޑިމޮކްރަސީ އިން ޕާކިސްތާން" ގެ ނަމުގައި އިއްޔެ ބޭއްވި ސެމިނާރެއްގެ ބައިވެރިންނާ މުހާތަބުކުރައްވަިއި ވާހަކަފުޅު ދައްކަވަމުން ނަވާޒް ޝަރީފު ވިދާޅުވީ ޝަރުއީ ނިޒާމުގެ ބަޔަކުން ޕާކިސްތާނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ދީފައިވާ ކަމަށެވެ. އެގޮތުން އެގައުމުގައި ހަތަރު ޑިކްޓޭޓަރަކު ޖުމްލަ 30 އަހަރު ވެރިކަން ކޮޮށްފައި ވާއިރު ރައްޔިތުން އިންތިހާބު ކުރާ ބޭފުޅަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަހު ނުހުންނެވޭ ކަމަށް ވިދާޅުވިއެވެ.
" ބޮޑުވަޒީރުގެ އޮފީސް މިއަދު ވަނީ ވާގިނެއްތާލާފައި. ބޮޑުވަޒީރާއި ފެޑެރަލް ކެބިނެޓަކަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ވެސް ހަމަ ނުޖެއްސޭ، " ޕާކިސްތާނު ސަރުކާރަށް ޝަރުއީ ނިޒާމުން ނުފޫޒުުފޯރުވާ މިންވަރު ސިފަކުރައްވަމުން ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ބޭފުޅުންނާއި އިންތިހާބުކޮށްފައިނާ މަންދޫބުންނާ މެދު ޖުޑިޝަރީން ގެންގުޅެނީ މާ ހަރުކަށި އުސޫލެއް ކަމަށާއި އެެއީ އަދުލު އިންސާފުގެ އާއްމު މިންގަނޑުތަކާ ވެސް ހިލާފު އުސޫލެއް ކަމަށެވެ. އަދި ވިދާޅުވީ ޑިކްޓޭަޓަރުންނާ މެދު ޖުޑިޝަރީން ގެންގުޅެނީ އެއަށް ވުރެ މަޑުމައިތިރި އުސޫލެއް ކަމަށާއި ޖުޑިޝަރީއަށް އެބޭފުޅުން މާލޮބުވެތި ކަމަށެވެ.
ޖުޑިޝަރީ އިއާދަކުރުމަށް ގޮވާލައި ޕާކިސްތާނުގައި ކުރިން ހިންގި ހަރަކާތުގެ ހަމަ އެކަނި މަގުސަދަކީ ( އަސްކަރީ ސަރުކާރުން އެއް ފަރާތްކުރި ) ދެތިން ފަނޑިޔާރުން މަގާމުތަކަށް އިއާދަ ކުރުން ނޫން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
"... އެ ހަރަކާތުގައި ޖުޑިޝަރީ ވަނީ އިއާދަކޮށްފައި. އެކަމަކު ރައްޔިތުންނަކަށް އިންސާފެއް ނުލިބޭ، މިއީ އަދުލު އިންސާފު އިއާދަކުރުމުގެ ހަރަކާތް ފަށަންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ތިން ވަނަ ފަހަރަށް ވަޑައިގެން ހުންނަވަނިކޮށް ޝަރީފަށް މިދިޔަ 2017 ވަަނަ އަހަރު މަގާމު ގެއްލި ވަޑައިގެންނެވީ ޕާލަމެންޓް މެމްބަރެއްގައި ހުންނަން ޖެހޭ ޝަރުތެއް ކަމަށްވާ ތެދުވެރިކަން ނެތް ކަަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުންނެވެ. އޭގެ ކުރިން އޭނާ ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް މަގާމުން ދުރުކުރީ އަސްކަރީ ބަޣާވާތެއްގައެވެެ. - ޑޯން ނިއުސް