ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އުފެދިފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ކަންކަން ސުލްހަކު ރުމަށް އަވައްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ ގޮވާލައްވައިފި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ މަސްރަހު ލަންކާއިން ބަލަމުން ގެންދާ ކަމަށެވެ.
ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ސުލްހަ ކުރުމަށް ގޮވާލައްވައި ރަނިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގަހައްޓައި އެއަށް ތަބާވުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުންދޭންޖެހޭ ކަމަށް އެ ގައުމުން ގަބޫލު ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ހަމަ މަގަށް އަޅުވާ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކުރަން ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ މަސްރަހު ލަންކާއިން ދަނީ ބަލަމުން. ގާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތަކަށް ތަބާވާން ހުރިހާ ފަރާތްތަކަކުން މަސައްކަތްކުރަންޖެހޭ ކަމަށް ލަންކާއިން ގަބޫލުކުރަން. ވީމާ ހުރިހާ ފަރާތްތަކަކުން ގުޅިގެން ހަމަޖެހޭ ހައްލެއް ހޯދަން މަސައްކަތް ކުރުމަށް ގޮވާލަން،" ރަނިލް ވިދާޅުވި އެވެ.
ބޮޑު ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު ލަންކާގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އިންޑިއާ ފަދަ ގައުމުތަކުން ވެސް ވަނީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް އެކުވެރި ގައުމުތަކުން ގޮވާލަމުންދާއިރު، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މިހާރު ބަންދުކޮށްފައި ތިބި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު މިހާތަނަށް ވެސް ސަރުކާރުން ތަންފީޒުކޮށްފައެއް ނުވެ އެވެ.