1 ފެބުރުއަރީގެ އަމުރު

ޕީޖީގެ ބަޔާނުގައި ޒިންމާދާރުކަމެއް ނެތް: މައުމޫން

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އެކަމާ ގުޅުންހުރި ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނަކީ ޒިންމާދާރު ކަމެއް ނެތް ބަޔާނެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާލުވެއްޖެ އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނާއެކު މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރެއް ކުރާހިނދު އެއަށް ތަބާވުމަކީ ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ މައްޗަށް ވަގުތުން ލާޒިމުވާ ކަމެއް ކަމަށެވެ. ވުމާއެކު އަމުރު ތަންފީޒު ކުރުން ލަސް ކުރުމަށް އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ޕީޖީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ އަމުރުގެ ދަށުން ދޫކޮށްލަން އަންގާފައިވާ ފަރާތްތަކަކުގެ މައްސަލަތަކަކީ ޝަރުއީއެކު މަރުހަލާތަކުގައި ހުރި މައްސަލަތައް ކަމަށް ވާތީ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެ އޮފީހާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލުތައް ވެސް އެ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރުން ލަސްކުރުމަށް ސަރުކާރުން ގިނަ "ބަހަނާ" ތަކެއް ދައްކަމުންދާއިރު މައުމޫން ރޭ ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓްގެ އަމުރު ވަގުތުން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދިނުމަށްފަހު އިއްޔެ އެހެން ގޮތަކަށް ބުނުމުން ހިތާމަކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކުރާ ހުކުމް ހުކުމަށް އަމަލު ކުރުމުގައި އެހެން އެއްވެސް ފަރާތަކާއި މަޝްވަރާ ކުރާކަށް ނުޖެހޭނެ ކަމަށެވެ.