ފައިސާވެރި މުއްސަދި ކުލަބުތަކާ ހެދި ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގް ހަލާކު ވަމުންދާ ކަމަށް އާސެނަލްގެ ކޯޗް އާސެންވެންގާ ބުނެފި އެވެ.
ފާރާންސަށް ނިސްބަތްވާ ވެންގާ އިޝާރާތް ކުރީ އޭނާގެ އަމިއްލަ ގައުމު ފްރާންސް، ޖަރުމަން، އިންގްލެންޑް އަދި ސްޕެއިން އެވެ.
ފްރާންސްގެ ލީގް އެކެއްގެ އެއް ވަނައިގައި އޮތީ، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެންމެ ބޮޑު ހޭދައެއް ކުރި ޕީއެސްޖީ އެވެ. ޖަރުމަންގެ ލީގްގެ އެއް ވަނައިގައި އޮތީ ޖަރުމަންގެ އެންމެ މުއްސަނދި ކުލަބު ބަޔާން މިޔުނިކެވެ. ސްޕެއިންގެ ލީގް އެއް ވަނައިގައި އޮތީ، މި ސީޒަނަށް އެންމެ ބޮޑު ބަޖެޓެއް އެކުލަވާލި އެފްސީ ބާސެލޯނާ އެވެ. ޔޫރަޕްގެ ކުލަބަކުން މި ސީޒަނަށް އެކުލަވާލި އެންމެ ބޮޑު ބަޖެޓެއް އޮތީ ބާސެލޯނާގެ އަތުގަ އެވެ. އިނގިރޭސި ލީގްގެ އެއް ވަނައިގައި އޮތީ މިދިޔަ ދެ އަހަރު އެންމެ ބޮޑު ޚަރަދެއް ކުރި މެންޗެސްޓާ ސިޓީ އެވެ.
ވެންގާ ބުނީ މީގެ ކުރިން ލީގް ހޯދާނީ ކޮން ބައެއްކަން ލަފާ ކޮށްލަން ނޭނގޭ ކަމަށެވެ. ނަމަވެސް މިހާރު އެކަން ބަދަލު ވެއްޖެ ކަމަށާއި ލީގް ހޯދާނީ މިވެނި ޓީމެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.
މި ސީޒަންގައި އިޓަލީގެ ލީގް ތަފާތެވެ. މިދިޔަ ފަސް އަހަރުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ދެ ވަނައިގަ އެވެ. އަދި އެއް ވަނައިގައި އޮތް ނަޕޯލީއާ ދެމެދު ހުރީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.
"ޑިސެމްބަރު މަހު ލީގަށް ބަލާލި ނަމަވެސް، ޔޫރަޕްގެ ފަސް ލީގްގެ ތެރެއިން ހަތަރު ލީގް ޗެމްޕިއަން އަހަރެމެންނަށް މިހާރުވެސް އޮތީ އެނގިފައި،" ވެންގާ ބުންޏެވެ. "އޭގެ މާނައަކީ އަހަރެމެންގެ މި ކުޅިވަރުގައި ނުރަނގަޅު ކޮންމެވެސް ކަމެއް އެބައުޅެޔޭ، ބައެއް ކުލަބުތަކުގެ މާލީ ބޮޑު ބާރުގެ ސަބަބުން އަހަރެމެންގެ މުބާރާތްތައް ދަނީ ހަލާކު ވަމުން."
ސްޕެއިންގައި އެއް ވަނައިގައި ބާސެލޯނާ އޮތީ 11 ޕޮއިންޓް ލީޑަކާއެކު އެވެ. އިންގްލެންޑްގައި މެންޗެސްޓާ ސިޓީ އޮތީ 15 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ޖަރުމަން ލީގްގައި ބަޔާން މިޔުނިކް އޮތީ 16 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ފްރާންސް ލީގްގައި ޕީއެސްޖީ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.