ކުޅިވަރު

އިޓަލީގެ ވަގުތީ ކޯޗަކަށް ޑި ބިއާޖިއޯ

މާގާމު ހުސްވެފައިވާ، އިޓަލީގެ ގައުމީ ޓީމުގެ ވަގުތީ ކޯޗަކަށް 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ލުއީޖީ ޑި ބިއާޖިއޯ ހަމަޖައްސައިފި އެވެ.

އިޓަލީގެ ކޯޗް ކަމުގެ މަގާމު މިހާހިސާބަށް ހުސްވެފައި އޮތީ، ރަޝިއާގައި މި އަހަރު ބާއްވާ ވޯލްޑްކަޕަށް އެ ޓީމު ކޮލިފައިކޮށް ނުެދެވުމުން އޭރު ކޯޗަކަށް ހުރި ޖިއަން ޕިއޭރޯ ވެންޗޫރާ މަގާމުން ވަކި ކުރުމުންނެވެ.

އިންޓަ މިލާން އާއި ރޯމާ އަދި ލާޒިއޯ އަށް ކުރިން ކުޅުނު ޑި ބިއާޖިއޯ، އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވީ، 2013 ވަނަ އަހަރު ޖުލައި މަހު އެވެ. އޭނާ ވަނީ މިދިޔަ އހަަރު ޕޮލެންޑްގައި ބޭއްވި ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލަށް އިޓަލީ ގެންގޮސްދީފަ އެވެ.

ޑި ބިއާޖިއޯ އާ ގައުމީ ޓީމު ހަވާލު ކުރުމުގެ ކުރިން، އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކަށް ކުރިން ކޯޗް ކޮށްދިން އިޓަލީ ކާލޯ އަންޗެލޯޓީ ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ހުށަހެޅުމަށް އަންޗެލޯޓީ ވަނީ ނޫނެކޭ ބުނެފަ އެވެ.

އަންޗެލޯޓީ ފަހުން ބުނެފައި ވަނީ އިޓަލީގެ ފުޓްބޯޅައިގެ ހުރި މައްސަލަތަކަކީ ގައުމީ ޓީމު ކޯޗަށް ހައްލު ނުކުރެވޭނެ މައްސަލަތައް ކަމަށެވެ. އަދި ގައުމީ ޓީމަށް ވުރެ ބޮޑަށް އޭނާ އިސްކަން ދެނީ ކުލަބު ފުޓްބޯޅަ އަށް ކަމަށް ވެސް އަންޗެލޯޓީ ވަނީ ބުނެފަ އެވެ.

މިދިޔަ ހަފުތާގައި ފެތުރިގެން ދިޔަ ޚަބަރަކީ އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް، ޗެލްސީގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އެ ޓީމުގެ ކޯޗަކަށް ގެންނަން އުޅޭ ވާހަކަ އެވެ. ނަމަވެސް ކޮންޓޭ ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ.