ދިވެހި ސިނަމާ

ދިވެހި ސިނަމާގެ އާ އަހަރު މިރޭ ފަށަނީ!

ގިނަ ފިލްމުތަކެއް މި އަހަރަށް ތާވަލުކޮށްފައި ހުރުމާއެކު މި ފެށުން އަހަރު ވެގެންދާނީ ދިވެހި ސިނާމައަށް ބާރުބޮޑު އަހަރަކަށެވެ. އާ އަހަރުގެ ފުރަތަމަ ފިލްމު މިރޭ ރިލީޒް ކުރާނެ އެވެ.

ޔޫއްޕެގެ ޑައިރެކްޝަނެއް ކަމަށްވާ "ދެވަންސޫރަ" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ. މި ފިލްމަކީ މީހެއްގެ ބޮޑު މަރެއް ތަހުގީގު ކުރުމަށް ބަޔަކު ކުރާ މަސައްކަތް ދައްކުވައިދޭ ސަސްޕެންސް ތްރިލާއެކެވެ. މި ފިލްމުގައި 21 ތަރިން ފެނިގެންދާއިރު ދާއިރާއަށް އަލަށް ތައާރަފްވާ ދެ ތަރިން ވެސް ފެނިގެންދާނެ އެވެ.

ގިނަ ފިލްމުތަކެއް ތާވަލުކޮށްފައި ހުރިއިރު ރިލީޒްކުރާނެ ތަރީހު ކަށަވަރުވެފައި ވަނީ އަދި މަދު ފިލްމުތަކެއްގެ އެވެ. ގިނަ ފިލްމުތަކުގެ ޝޫޓިން މިހާރު ކުރިއަށް ދާއިރު، ބައެއް ފިލްމުތަކުގެ ޝޫޓިން ނިމި މިހާރު ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަަކްޝަންގެ މަސައްކަތްތަކެވެ. އިތުރު ފިލްމުތަކުގެ ޝޫޓިންގް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރިލީޒްކުރާ ތާރީހު އިއުލާންކޮށްފައިވާ ފިލްމުތައް

  • * ދެވަންސޫރަ (ޔޫއްޕެ ޕްރޮޑަކްޝަން) - 6 ފެބްރުއަރީ
  • * މަރިޔަމް މާ (ޅ. ނައިފަރު ޒުވާނުން) - 14 ފެބްރުއަރީ
  • * ވަކިން ލޯބިން (ޑާކްރެއިން އެންޓަޓެއިންމަންޓް) - 5 މާޗް
  • * ގޮއްރާޅު (ޑާކްރެއިން އެންޓަޓެއިންމަންޓް) - 6 އޭޕްރީލް
  • * ތިޔަ ލޯތްބާ ދުރަށް (ޓެކްނޯ މީޑިއާ) - 21 އޭޕްރީލް

ފިލްމު އަޅުވާ ތާރީހު މިހާރު ކަށަވަރުވެފައި ވަނީ މި ފަސް ފިލްމެވެ. "ދެވަންސޫރަ" ގެ ހުރި ވަރެއް ބެލުންތެރިންނަށް މިރޭ އެނގިގެންދާނެ އެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ނައިފަރުގެ ޒުވާނުން ތައްޔާރުކުރާ ލޯބީގެ ބިރުވެރި ފިލްމު "މަރިޔަމް މާ" އަކީ ތަފާތު ފިލްމަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ. އެއީ މި ފިލްމަކީ ނައިފަރުގެ ޒުވާނުންގެ ތައްޔާރުކުރާ ފިލްމަކަށްވެފައި ފިލްމުގައި ފެނިގެންދާ ތަރިންގެ އިތުރުން ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ އެ ރަށުގެ މީހުނަށް ވުމެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަޝްހޫރު ނަމެއް ކަމަށްވާ ޝާޒް ސައީދުގެ ސްޓޫޑިއޯ ސުޕަ މިއުޒިކް ފެކްޓްރީ އާއި ނައިފަރުގެ ހޯމް ގެލެރީ އާޓްސް ފިލްމް އިންނެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ ކާމިޔާބު ފްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމަންޓު އިން މިއަހަރު ރިލީޒްކުރާ ދެ ފިލްމަށް ވެސް ގިނަ އުއްމީދުތަކެއް ކުރެވެ އެވެ. ފުރަތަމަ ރިލީޒްކުރާ ފެމިލީ ޑްރާމާ ފިލްމު "ވަކިން ލޯބިން" އަކީ ޒުވާން ދެމަފިރިއަކު ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމު ތަފާތު ވަނީ ފިލްމުގައި ޗައިލްޑް އެކްޓާއެއްގެ ބޮޑު ރޯލެއް ފެނިގެންދާނެތީ އެވެ. މި ފިލްމުގައި ވަރަށް ގިނަ ޗައިލްޑް އެކްޓާސް ފެނިގެންދާނެ ކަމަށާއި، މިއީ ޑާކްރެއިން އިން ޗައިލްޑް އެކްޓާސް ބޭނުންކޮށްގެން އެންމެ ބުރަ މަސައްކަތްކުރި ފިލްމަށް ވެގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސާ އަހުމަދު އަލީ (މޮގާ) ބުނެފައިވެ އެވެ.

ޑާކްރެއިން ދެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ ތްރިލާ ފިލްމު "ގޮއްރާޅު" އެވެ. މި ފިލްމަކީ އެ ޕްރޮޑަކްޝަން އިން ގެނެސްދިން "ހެޕީ ބާތްޑޭ" ފިލްމަށްފަހު ގެނެސްދޭ އެންމެ ތަފާތު ފިލްމަށް ވާނެ ކަމަށް ޑާކްރެއިން އިން ބުނެ އެވެ. މި ފިލްމު ހާއްސަވާ އަނެއް ސަބަބަކީ ފިލްމު ސްކްރީންޕްލޭ ތައްޔާރުކޮށްދީފައިވަނީ ދެ ވަނަ ތައާރަފަކަށް ބޭނުން ނުވާ މޫމިން ފުއާދު އަށް ވުމާއި ފިލްމުގެ ޑައިރެކްޓުކުރަނީ ނަހުލާގެ "4426" ގައި ޑައިރެކްޝަންގެ މަސައްކަތްކުރި އަހުމަދު ޝިނާން އަށް ވުމެވެ. މިއީ އޭނާގެ ފުރަތަމަ އަމިއްލަ ޑަރެކްޝަން އެވެ.

ދެން އޮތް އަސަރު ގަދަ ލޯބީގެ ފިލްމު "ތިޔަ ލޯތްބާ ދުރަށް" އަކީ މަޝްހޫރު ވާހަަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ އޭނާގެ އަމިއްލަ ވާހަކައަށް ތައްޔާކުރާ ފިލްމެވެ. މި ފިލްމު ޑައިރެކްޓުކުރީވެސް މަރީ އެވެ. މިއީ އޭނާ އަމިއްލަ ފީޗާ ފިލްމެއް އުފައްދާ ފުރަތަމަ ފަހަރެވެ. ޓެކްނޯ މީޑިއާ އިން ގެނެސްދޭ މި ފިލްމުގެ މަންޒަރުތައް ޝޫޓުކޮށްފައި ވަނީ ސްރީ ލަންކާގަ އެވެ. މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހްޒާ އިތުރުން ލަންކާގެ ތަރިއެއްކަމަށްވާ އުދޭނީ ވެސް ފެނިގެންދާނެ އެވެ.

އަަހަރުގެ ކުރިއަށް ގިނަ ފިލްމުތަކެއް

މި އަހަރު ދިވެހި ސިނަމާއަށް އަންނާނެކަމަށް ބެލެވޭ ފިލްމުތަކުގެ އަދަދު އުޅެނީ 20 އަށްވުރެ މަތީގަ އެވެ. މި އަދަދަށް މިއަހަރު ފިލްމުތައް ސްކްރީން ކޮށްފިނަމަ ވާނީ ބޮޑު ރެކޯޑަކަށެވެ. ދިވެހި ސިނާމާގައި މިހާ ގިނަ އަދަދެއްގެ ފިލްމުތަކެއް އެއް އަހަރު ތެރޭގައި ރިލީޒްކޮށްފައި ނުވެ އެވެ.

މިއަހަރު ކުރިއަށް ހުރި ހުރިހާ ފިލްމެއްގެ ނަންތައް ހިމަނާނުލެވުނު ނަމަވެސް މިހާރު އެންމެ ގަދަޔަށް ވާހަކަދެކެވޭ ބައެއް ފިލްމުތަކަށް ބަލާއިރު ފިލްމީ ތަރި ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" އާއި، ޔޫއްޕެ ޕްރޮޑަކްޝަން އިން ގެނެސްދޭ "ނޯޓީ40" ގެ ދެ ވަނަ ފިލްމު "40+" އާއި، މުއާގެ "ލީނާ" އާއި، ގިނަ ދުވަސްތަކަށްފަހު ޓެޑްރީ ގެނެސްދޭ ފިލްމު "ލަސްވިޔަސް" ގެ އިތުރުން، އަމްޖޭގެ 51 ވަނަ ފިލްމު "ގިލަން" ފާހަގަކޮށްލެވެ އެވެ.

ދެން އޮތް ސުވާލަކީ މި ހުރިހާ ފިލްމެއް މިއަހަރު ރިލީޒްކުރާނެ ހެއްޔެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ވަރަށް ހޫނުވެފައި އޮތުމާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއެކު ސިޔާސީ ފޯރި އިތުރަށް ގަދަވެގެންދާނެތީ ފިލްމުތަކަށް އޭގެ އަސަރުކޮށްފާނެ ހެއްޔެވެ. މި ދަނޑިވަޅުގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފިލްމުތައް އަޅުވަން ފަސްޖެހޭނެތޯ އެވެ. ވާނެގޮތެއް ބަލަން ދެންޖެހޭނީ އިންތިޒާރުގައި ތިބޭށެވެ.