ދުނިޔެ

ޕާކިސްތާނުގައި މިފަހަރު ރޭޕްކޮށް މަރާލީ ކުޑަފިރިހެން ކުއްޖެއް

ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މީހަކު ހޯދުން ލަސްވެގެން ޕާކިސްތާނު މީހުން ނުރުހުން ފާޅުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ގައުމުގައި ކުޑަ ފިރިހެން ކުއްޖަކު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

މަރާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓްން އެނގޭ ގޮތުގައި ކުއްޖާ މަރާލާފައި ވަނީ ނޭވާ ހާސްކޮށްްލައިގެންނެވެ.

ޕާކިސްތާނު ފުލުހުންނާ ހަވާލާދީ ޖިއޯޓީވީން ބުނީ އުމުރުން ހަތް އަހަރުގެ އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އެ ގައުމުގެ ބޮޑު ޝަހަރެއް ކަމަށްވާ ކަރާޗީގެ މަގެއްގެ މަތިން ކަމަށެވެ. ކުއްޖާ ރޭޕްކޮށް މަރައިލިކަމުގެ ތުހުމަތަށް އޭނާގެ ބޭބެއެއް މިހާރު ހުރީ ހައްޔަރު ކޮށްފަ އެވެ. ތުހުމަތު ކުރެވޭ މީހާއަކީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށާއި އޭނާ އެ ޖަރީމާ ހިންގުމުގެ ކުރިން ބައްޕަޔާ ޒުވާބެއް ކުރި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ޓީވީން ބުންޏެވެ.

ކުޑަކުދިން ރޭޕްކޮށް މަރައިލުމުން ޕާކިސްތާނު މީހުން ފަހަކަށް އައިސް އެންމެ ބޮޑު ރުޅިވެރި ކަމެއް ފާޅުކުރީ އުމުރުން ހަތް އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރައިލި ހާދިސާއާ ގުޅިގެންނެވެ.

ޒައިނަބު ރަހީނު ކޮށްގެން ގެންގޮސްފައި ވަނީ މި ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހު އޭނާގެ ބޮޑުދައިތައެއްގެ ގޭގެ ކަައިރީގަައި ހުއްޓައެވެ. އޭގެ ފަސް ދުވަސް ފަހުން ޒައިނަބުގެ ހަށިގަނޑު ފެނިފައި ވަނީ ކަސޫރުގެ ކުނިގޮނޑަކަށް އެއްްލާފައި އޮއްވަ އެެވެ. އެކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައި ވަނީ އެކުއްޖާ މަރާލާފައި ވަނީ ރޭޕް ކުރުމަށް ފަހުގައި ކަމަށެވެ.

ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގެ ބޮޑެތި ޝަހަރުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައެއް މީހުން މަރުވެސް ވިއެވެެ.

ކަސޫރު ސިޓީގެ ފުލުހުން ކުރިން ބުނެފައިވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި އެފަދަ 12 ޖަރީމާ ހިންގާފައިވާ ކަމަށެވެ. އެމީހުން ބުނީ އޭގެ ތެރެއިން ފަސް ހާދިސާއެއްގެ ތުހުމަތު ވަނީ އެކަކަށް ކަމަށާއި އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ޖަރީމާތަކަށް ތުހުމަތުވާ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށެވެ.