ރިޕޯޓް

ސުޕްރީމް ކޯޓްގެ އަމުރު: ދެކެނީ ކިހިނެއް؟

އަވަސް ވީޑިއޯ ރިޕޯޓް | އިދުހާމް ނައީމް

ބުރާސްފަތި ދުވަހުގެ ރޭ 10:20 އެހާކަންހާއިރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވެގެން ނެރުނު ކުއްލި އަމުރަކީ އެންމެން ހައިރާންކޮށްލި ވަރުގަދަ އަމުރެކެވެ. އެތަކެއް ބަޔަކަށް ސިހުން ގެނުވި އެ އަމުރުގައި ވަނީ މިހާރު ޖަލު ބަންދުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ކުރި ޝަރީއަތްތައް ރަނގަޅު ނޫން ކަމަށް ނިންމާފަ އެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތް އަލުން ބެލެދެން އެބޭފުޅުން ބަންދުން ދޫކުރަން ވެސް އަންގާފަ އެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން ފްލޯ ކްރޮސް ކުރާ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އެ ހުކުމުގެ ދަށުން ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން ވަގުތުން ތަންފީޒު ކުރުމަށް ސަރުކާރުގެ އެންމެހާ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށް ނެރުނު އަމުރު މިހާތަނަށް ވެސް ސަރުކާރުން ތަންފީޒުކޮށްފައެއް ނުވެއެވެ. އުޒުރު ދެއްކުމަކާ ނުލައި ތަންފީޒުކުރުމަށް އިދިކޮޅު ފަރާތްތަކުންނާއި ބޭރު ގައުމުތަކާއި ޖަމިއްޔާތަކުން ސަރުކާރަށް ގޮވާލަމުން ގެންދާއިރު އާންމުންގެ ތެރޭގައި އުފެދިފައިވަނީ މަސްހުނި ހިޔާލުތަކެކެވެ.

"އަމުރު ރަނގަޅު! އޭގަ ސަރުކާރުން ވެސް ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެ. ކަރެކްޝަންސް އިން ވެސް ބަލަންޖެހޭ ކަންކަން ހުންނާނެ. އަމުރު ތަންފީޒުކުރުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށް ދެކެން،" ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ހިޔާލު ހިއްސާކުރި އާންމުންގެ މީހަކު ބުންޏެވެ.

"ވަގުތުން ތަންފީޒު ކުރަން" އަންގައި ނެރުނު އެ އަމުރު މިހާތަނަށް އައިއިރު ތަންފީޒުކޮށްފައި ނުވަނީ ބަންޑާރަ ނައިބާއި ޕީޖީ، އެ އަމުރު އިތުރަށް ދިރާސާ ކުރައްވާތީ ކަމަށް އެ އިދާރާތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހުރިހާ ވާހަކަތަކަކީ ސަރުކާރުން ދައްކާ "ބަހަނާ" ތަކެއްގެ ގޮތުގައި "އަވަސް" އާ ވާހަކަދެއްކި ބައެއް އާންމުން ވަނީ ސިފަކޮށްފަ އެވެ.

"ސުޕްރީމް ކޯޓަކީ ފަހު ބަސް. އެ އަމުރަށް އުޒުރެއްނެތި ކިޔަމަންގަތުމަކީ އެންމެންގެ މައްޗަށް ލާޒިމުވާ ކަމެއް. ދިވެހި ގައުމުގެ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންބޮޑުވަނީ އެންމެ މަތީ ކޯޓުގެ ނިންމުމަށް އިހުތިރާމް ކުޑަކުރާތީ،" އެހެން މީހަކު ބުންޏެވެ.

އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އެއްވެސް ފަރާތަކުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ އެއްވެސް ފުރުސަތެއް ނެތެވެ. އެކަމަކު އެ އަމުރު ތަންފީޒު ނުވެ ދަނީ ހައިރާންކަން އިތުރުވަމުންނެވެ.