އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމުގައި އޮތް މެންޗެސްޓާ ސިޓީ 1-1 ހިފަހައްޓައި ބާންލޭ ޕޮއިންޓެއް ހޯދައިފި އެވެ.
މި މެޗުގެ ނަތީޖާ އާއެކު ބާންލޭ މިހާރު އޮތީ ލީގް ތާވަލުގެ ހަތް ވަނަ މަގާމުގައި 36 ޕޮއިންޓާއެކު އެވެ. ސީޓީ އަދިވެސް އޮތީ އެއް ވަނަ މަގާމުގަ އެވެ. ނަމަވެސް އެ ޓީމާއި ދެ ވަނަ މަގާމުގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތް ފަރަގު މިހާރު މިވަނީ 13 ޕޮއިންޓަށް ކުޑަވެފަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސީޓީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑެނީލޯ އެވެ. ކެވިން ޑެބްރުން ކޯނަރަކުން ކުޅުނު ބޯޅަ ހޯދުމަށްފަހު ބާނާޑޯ ސިލްވާ އެބޯޅަ ކުޅުނީ ބާންލޭ އޭރިޔާ ބޭރުގައި ހުރި ޑެނީލޯއަށެވެ. ޑެނީލޯ ވަނީ ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލްގެ މަތީ ދުރު ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.
ބާންލޭގެ ދަނޑުގައި ކުޅުނު މެޗު ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ސީޓ ހޯދި ނަމަވެސް އެޓީމަށް މެޗުގެ ނަތީޖާ އިތުރަށް ފުޅާ ކޮށްލެވޭ ގޮތެއް ނުވި އެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ރަހީމް ސްޓާލިންއަށް ބާންލޭ ގޯލް ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ އެވެ.
ސިޓީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިމުގެ ނަތީޖާއަކަށްވީ މެޗުގެ 82 ވަނަ މިނިޓުގައި ބާންލޭ މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރު ޖޯން ބާގް ގުޑްމުންޑްސަން އެވެ.
ލީގުގައި ދެން ކުޅެވުނު މެޗުތަކަށް ބަލާއިރު ސްވޮންސީ ސީޓީ ވަނީ ރަށުން ބޭރުގައި ލެސްޓާ ސީޓީ އާއި އެއްވަރުކޮށްފަ އެވެ. މީގެ އިތުރުން ބްރައިޓަން ހޯވް އަލްބިއަން ވަނީ ވެސްޓް ހާމް 1-3 ބަލިކޮށްފަ އެވެ. ގްލެން މަރޭ މެޗުގެ ކުރީ ކޮޅު ބްރައިޓަންއަށް ލީޑު ނަގާދީފައި ވަނިކޮށް ވެސްޓް ހާމްއަށް 30 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކޮށްދިނީ ހެނާންޑޭޒް އެވެ. ނަމަވެސް އިޒްކުއެރްޑޯ އަދި ޕާސްކަލް ގްރޮސްގެ ލަނޑު ތަކުން ބްރައިޓަންއަށް ތިން ޕޮއިންޓު ކަށަވަރުވި އެވެ.