1 ފެބުރުއަރީގެ އަމުރު

މައްސަލަ އަވަހަށް ހައްލުވާނެ، ޓޫރިސްޓުންނަށް ބިރެއް ނެތް: ފޮރިން

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަމުންގެންދާ ކަމަށާއި މައްސަލަތައް ވަރަށް އަވަހަށް ހައްލުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި އަންނަ ފަތުރުވެރިންނަށް އެއްވެސް ބިރެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒުކުރުން ސަރުކާރުން ލަސްކުރަމުންދާ ދިއުމާ ގުޅިގެން ގައުމުގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ބޭރުގެ އެކި ގައުމުތަކުން ދަނީ މައްސަލަތައް ސުލްހަކޮށް ގައުމުގެ އަމާންކަން އަނބުރާ ހޯދަން ގޮވާލާފައެވެ. އަދި ރާއްޖޭގެ މަސްރަހު ހަލަބޮލިވެފައިވާތީ ޗުއްޓީއަށް ރާއްޖެއަށް އަންނަ އިރު ސަމާލުވާން އެގައުމުތަކުގެ ރައްޔިތުންނަށް އަންގާފަ އެވެ.

ރާއްޖޭގައި މިހާރު ހުރި މައްސަލަތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކުން އުއްތަމަ ފަނޑިޔާރާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ގޮތުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އަމުރާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ޕްރޮސެކިއުޓާ ޖެނަރަލް މެދުވެރިކޮށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ނިންމުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި ގާނޫނީ ހަމަތަކުގެ ތެރޭން އެ އަމުރު ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތްކުރަމުންގެންދާކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތަކަށް އަރުވަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ މަސްރަހުގައި މިހާރު އުފެދިފައިވާ ހަލަބޮލިކަން ވަރަށް އަވަހަށް ސުލްހަ ވާނެ ކަމަށާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ފަރާތްތަކަށާއި ފަތުރުވެރިންނަށް އެކަމުގެ އެއްވެސް ބިރެއް ނެތް ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ކުންފުނިތަކުގެ ހިނގުމަށް އެއްވެސް ބުރުލެއް އަރާފައި ނުވާކަމަށާއި އެތަންތަން ކުރިއެކޭވެސް އެއްގޮތަށް ހިނގަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުންނެވެ.

"ރާއްޖޭގެ މަސްރަހު އޮތީ އަމާންކޮށް، ސުލްހަކޮށް،" ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު "ފާލުން ނެއްޓިފައިވާތީ" ކަންކަން ވީހާވެސް އަވަހަށް ހަމައަކަށް އަޅުވަން އަވައްޓެރި އިންޑިއާ ސްރީލަންކާގެ އިތުރުން އެމެރިކާ އަދި ޔޫކޭ ފަދަ ގައުމުތަކުން ވެސް ވަނީ ގޮވާލާފަ އެވެ.