އެލެކްސިސް ސަންޗޭޒް ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑު އަމިއްލަ ދަނޑުގައި ހަޑަލްސްފީލްޑް ޓައުން ބަލިކޮށްފި އެވެ.
ލީގުގެ ދެ ވަނަ މަގާމުގައި ޔުނައިޓެޑު 56 ޕޮއިންޓާއެކު އޮތްއިރު ހަޑަލްސްފީލްޑް ޓައުން މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. އެޓީމު އޮތީ ލީގު ތާވަލުގެ 19 ވަނަ މަގާމުގައި 24 ޕޮއިންޓާއެކު އެވެ.
ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޔުނައިޓެޑަށް ހަޑަލްސްފީލްޑުގެ ޑިފެންސް ހުޅުވާލެވޭ ގޮތެއް ނުވި އެވެ. ދެފަހަރެއްގެ މަތިން ޔުނައިޓެޑުގެ ކުޅުންތެރިން ޕެނެލްޓީއަކަށް އެޕީލް ކުރި އެވެ. ފުރަތަމަ މެޗުގެ 19 ވަނަ މިނިޓުގައި ޒުވާން މިޑްފިލްޑަރު ސްކޮޓް މިކްޓޮމެނީ ބޮލުން ބޯޅަ ފޮނުވާލިފަހުން ހަޑަލްސްފީލްޑުގެ ކުޅުންތެރިއެއް ފައުލް ކުރިކަމަށް ބުނެ ޕެނެލްޓީއަކަށް އެޕީލް ކުރި އެވެ. އޭގެ ފަހުން އެލެކްސިސް ސަންޗޭޒްއަށް އޭރިޔާ ތެރެއިން ފައުލް ކުރިކަމަށް ބުނެ ޔުނައިޓެޑުގެ ކުޅުންތެރިން ވަނީ ޕެނެލްޓީއަކަށް އެޕީލް ކޮށްފަ އެވެ. ނަމަވެސް ދެފަހަރުވެސް ރެފްރީ ވަނީ ޔުނައިޓެޑުގެ ކުޅުންތެރިންނަށް ބީރު ކަންފަތެއް ދީފަ އެވެ.
ލަނޑެއް ނުޖެހި ފުރަތަމަ ހާފް ނިންމާލުމަށްފަހު ދެ ވަނަ ހާފް ޔުނައިޓެޑުން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. ނަތީޖާއަކަށްވީ 55 ވަނަ މިނިޓުގައި ރޯމިއޯ ލުކާކޫ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގައިދިނުމެވެ. އަރިމަތިން މާޓާ ތިރިތިރިން ނަގައިދިން ހުރަސް ލުކާކޫ ގޯލްގެ ތެރެއަށް ފޮނުވާލީ އެއް ފަހަރުންނެވެ.
ފުރަތަމަ ހާފްގައި ދެޕެނެލްޓީއަކަށް އެޕީލް ކުރި ޔުނައިޓެޑަށް ދެ ވަނަ ހާފްގެ 67 ވަނަ މިނިޓުގައި ޕެނެލްޓީ އެއް ލިބުނެވެ. ހަޑަލްސްފީލްޑް ޑިފެންޑަރު މައިކަލް ހެފެލޭ ސަންޗޭޒް އޭރިޔާ ތެރެއިން ވައްޓާލުމުން ރެފްރީ ދިން ޕެނެލްޓީ ފޮނުވާލީވެސް ސަންޗޭޒް އެވެ. އޭނާ ފޮނުވާލި ޕެނެލްޓީ ކީޕަރު ޔޯނަސް ލޮސްލް މަތަ ކުރި ބޯޅަ ލިބުނީ ސަންޗޭޒް އަށެވެ. އޭނާ ވަނީ އެއްފަހަރުން ގޯލްގެ ތެރެއަށް މަޑުމަޑުން ބޯޅަ ޖައްސާލާފަ އެވެ.
ޔުނައިޓެޑު ޓޮޓެންހަމް އަތުން ބަލިވި މެޗުގައި މޮރީނިއޯ ޕޮގްބާއަށް ރުޅިގަދަވެފައި ހުރެ އިރުޝާދު ދިންތަން ފެނުނެވެ. އޭގެ ފަހުން ފެނުނީ އެމެޗުގައި ޕޮގްބާ ބަދަލުކޮށްލި މަންޒަރެވެ. ރޭގެ މެޗު ޔުނައިޓެޑުން ފެށީ ޓީމުގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ ބެންޗުކޮށްގެންނެވެ.
ރިޕޯޓްތަށް ބުނާ ގޮތުގައި ޕޮގްބާ އާއި މޮރީނިިއޯ ދެމެދު އޮތް ގުޅުން މިހާރު ވަނީ ހީނަރުވެފަ އެވެ.