ހެނދުނުގެ ނާސްތާއަށް ޕިއްޒާ ކެއުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއްކަމަށް އެމެރިކާގެ ނިއުޓްރީޝަނަކު ބުނެފި އެވެ.
ދަ ޑެއިލީ މީލް ވެބްސައިޓްގައި ނިއުޓްރީޝަނަކު ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި އޭނާ ބުނެފައިވަނީ އާންމު ގޮތެއްގައި މީހުން ހެނދުނުގެ ނާސްތާއަށް ކިރާއެކު ކައި އުޅޭ ސީރިއަލްތަކަށްވުރެ ޕިއްޒާ ފޮއްޗެއް ހެނދުނު ކެއުމުން ސިއްހަތަށް މާ ފައިދާ ކުރާނެ ކަމަށެވެ.
ޕިއްޒާއަކީ ގިނަ ބައެއްގެ ފޭވަރިޓެވެ. ދިވެހިން ޕިއްޒާ ކެއުމަށް ހުންނަ ފޯރި މާލޭގައި ހުންނަ ޕިއްޒާ ރެސްޓޯރެންޓަކަށް ވަދެފިއްޔާ އެނގޭނެ އެވެ. މީހުން ގިނަވެ ރެސްޓޯރެންޓު ފުރުމުން މޭޒެއް ހުސްވަންދެން މަޑުކޮށްގެން މީހުން ތިބޭތަން ވެސް ފެނެ އެވެ. ގެއާއި އޮފީސްތަކުގައި ވެސް ބޮޑެތި ޕިއްޒާ ޕާޓީތައް މިހާރު އޮވެ އެވެ.
އެހެނަސް ކާނާގެ ފޭވަރިޓް ލިސްޓަށް ޕިއްޒާ ނުލާ މީހުން މަދުން ނަމަވެސް އެބައުޅެ އެެވެ. އެ މީހުންގެ ޝަކުވާއަކީ ޕިއްޒާއަކީ ސިއްހަތައް ފައިދާހުރި ކާނާ އަކަށް ނުވުމެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކިރާއެކު ސީރިއަލް ކާއިރު އޭގައި އެއް ފޮތި ފިއްޒާގައި ހުންނަ ވަރަށް ކެލޮރީސް ހުންނާނެ އެވެ. ނަމަވެސް ފިއްޒާގައި ސީރިއަލްއަށް ވުރެ ގިނައިން ޕްރޮޓީންގެ މާއްދާ ހުންނާނެތީ ހެނދުނު ނާސްތާއަށް ސީރިއަލްއަށްވުރެ ޕިއްޒާ ރަނގަޅު ވާނެ ކަމަށް ބުނެފައިވެ އެވެ.
ސީރިއަލްއަށް ވުރެ ޕިއްޒާ ސިއްހީ ގޮތުން ފައިދާ ކުރަނީ ޕިއްޒާއަކީ ތާޒާ ކަމާއެކު ތައްޔާރުކޮށްގެން ކާން ލިބެން ހުންނަ އެއްޗަކަށް ވުމެވެ. ސީރިއަލްއަކީ އާޓިފިޝަލް ފްލޭވާސްތައް އަޅައިގެން ހަދާފައި ހުންނަ އެއްޗަކަށް ވެފައި ޕިއްޒާ ފޮއްޗެއްގައި ހަކުރުގެ މިންވަރު ހުންނަލެއް ސީރިއަލްތަކަށް ވުރެ މަދެވެ.
ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އާންމު ގޮތެއްގައި ލިބެން ހުންނަ ސީރިއަލް ތަކުގައި ހަކުރު ހުންނަ މިންވަރު މައްޗެވެ.