ވާހަކަ

ބުނެދޭށޭރުހެމޭ

(1 ފެބްރުއަރީ 2018 އާ ގުޅޭ)
"އަހަރެންގެ ޢާއިލާއަށް މިވަނީ ކާކުގެ އެސްފީނާއެއްކަމެއް ނޭނގެ ޖެހިފައި... ޒުވާންދަރިފުޅު ވެސް ވަކިވެގެން ދިޔައީ. އެޔަށްފަހު ފިރިމީހާ... މިހާރު އަހަރެންގެ ހަމައެކަނި އުންމީދު... އަހަރެންގެ ނިމްރާ. ޔާ ﷲ... މިއަޅާ ތިވަރަށް އިމްތިހާނު ނުކުރައްވާ. މުސްކުޅިވި ދުވަހު އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވެފައިވާއިރު އެކަނި ހާލާގެން ދުނިޔެއާ ކުރިމަތިލާނެ ހިތްވަރެއް ނެތް. ދަރީންގެ އުމުރު ދިގުކުރެއްވުމަށް މައިންބަފައިން އަބަދުވެސް ދުޢާކުރޭ. ދުނިޔޭގައި ތިބެ މައިންބަފައިންނަށްވުރެ ކުރީން ދަރީން މަރުވުމަކީ ފުރާނަހުއްޓާ މަރުވުން ފަދަ އިހުސާސެއް ކުރެވިގެންދާކަމެއް. ނިމްރާއާ ވަކިވާކަށް ބޭނުމެއްނޫން... އެ ދަރިފުޅަށް ޝިފާ ދެއްވަވާ ދުނިޔޭގައި ކުޑަކުޑަ ދުވަސްކޮޅު އުޅުމުގެ ނަސީބު މިންވަރުކުރެއްވުން މި ހިތުގެ ދުޢާއަކީ" ރަޒިއްޔާ މޫނުގައި ދެއަތް އަޅާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މޫނު ފުހެލިއެވެ.

ބުރަކަށި ސީދާކޮށްލާ ރަޒިއްޔާ ހިފައިގެން އުޅުނު އަތްދަބަހުން ނެގި ޓިޝޫ ޕެކެޓުގެ ތެރެއިން ޓިޝޫއެއް ދަމައިގަނެ ދެ ލޯ ފުހެލައި ނޭފަތް ފޮޅާލިއެވެ. އަދި ކުރިން އިންގޮތް ބަދަލުކޮށްލާ ގޮނޑީގައި ހަމަޖެހިލެވޭތޯ އުޅުނެވެ.

ކުލިނިކަށް ރަޒިއްޔާ އައިސް ގޮނޑީގައި އިންނަތާ ދެގަޑިއިރަށްވުރެ ގިނައިރުވެގެން ދިޔައީއެވެ. ނަމަވެސް ނިމްރާ އޮތް ކޮޓަރިއަށް ވަނުމުގެ ހުއްދައެއް ޑަކްޓަރުން ނުދެއްވިއެވެ. އަތުރުކުރީ އޮތް ގަނޑިއަށް ރަޒިއްޔާ ބަލާލާފައި ފުންނޭވާއެއް ދޫކޮށްލެވުނީ އަދި ކިހާއިރެއްވާނޭބާއޭ ހިތަށް އަރައިގެން އިނދެއެވެ. ޑަކްޓަރުން ބުނަމުން ދަނީ ނިމްރާގެ ހާލު އިތުރަށް ގޯސްނުވާ ކަމުގައެވެ. އެހެންވިޔަސް ރަޒިއްޔާގެ ނަފްސަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބެއެވެ. ރަޒިއްޔާ ސިއްސުވާލީ އަންހެނެއްގެ ބާރު ރުއިމުގެ އަޑެއެވެ. އެއާއެކު އިސްއުފުލާ އަޑު އައި ދިމާއަށް ރަޒިއްޔާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ނޫން އެހެންބަޔަކު ވެސް އެތަނުގައި ތިބިކަން ވިސްނުމަށް އައީ ދެނެވެ. އިންތަނުން ކޮޅަށް ރަޒިއްޔާއަށް ތެދުވެވުނެވެ. އެ ޢާއިލާގެ ގާތަށް ދިއުމަށް ކުރީން ވެސް ރަޒިއްޔާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ފަސްޖެހެވުނީ އެ ޢާއިލާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއްކަމެއް ނޭނގޭތީއެވެ. ތިރީތުންފަތުގައި ދައަތްއަޅާލައި ދެބުމަ ކައިރިކޮށްލެވުނީ މާޔޫސްކަން އިތުރުވުމުންނެވެ. ކުރިއަށް ހިނގައިގަންނަން ރަޒިއްޔާ އޭނާގެ އަމިއްލަ ނަފްސަށް ހިތްވަރުދިނެވެ. ނަމަވެސް އޭނާ ބަލަބަލާ ހުއްޓާ އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެ މީހުން މަޑުކޮށްގެން ތިބި ކޮޓަރީގެ ދޮރުން އެތެރެއަށް ދެމިގަތީ ޑަކްޓަރެއް އެ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. އޭރު އެ އެންމެންގެ މޫނުތަކުން ފާޅުވި އަސަރުތަކުން ރަޒިއްޔާ ކުރިއަށް ނެގި ފިޔަވަޅު ހުއްޓުމަކަށް އައެވެ. އެ މީހުންގެ ހަރަކާތްތަކާއި މޫނުމަތީގެ އަސަރުތަކުން ރަޒިއްޔާގެ ސިކުނޑި ސުވާލަކާނުލާ ޖަވާބު ދެނެގެންފިއެވެ. އިރުކޮޅަކު ހުރި ފިޔަވަޅު މަތީ މަޑުކޮށްލައިގެން ރަޒިއްޔާ ހުރުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އޭނާ އައިސް އެންމެން ވަން ކޮޓަރީގެ ދޮރު މައްޗަށް ހުއްޓިލިއެވެ.

"ޒުހޫރު!.... އަހަރެމެންގެ ލޫން" ރޮމުންރޮމުން އެނދުމަތީ ހުދު ފޮތިގަނޑަކުން މޫނުފިޔަވައި އެހެންތަންތަން ނިވާކޮށްލާފައި އޮތް އަންހެންކުއްޖާގެ ގައިގާ ބައްދައިގަނެގެން ގުދުވެ އޮތް އަންހެން މީހާ ރޮނީއެވެ. ރަޒިއްޔާއަށް އެ މީހުންގެ ތެރެއިން ފެނުނު ހަރުފުރައިގެ ދެ ފިރިހެނުން ކުރެ އެކަކު ކުރިއަށް ޖެހި އެ އަންހެންމީހާ ނެގޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

"އާޒިފާ!... އަހަރެމެންނަށް ދެން ކުރެވޭނޭ ކަމެއްނެތް. އެ ދަރިފުޅު އެނބުރިއެއްނާންނާނެ" ޒުހޫރު ބުނެލިއެވެ. އެ މީހުންގެ ގާތުގައި އެނދުގެ ފަހަތު ފަޑީގައި ހިފަހައްޓާލައިގެން ތިބި ދެ އަންހެން ކުދީންނަށް ވެސް ރޮވެނީއެވެ.

"އެހެންމީހުންގެ އިހުމާލުން އަހަރެންގެ ދަރިފުޅުގެ ފުރާނަތަ ދާންވީ" އާޒިފާގެ ނުރުހުމުގެ ބަސްތައް އިވި ދޮރުމަތީ ހުރި ރަޒިއްޔާއަށް ދުލުކުރީ ދަތްއެޅުނެވެ.

"ތިހެން ނުބުނޭ އާޒިފާ... ކަންހިނގި ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ... އިހުމާލުވަނީ ކޮންފަރާތެއްކަން އެކަލާނގެއަށް ސިއްރުވެގެންނުވޭ" އާޒިފާއަށް ވިސްނައިދޭން ޒުހޫރު އުޅުނެވެ.

އެނދުގައި އޮތީ އެ ދެމަފިރިންގެ ދަރިފުޅުކަން ރަޒިއްޔާއަށް ޔަގީންވިއެވެ. މިވަގުތަކީ އެ ޢާއިލާއާ ބައްދަލުކުރަންވީ ވަގުތު ނޫންކަން އޭނާ ދެނެގަތެވެ. ހަލުވިކޮށް އެނބުރި އައިސް އިހު އިން ގޮނޑީގައި ރަޒިއްޔާ އިށީނެވެ. ނަމަވެސް އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. އެ ދެމަފިރިން ފާޅުކުރި ހިތްދަތި ޝުޢޫރާމެދު ވިސްނެނީއެވެ. ސަލާމަތާއި ރައްކާތެރިކަމަށް ބަލަންވާވަރަށް ނުބެލުނީ ނިމްރާއަށް ކަމުގައި ޤަބޫލުކުރެވެން ފެށުނެވެ. އަމިއްލަ ނަފްސަށް ކުށްވެރި އިހުސާސެއް ވެރިވެގެންދިޔައެވެ. ޑަކްޓަރުންނާއި ފުލުހުންގެ މީހުން އެ ކޮޓަރި ކައިރިއަށް ޖަމާވިއެވެ. ރަޒިއްޔާއަށް ކުރެވުނުހާ ކަމަކީ ވެސް އެ ދިމާއަށް ނުބެލުމަށް އަނެއްފަރާތަށް މޫނު އަނބުރާލުމެވެ. އެ ޢާއިލާއާ ކުރިމަތިލާން ނެރުނު ހިތްވަރު މުޅިން ގެއްލިއްޖެއެވެ.

* * * *

މެންދަމުން އަލިވެ ތިނެއްޖަހާ ދިޔަ ފަހުން މަސްގަނޑު ޢާއިލާއާ އެއްކޮށް ހަވާލުކުރިއެވެ. ކުލިނިކުގެ ތެރެއިން އެ ޢާއިލާގެ ހުރިހާ މެންބަރުން ނުކުތީ ރޮމުން ގިސްލަމުންނެވެ. އެވަގުތު އެ މީހުންގެ ހިތުގައި ނިމްރާއާ މެދު އޮންނާނޭ ނުރުހުންތެރިކަން ފިޔަވައި އެހެން އެއްވެސް ކަމަކަށް ރަޒިއްޔާއަށް ނުވިސްނުނެވެ. އެ ޢާއިލާ ދިއުމާއެކު ކުލިނިކުގެ ތެރެ އަލުން ހިމޭންވިއެވެ. ކައުންޓަރު ދޮށުގައި އިން ކުއްޖާ ވެސް ރޭގެ ބާރަޖަހަންދެން މަޑުކުރުމަށްފަހު އޭނާ ވެސް ހިނގައްޖެއެވެ. މިހާރު ފެންނަނީ ދެތިން ޑަކްޓަރުން ހަރަކާތްތެރިވާ ތަނެވެ. އެ މީހުންގެ ތެރެއިން ދެ ޑަކްޓަރަކު ނިކަން އެކުގައި އުޅޭތަން ފެނެއެވެ. އިރުއިރުކޮޅާ ނިމްރާ އޮތް ކޮޓަރިއަށް ވަދެވަދެފައި އެ މީހުން ނުކުމެވެ. ނިމްރާ ހޭނައިރައިގެން ޑަކްޓަރުން ކަންބޮޑުވަނީއެވެ.

"ރަޒިއްޔާ!... ޕޭޝަންޓުގެ މަންމަތޯ؟" ޒުވާން ޑަކްޓަރެއް އައިސް އަހާލިއެވެ. އިންތަނުން ރަޒިއްޔާ އަވަހަށް ތެދުވިއެވެ.

"އަޅުގަނޑަކީ މާމަ... ކަމެއް ގޯސްވީތޯ؟" ރަޒިއްޔާ އިންތިހާއަށް ކަންބޮޑުވިއެވެ.

"މިހާރު ސްޓޭބަލްވެއްޖެ... އެކަމަކު އަދިވެސް ހޭނާރާ... މިކޮޅުން..."

"އަޅުގަނޑަށް ވަދެވިދާނެތޯ" ޑަކްޓަރުގެ ވާހަކަ ނުނިމެނީސް ރަޒިއްޔާ ސުވާލުކުރިއެވެ. ލުއި ހިނިތުންވުމެއް ދިނުމާއެކު ޑަކްޓަރު ބޯޖަހާލިއެވެ. އަދި ނިމްރާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

އަވަސް އަވަހަށް އައިސް ނިމްރާގެ ގާތުގައި ރަޒިއްޔާ ހުއްޓިލިއެވެ. ބޮލުގެ އެއްފަރާތް އޮތީ ވަރަށް ބޮޑަށް ބެންޑޭޖުކޮށްފައެވެ. ނިމްރާ ދިރިހުރިކަން އޭނާއާ ގުޅާފައި އޮތް އޮކްސިޖަން މާސްކުން ޔަގީން ކޮށްދެއެވެ. ކަންބޮޑުވެފައި ހުރެ ނިމްރާގެ ކޮނޑުގައި ރަޒިއްޔާއަށް ފިރުމާލެވުނެވެ. އެތަނުގައި މާ ގިނައިރު ހުރުމުގެ ހުއްދައެއް ޑަކްޓަރެއް ނުދިނެވެ. ނިމްރާ އެ ހާލުގައި ވަނިކޮށް އެ ދަރިފުޅާ ޝަކުވާ ކުރާކަށް ވެސް ރަޒިއްޔާގެ ހިތެއް އެއްބަހެއް ނުވިއެވެ.

ނިމްރާ އޮތް ކޮޓަރިން ނުކުމެ ކުރީން އިން ގޮނޑިބަރީގައި އިށީނެވެ. ފަތިސްވީއިރު އޭނާއަށް އިނީ ނިދިޖެހިފައެވެ. މީހާ ސިހުނީ ބިތުގައި ޖައްސާލައިގެން އިން ބޯ ވާގިނެތިގެން އެއްފަރާތަކަށް ވެއްޓެން ދިއުމުންނެވެ. އަވަހަށް ދެ ލޯ ހުޅުވާލާފައި ވަށައިގެން ބަލާލެވުނެވެ. މޫނުގައި އަތްހާކާލާފައި ނިމްރާ އޮތް ކޮޓަރިއަށް ވަނުމަށް ދޮރު ހުޅުވާލިއެވެ. އޭނާއަށް ހައިރާންކަން ލިބިގެންދިޔައެވެ. އިރުކޮޅެއް ކުރީން ހޭނާރައިގެން އުޅުނު ނިމްރާ އޮތީ ދެ ލޯ ހުޅުވައިގެންނެވެ. އޭނާ ހަމަ ރޮނީއެވެ. އެނދުކައިރީ ހުރި ޑަކްޓަރުގެ ކުރިމަތީ ދެއަތް ޖޯޑުކޮށްލައިގެން އޮވެއެވެ. އެތެރެއަށް މީހަކު ވަންކަން އެނގުމާއެކު ޑަކްޓަރު އެނބުރި ބަލާލީ ހާސްވެފައި ހުރެއެވެ.

"ޕްލީޒް... ޕްލީޒް... ޕްލީޒް" ރަޒިއްޔާ ފެނުމާއެކު ނިމްރާގެ ރުއިން ގަދަވެ ޑަކްޓަރަށް ކުރި އާދޭސް އިތުރުވިއެވެ.

"ޔޫ ޝުޑް ޓޭކް ރެސްޓް" ޖޯޑުކޮށްލެވިފައިވާ ނިމްރާގެ އަތުގައި ޑަކްޓަރު ލޫކަން ހިފަހައްޓާލާފައި ބުނެލިއެވެ. އެ ދެމެދުގައި ދެކެވެމުންދިޔައީ ކޮން ވާހަކައެއްކަމެއް ރަޒިއްޔާއަށް ނޭނގުނަސް އެކަމާ އެވަގުތު ފަރުވާލެއް ނެތެވެ. އަވަހަށް އައިސް ނިމްރާގެ ގައިގާ އޭނާ އޮޅުލައިގަތެވެ. ﷲއަށް ޙަމްދުކުރިއެވެ.

"އެކްސިޑެންޓް ކޭސްއެއްވީމާ ޕޭޝަންޓް ހޭއެރުމުން ޕޮލިހަށް އިންފޯމު ކުރަން އަޅުގަނޑުމެންނަށް ޖެހޭނެ" ޑަކްޓަރު ލޫކަން ބުނެލީ ރަޒިއްޔާއާއި ނިމްރާއަށް ބަލަމުންނެވެ. ރަޒިއްޔާއަށްވުރެ ނިމްރާގެ ނަޒަރު ހުއްޓިފައި ހުރީ ލޫކަންއަށެވެ. އެންމެފަހުން ނިމްރާ އިސްޖަހާލަމުން ބޯޖަހާލީ ޑަކްޓަރުގެ ވާހަކައާ އެއްބަސްވުން ނޫން ގޮތެއް ނެތީމައެވެ. ރަޒިއްޔާއާއި ނިމްރާއަށް ވަގުތު ދެމުން ޑަކްޓަރު ނުކުތެވެ.

ގިނައިރެއްނުވެ ފުލުހުންގެ ދެ މީހުންނާއެކު ލޫކަން އައިސް އެ ކޮޓަރިއަށް ވަނެވެ. އެނދު ކައިރީ މަޑުކޮށްލައިގެން ރަޒިއްޔާ ހުއްޓެވެ. އެކްސިޑެންޓުގެ ތަފްޞީލު ނިމްރާގެ ފަރާތުން ފުލުހުން އޮޅުން ފިލުވިއެވެ.

"ގަޞްދުގައެއްނޫން... ސައިކަލުގެ ބުރެކި ނުޖެހުނީ... އަޅުގަނޑުގެ ސައިކަލުގައި އެއްވެސް މައްސަލައެއް ނޫޅޭނެ. ކޮންޓްރޯލު ނުވީ. ވަރަށް މަސައްކަތްކުރީން... ބުރެކި މަސައްކަތެއްނުކުރި. ހަމަތެދެއް މިބުނީ... ބުރެކި މަސައްކަތެއްނުކުރި... އެކަމަކު ކުރީން ހުރީ ރަނގަޅަށް" ފުލުހުންގެ ބައެއް ސުވާލުތަކުން އެކްސިޑެންޓުގައި ފުރާނައެއް ގެއްލިގެން އެ ދިޔައީ ނިމްރާގެ ސަބަބުން ކަމަށް ތުޙުމަތު ކުރާހެން ހީވެ އަމިއްލަ ދިފާޢުގައި ނިމްރާ ވާހަކަދެއްކިއެވެ. ހަޤީޤަތުގައި އޭނާގެ ސައިކަލު މަތަނުކުރެވުނީ ބުރެކި ނުޖެހިގެންނެވެ. ފުލުހުން ވެސް ނިމްރާގެ ވާހަކަ ޤަބޫލުކުރަން ބޭނުންނުވާ ކަހަލައެވެ. އެކްސިޑެންޓު ހިނގި ތަނުން ނިމްރާގެ ސައިކަލު ފުލުހުން ގެންދިޔަ ވާހަކަ ބުންޏެވެ. އަދި ސައިކަލަށް މައްސަލައެއް ދިމާވެފައި ހުރިތޯ އެ މީހުންގެ ފޮރެންސިކު ޓީމުން ބަލާފައި ގޮތެއް ނިންމާނެކަމުގައި އެންގިއެވެ. އެ އެކްސިޑެންޓަކީ އިއްތިފާޤަކަށް ނުވެއްޖެނަމަ ނިމްރާ ގަޞްދުގައި މީހަކު މެރިކަމަށްވާނެއެވެ. ފުލުހުން ނުކުމެގެން ދިއައީ ތަޙުޤީޤު ނުނިމެނީސް ރަށުން ބޭރަށް ނުދެވޭނޭކަން ނިމްރާއަށް އަންގާފައެވެ. ނިމްރާއަށް މޫނުގައި ދެއަތްއަޅާ ހިފަހައްޓާލެވުނެވެ. އެ ހުރިހާ ކަމެއް ބަލަން ކޮޓަރީގެ އެއްފަރާތުގައި ޑަކްޓަރ ލޫކަން ހުއްޓެވެ. ފަރުވާތެރިކަމާއެކު ޚާއްޞަކޮށް ނިމްރާގެ ހަރަކާތްތަކަށް ބަލާށެވެ.

"ޑަކްޓަރ! ކޮންއިރަކުންތޯ ނިމްރާ ގެއަށް ފޮނުވާލާނީ" ރަޒިއްޔާ އަހާލިއެވެ.

"މިކޮޅުގައި އަދި ސައުވީސްގަނޑިއިރު ބާއްވާލާފައި ފޮނުވާލެވޭނީ" ޑަކްޓަރު ބުނެލިއެވެ. އަދި އެ ތަނުން ނުކުންނަން އޭނާ ހިނގައިގަތެވެ.

ރަޒިއްޔާއާއި ނިމްރާ އެކަނިވުމުން ރަޒިއްޔާ ވާހަކަދައްކަންފެށިއެވެ. ނިމްރާގެ ރަޙުމަތްތެރިއަކީ ހުޅުމާލޭގައި ދިރިއުޅޭ ކުއްޖެއްތޯއެވެ. އެހެންވިޔަސް ހުޅުމާލެއަށް އަންނަކަން ރަޒިއްޔާ ގާތު އެއްފަހަރު ނަމަވެސް ބުނެނުލީ ކީއްވެތޯއެވެ. ރަޒިއްޔާގެ އެއްވެސް ސުވާލަކަށް ނިމްރާ ޖަވާބެއް ނުދިނެވެ. ހިމޭންކަން ޚިޔާރުކޮށް ރަޒިއްޔާ އިން ފަރާތް ނޫން އަނެއްފަރާތަށް ނިމްރާ މޫނު އަނބުރާލައި ދެ ލޯ މަރާލީއެވެ. އޭރު އޭނާގެ ސިކުނޑީގައި ވަނީ މިޢުވާނުގެ ކެހިވެރިކަމާއި އޭނާގެ ބޭވަފަރާތެރިކަމެވެ. އެހެންނަމަވެސް އެއަށްވުރެ ބޮޑަށް އަސަރު ކުރީ އޭނާގެ ސައިކަލުގައި ޖެހި ދެ ފުރާނަ ގެއްލުނީމައެވެ.

"މާމާ! އެ ކުއްޖާ ވަޅުލީތަ؟" އެތައް އިރަކު ބަހެއްނުބުނެ އޮވެފައި ނިމްރާ އަހާލިއެވެ. ނަމަވެސް އޭނާ ރަޒިއްޔާއަށް ބަލައެއްނުލިއެވެ.

"ފަތިސްނަމާދަށްފަހު ވަޅުލަންހެން ހީވަނީ އޭރު ގެންދިޔައީ... މާމައަކަށް ނުކެރުން އެ މީހުންގެ ގާތަށް ދާކަށް. މަންމައާއި ދަރިފުޅު ވެސް މަރުވެފައި އޮތީ" ރަޒިއްޔާ މަޑުމަޑުން ބުނެލިއެވެ.

* * * *

ހުޅުމާލޭގެ ސަހަރާއިން މީހުންތައް ނުކުންނަމުންދިޔައެވެ. ޒުހޫރު އޭނާގެ އަނބިމީހާ އާޒިފާގެ ކޮނޑުގައި ހިފާ ގާތްކޮށްލައިގެން ހުރެ ނުކުންނަން ހިނގައިގަތެވެ. އެ މީހުންނާއެކު އެ ދެމަފިރިންގެ ދެން ތިބި ދެ ދަރީން އައެވެ. ނުކުންނަން ދަމުން ފަސްއެނބުރި އެއްފަހަރު ޒުހޫރު ބަލާލިއެވެ. މަހާނަތަކާ ދިމާއަށް ބަލަހައްޓައިގެން އަރްސަލް ހުރި ގޮތަށް ހުރީއެވެ. އޭނާގެ ގާތަށް ބިލާލް ހިނގައިގަތް ތަން ފެނުނެވެ. އެހެންވެ ޒުހޫރުގެ ވިސްނުން އަލުން ބަދަލުވީ ކަހަލައެވެ. އޭނާގެ ޢާއިލާ ގޮވައިގެން ނުކުންނަން ދިޔައެވެ.

"އަރްސަލް" ބިލާލު އޭނާގެ ދޮށީ ފިރިހެން ދަރިފުޅަށް ގޮވާލީ އޯގާތެރިކަމާއެކުއެވެ.

"މީ ކަލޭގެ ކަންތައް؟" އަރްސަލް ބަލާނުލުމުން އޭނާގެ ކޮނޑުގައި ބިލާލު އަތްޖައްސާލި ހިނދު ރުޅިވެރިކަމާއެކު އަރްސަލް ބުނެލިއެވެ.

"އަރްސަލް!" އެ މީހުންގެ ގާތުގައި ހުރި މުއްޠަލިބު ކަންބޮޑުވުމާއެކު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެހިނދު ބިލާލު އަތުން އިޝާރާތްކޮށްލީ އެ ދެމެދަށް ނުވަންނާށޭ ބުނިހެނެވެ.

"ދެން ހިނގާ ގެއަށް" ބިލާލު އަނެއްކާ ވެސް މަޑުމަޑުން ބުނެލިއެވެ.

"ނުދާނަން!... އަޑުއިވިއްޖެތަ؟ ކަލޭ ބޭނުންވި ކަންތައްވީއެއްނު!... ލޫން ގެންދެވިއްޖެއެއްނު" ނުރުހުން އެކުލެވިފައިވިއެއްކަމަކު އަރްސަލްއަށް ލިބިއިވާ ހިތްދަތިކަމުގެ ސަބަބުން އެ އަޑުއައީ ކުރެހިގެންނެވެ. އެ ތަނުގައި ހުރި މުއްޠަލިބު ލޮލުން އިޝާރާތްކޮށްލީ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ރާދިންނަށެވެ. އަދި މުއްޠަލިބު އައިސް ބިލާލުގެ ކޮނޑުގައި ހިފާލިއެވެ.

"ކަމް! ލެޓްސް ގޯ..." ރާދިން އައިސް އަރްސަލްގެ މުލައްދަނޑީގައި ހިފިއެވެ. އޭނާއަށް ބަލާލާފައި ބިލާލަށް އަރްސަލް ބަލާލިއެވެ. އަރްސަލް އެއްޗެއް ބުނުމުގެ ކުރީން އޭނާގެ އަތަށް ރާދިން ދަމާލިއެވެ. އަދި އަރްސަލްގެ ކޮނޑަށް އަތްވައްޓާލާ އޭނާ ގޮވައިގެން ސަހަރާއިން ނުކުންނަން ހިނގައިގަނެއްޖެއެވެ. (ނުނިމޭ)