ފުލުހުންގެ އިދާރާ އާއި މިހާރު ހަވާލުވެ ހުންނެވި އަބްދުﷲ ނާވާޒް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ހައްޔަރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެ ދެ ބޭފުޅުން ހައްޔަރު ކުރުމަށް ރައިސް ނަޝީދު ގޮވާލައްވާފައި ވަނީ ދާދި ދެންމެއަކު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއް މެދުވެރިކޮށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ދަމަހައްޓާއި ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ސުޕްރީމް ކޯޓުގެ އަތްމަތީގައި ކަމަށާއި އެ ކޯޓުގެ ނިންމުންތަކަށް ހުރިހާ ފަރާތްތަކުން ތަބާވާންޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކޯޓުގެ އަމުރު ތަންފީޒު ކުރުމުން އެ ދެ ބޭފުޅުން ވެސް އެއްކިބާވެފައިވާތީ އެއީ މަގާމުގައި ތިއްބަވައިގެން އެ ދެބޭފުޅުން ވެސް ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.
ނަޝީދު ވަނީ ނަވާޒާއި ޝިޔާމް ރައީސް އަބްދުﷲ ޔާމީނާ ގުޅިވަޑައިގެން ބަޣާވާތެއް ގެންނަން އުޅުއްވާ ކަމުގެ ތުހުމަތުވެސް ކުރައްވާފަ އެވެ. އެހެންކަމުން އެ ދެބޭފުޅުން ވީހާވެސް އަވަހަށް ހައްޔަރު ކުރަންޖެހޭ ކަމަށާއި ރާއްޖެއަށް އެކަން ނުވާނަމަ ބައިނަލްއަގުވާމީ ކޯޓުތައް މެދުވެރިކޮށްގެން ނަމަވެސް މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ފުލުހުންނާއި ތެރޭގައި ތިބީ ސަރުކާރަށް ތާއީދުކުރާ ފަންސާހެއްހާ މީހުން. އެ ދެ މީހުންގެ އަމުރަށް ތަބާނުވެ ސަރުކާރާ ދެކޮޅަށް ނުކުންނަން އަޅުގަނޑު ފުލުހުންނާ ސިފައިންނަށް ގޮވާލަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ސުޕްރީމް ކޯޓު ތަންފީޒު ނުކޮށް ހިންގަމުންދާ "ގާނޫނާ ހިލާފު އަމަލުތައް" ހުއްޓުވަން ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުތުމަށް މާލެއަށް އެއްވުމަށް އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ގޮވާލައްވާފަ އެވެ.
ނަވާޒާއި ޝިޔާމް ހައްޔަރުކުރަން ނަޝީދު ގޮވާލައްވާފައިވާއިރު، ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެބޭފުޅުން ވަނީ ރައީސް އަބްދުﷲ ޔާމީން އަޒުލު ކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް އެއަށް ތަބާނުވާނެ ކަމަށާއި އަމަލު ކުރާނީ ބަންޑާރަނައިބު މުހައްމަދު އަނިލްގެ ގާނޫނީ ލަފާގެ ދަށުން ކަމަށް ވިދާޅުވެފަ އެވެ.