1 ފެބުރުއަރީގެ އަމުރު

އަނިލް މަގާމުން ދުރުކުރަން ކޯޓަށް ދާން ގޮވާލައިފި

ބަންޑާރަ ނައިބު މުހައްމަދު އަނިލް މަގާމުން ދުރު ކުރަން ކޯޓުތަކަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ. ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓާއި ގާނޫނުތަކުގެ ހުރުމަތް ކަނޑާލާ ފަރާތްތަކުގެ ކިބައިން ރާއްޖެ ސަލާމަތް ކުރަންޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ، މޭޖާ ޖެނަރަލް އަހުމަދު ޝިޔާމާއި ޕޮލިސް ކަމިޝަނާ އަބްދުﷲ ނާވާޒް ވަނީ އެންމެ މަތީ ޚިޔާނާތުން ގައުމަށް ޚިޔާނާތްތެރިވެފައި ކަމަށެވެ. ދިވެހި ސަރުކާރަކީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއް ނޫން ކަމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ހިނގަންޖެހޭނީ ހަމައެކަނި ގާނޫނު އަސާސީގެ ބާރު ކަމަށެވެ.

"ދިވެހި ދައުލަތު ބިނާވަނީ ގާނޫނު އަސާސީގެ މައްޗަށް. އެމަނިކުފާނު މިހާރު އެ ހުންނެވީ ގާނޫނީ ހައިސިއްޔަތު ކަނޑައެޅިގެން ގެއްލިފައި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޝިޔާމާއި ނަވާޒު ވިދާޅުވި ގޮތަށް ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެފަދަ ހާލަތަކަށް ގައުމު ހުށަހެޅެމުންދަނީ ޕްރޮސެކިއުޓާ ޖެނަރަލާއި ސަރުކާރުގެ އަމަލުތައް ބަހައްޓަމުންގެންދާ ގޮތުން ކަމަށެވެ.