ގުޅާ ގުޅާ ބަލިވާއިރުވެސް ފޯނަށް ޖަވާބު ނުދިނުމަކީ މިހާރު ބޮޑުވެފަ އޮތް ކަމެކެވެ. ބައެއް މީހުން ފޯނަށް ޖަވާބު ނުދެނީ ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅެންޖެހުމުންނެވެ. އަނެއް ބަޔަކު ހަމަ ގަސްތުގައި ޖަވާބު ދޭން ބޭނުން ނުވާތީ އެވެ. ބޮޑު ކަމެއް ލައިގަނެގެން އުޅުނަސް ފަރުވާލެއް ނެތެެވެ.
ކަމެއްގައި އަވަދިނެތި އުޅޭ މީހުން އެ ކުރާ ކަމެއް ނިމުމުން ވެސް ޖަވާބު ނުދީ ތިބެ އެވެ. ގުޅާކަން ވެސް އިނގެ އެވެ. ވާހަކަދައްކަން ހަމަ ބޭނުން ނުވަނީ އެވެ. އެވަރަށް މީހަކު ގުޅާއިރު ފޯނަށް ޖަވާބު ނުދޭ ސަބަބުތަކެއްވެސް ހުންނާނެތާ އެވެ.
އެންމެ ގިނައިން މީހުން ފޯނު ނުގަނީ ފޯނަށް ގުޅާ މީހާދެކެ ފޫހިވާތީ އެވެ. އެމީހަކު ދެކެ ވާ ފޫއްސެއްގެ ބޮޑުކަމުން ވާހަކަދައްކަން ބޭނުން ނުވާތީ ދިހަ ބާރަ ފަހަރު ގުޅާއިރު ވެސް ހަމަ ގަސްތުގައި ޖަވާބު ނުދީ ތިބެ އެވެ.
ފޯނު ނުނަގާ މީހުން ދެން ދައްކަން އަނެއް ބަހަނާއަކީ ފޯނު އޮތީ ޗާޖަށް ޖަހާފައި ދުރުގައި ކަމަށެވެ. މިހެން ބުނާއިރު ގިނަ ފަހަރު ފޯނު އޮންނާނީ އުނގުމަތީ އެވެ. ދެން ބައެއް ފަހަރު ފޯނު ސައިލެންޓަށް ލެވިފަ އޮތް ކަމަށްވެސް ބުނެފާނެ އެވެ. މިގޮތަށް ބަހަނާ ދައްކާ މީހުންގެ ތެރޭގައި އެންމެ ގިނަ ވާނީ އެ ގުޅާ މީހަކު ކަމަކު ކިޔާފައި އޮތްކަން ހަނދާން ނެތިފައި ހުރުމުން ފޯނަށް ޖަވާބު ދޭން ނުކެރިގެންނެވެ.
މީހަކު ކަމަކު ކިޔަން ގުޅާހެން ހީވާތީ ވެސް ފޯނު ނުނަގަން ބައެއް މީހުން ތިބެ އެވެ. ހާއްސަކޮށް އަބަދު ކަންކަމު ކިޔާ މީހާކު ގުޅާނަމަ އެވެ. އެފަދަ ވަގުތެއްގައި ގިނަ ފަހަރަށް މީހާ އޮންނާނީ ނިދިފަކަމަށް ހެދިގެން ނޫނީ ނެޓްފްލިކްސް އަޅުވައިގެން އެނދުމަތީ ސީރީޒް ބަލާށެވެ. މިއީ ބޮޑު ކަމެއްޖެހިގެން އުޅޭކަން އެނގޭތީ އެކަމުން ރެކެން ބޭނުންވާ މީހުން އާންމުގޮތެއްގައި ކަންތައް ކުރާ ގޮތެވެ. ނޫނީ އަރާމު ނިދި ހޯދަން ވެސް މިކަހަލަ ބަހަނާ ދައްކަ އެވެ.
ފޯނަށް ލާފައި އިންނަ ރިންގްޓޯން ރީތި ވީމަވެސް ފޯނު ނުނަގާ މީހުން އުޅެ އެވެ. އެ ރީތި ރިންގުޓޯން އަޑު އަހާލަ އަހާލަ އޮންނަން ބޭނުންވަތީ އެވެ. ބައެއް މީހުން ފޯނުން ވާހަކަދައްކަން ފޫހިވެ އެވެ. އެމީހުން ބޮޑަށް ބޭނުންވާނީ މެސެޖަކުން ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމަށެވެ.