ރިޕޯޓް

މުޒާހަރާ ދެކެ ބިރު ގަންނަނީ ކޮންބައެއް؟

ޑިމޮކްރަސީއެއްގައި ރައްޔިތުންގެ އަޑު އިއްވަނީ ހަމައެކަނި ވޯޓަކުން ނޫނެވެ. މަގުމައްޗަށް ނިކުމެ އަޑު ގަދަކޮށްގެން ވެސް ސަރުކާރަށް އަޑު އިއްވާނެ އެވެ. އެކަމަކު ޝުއޫރު ފާޅުކޮށް އަޑު އިއްވަން ނިކުންނަ މީހުންގެ ފަރާތުން ހަރުކަށިކަމާއި އަނިޔާވެރިކަން ފެނުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަނީ އާންމު ކަމަކަށް ވެފަ އެވެ. މުޒާހަރާއެއްގައި ކޮންމެ ކަމެއް ކުރިޔަސް ޑިމޮކްރަސީ އަށް ވަކާލާތުކުރާ މީހުން ބުނާނީ ސުލްހަވެރި މުޒާހަރާއެކޭ އެވެ. މިއީ ރާއްޖޭގައި އެކަނި އޮންނަ ގޮތެއް ނޫނެވެ. މުޒާހަރާއެއްގައި ހަމަނުޖެހުން ހިނގައިފި ނަމަ ނުވަތަ ކުރިމަތިލުން ހިނގައިފި ނަމަ އެ ވާނީ ސަލާމަތީ ބާރުތަކުގެ ނުވަތަ މުޒާހަރާއާ ދެކޮޅު ބަޔަކު އެ ބައެއްގެ އެޖެންޓުން ބޭނުންކޮށްގެން ކުރުވި ކަމަކަށެވެ.

މުޒާހަރާ ކޮށްފާނެތީ ބިރުން އުޅޭތީ ޑިމޮކްރަސީ ދެކެ ބިރުގަންނަ ސަރުކާރުތައް ކަމަށާއި މުޒާހަރާ އަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް ހަތިޔާރު ކަމަށް ވެސް އެއްބަޔަކު ދެކެ އެވެ. މުޒާހަރާއެއް ކޮށްގެން މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށް ދެކޭ މީހުން އަހަރެމެންގެ ތެރޭގައި ވެސް ގިނަ އެވެ. މިއީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް އާންމު ރައްޔިތުން ބަލައިގަންނާނެ ގޮތް ކަމަށް ގަބޫލުކުރެެވެ އެވެ. އެކަމަކު އެންމެ ފަހުން އެމެރިކާގެ ބަލްޓިމޯގައި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން ވެސް ތުހުމަތެއް ނެތި، އެތައް ބަޔަކު ހައްޔަރުކޮށް 48 ގަޑިއިރު ވަންދެން ބަންދުގައި ބޭތިއްބި މައްސަލަ ފެންމަތިވެފައިވެ އެވެ. އެންމެ ފުރިހަމަ ޑިމޮކްރަސީގެ ގޮތުގައި ބަލަމުން އަންނަ އެމެރިކާގައި މިއީ މުޒާހަރާތަކާ މެދު ސަރުކާރާއި ސަލާމަތީ ބާރުތަކުން ދެކެމުން އަންނަ ގޮތް ބަދަލުވާން ފެށުމުގެ އަލާމާތަކަށް ވެދާނެ އެވެ. އެއީ މުޒާހަރާއާ ހެދި އުނދަގޫ ބޮޑުވާ ކޮންމެ ގައުމަކުން ވެސް މުޒާހަރާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދާތީ އެވެ.

މިދިޔަ މަހު ސްޕޭނުން ވަނީ މުޒާހަރާތައް މަނާކުރުމޭ ނުބުނެ މުޒާހަރާއަށް ހުރަސްއަޅާ ގާނޫނެއް ފާސްކޮށް މި މަހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފަށައިފަ އެވެ. އެ ގާނޫނުގައި ބުނަނީ އާންމު ދަތުރުފަތުރުގެ މައި ސަރަހައްދުތަކާއި ނިއުކްލިއާ އިންޖީނުގެތައް ހިމެނޭ ސަރަހައްދުތަކުގައި މުޒާހަރާކުރާ ނަމަ 650000 ޑޮލަރުން ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ކަމަށެވެ. މުޒާހަރާ ތެރޭގައި ފުލުހެއްގެ ފޮޓޯ ނަގައިފި ނަމަ ނުވަތަ ސަރުކާރުގެ އިމާރާތްތަކަށް ދާން އޮންނަ މަގެއްގެ މަތީގައި މުޒާހަރާކުރާ ނަމަ 30000 ޑޮލަރުން ޖޫރިމަނާކުރުމުގެ ބާރު ވެސް ގާނޫނުން ލިބެ އެވެ. މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ކަމަށް ބުނެ ސްޕޭންގައި ހޮލޮގްރާމް ބޭނުންކޮށްގެން މުޒާހަރާއެއް ކޮށް ދުނިޔޭގެ ސަމާލުކަން ހޯދި ނަމަވެސް ޑިމޮކްރަސީ އަށް ވަކާލާތު ކުރާ ގައުމުތަކާއި މީހުން މި ވާހަކަ ދައްކާތީ އަޑެއް ނީވެ އެވެ.

ކެނެޑާ ސަރުކާރުން އެޅި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އެ ގައުމުގައި ދަރިވަރުން މުޒާހަރާއެއް އިންތިޒާމުކޮށް މަގުމައްޗަށް ނިކުތުމުގެ ކުރިން ވަނީ މުޒާހަރާ އަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ބުނެ އެކަމަށް ހުރަސް އަޅައިފަ އެވެ. މުޒާހަރާތައް އާންމު ވުމުގެ ކެނެޑާގައި 2012 ވަނަ އަހަރު ވަނީ 50 މީހުންނަށް ވުރެ ގިނައިން ތަނަކަށް އެއްވާ ނަމަ އެ އެއްވުމުގެ ކުރިން ހުއްދަ ހޯދަން ލާޒިމުކުރާ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނާ ހިލާފަށް މުޒާހަރާކޮށްފި މީހަކު 5000 ޑޮލަރުން އަދި ޖަމާއަތެއް ނަމަ 125000 ޑޮލަރުން ޖޫރިމަނާކުރެވޭނެ އެވެ.

ތުރުކީގައި ވެސް މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ހަރުކަށިވީ، މުޒާހަރާތަކާ ހެދި ގައުމު ހުއްޓުމަކަށް އަންނަން ފެށުމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފާސްކުރި ގާނޫނުގައި ބުނާ ގޮތުން މުޒާހަރާކުރާ މީހުންނާއި އެ މީހުން ދިރިއުޅޭ ތަންތަން ކޯޓު އަމުރަކާ ނުލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް އޮންނާނެ އެވެ. މުޒާހަރާއެއްގައި އުޅޭއިރު މޫނު ނިވާކުރުން ނުވަތަ ސަލާމަތީ ބާރުތަކުގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައިފި ނަމަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މުޒާހަރާއާ ދެކޮޅަށް ފިޔަވަޅު އެޅި އެހެން ގައުމުތަކަށް ބަލާއިރު، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރުން ފްރާންސްގައި މަނާކުރި އެެވެ. އޮސްޓްރިއާގައި ފުލުހުންނަށް ވަނީ މުޒާހަރާކުރާ މީހުން އާންމު ތަންތަނަށް ގޮސް އުޅުން އަހަރު ދުވަހަށް މަނާކުރުމުގެ ބާރު ދީފަ އެވެ. މެކްސިކޯގައި ވެސް ދަނީ ހުއްދަ ނުހޯދާ މުޒާހަރާކުރުން މަނާކުރަން ގާނޫނުތަކާއި ގާނޫނު އަސާސީ އަށް ބަދަލު ގެންނަމުންނެވެ.

މުޒާހަރާކުރުން އެކީގައި މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މިސްރާއި ޔުކްރެއިން އަދި ރަޝިޔާ ހިމެނެ އެވެ.

މުޒާހަރާއާ ދެކޮޅަށް ފިޔަވަޅު އަޅާ ކޮންމެ ގައުމަކުން ވެސް ފެންނަނީ ކޮންމެވެސް ސަބަބަކާ ހެދި މުޒާހަރާތައް އާންމުވެ ސަރުކާރަށް ތުރާލަކަށް ވެފައިވާ ތަނެވެ. އިގްތިސާދީ ނުވަތަ ސިޔާސީ ކޮންމެވެސް މައްސަލައަކާ ހެދި އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ ދުނިޔޭގެ ކަންކޮޅުތަކުން މިހާރު ފެންނަނީ މުޒާހަރާ ކުރުމުން އުފެދޭ ނުތަނަވަސްކަމަށް ވުރެ، ހަމަޖެހުން ގާއިމުވެފައި އޮތުން މުހިންމު ކަމަށް ސިޔާސީ ބޭފުޅުން ގަބޫލުކުރަން ފެށުން ކަމަށެވެ. އެކަމަކު މިގޮތަށް ގަބޫލުކުރެވެނީ ކޮންމެ ބަޔަކަށް ވެސް ވެރިކަމަށް އާދެވޭ ހިސާބުންނެވެ. ވެރިކަން ހޯދުން އުޅޭއިރު މުޒާހަރާ ކުރުމަށް ވުރެ ބޮޑު ހައްގެއް ނޯވެ އެވެ. މިއާ އެކު އެހެން ސުވާލެއް ވެސް އެބަ އޮތެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ މުޒާހަރާކުރުން ހެއްޔެވެ؟