ހޮލީވުޑް

މެން އިން ބްލެކްގެ ސްޕިން އޮފް ފިލްމެއްގެ މަސައްކަތް ފަށަނީ

ހަތްދިހާއިގެ ފަހުކޮޅު ނިކުތް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމު "މެން އިން ބްލެކް" ގެ ސްޕިން އޮފް ފިލްމެއް އުފައްދަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

"ދަ ފޭޓް އޮފް ފިއުރިއަސް" ގެ ޑައިރެކްޓާ އެފް ގެރީ ގްރޭ މިހާރު ދަނީ ސޮނީ ޕިކްޗާޒް އާއެކު އެ ސްޕިން އޮފް ފިލްމު ތައްޔާރުކުރުމަށް މަޝްވަރާތައް ކުރަމުންނެވެ. މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރީ "އަޔަން މޭން" ގެ ސްކްރިޕްޓު ލިޔުނު މެޓް ހޮލޮވޭ އަދި އާޓް މާކަމް އެވެ.

ކުރީގެ ފިލްމުގެ ލީޑުން ފެނިގެން ގޮސްފައިވަނީ ވިލް ސްމިތް އަދި ޓޮމީ ލީ ޖޯންސް މި ފިލްމަކުން ނުފެންނާނެ އެވެ. މި ފިލްމުގެ ލީޑަށް ނަގާނީ މުޅިން އާ ދެތަރިންނެވެ.

ސޮނީ ޕިކްޗާޒް އިން "މެން އެންޑް ބްލެކް" އަދި "21 ޖަމްޕް ސްޓްރީޓް" ފްރެންޗައިޒް އެއްކޮށްލުމަށްވެސް ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެކަމާމެދު އަދި ވަކިގޮތެއް ސޮނީ އިން ރަސްމީކޮށް ނިންމާފައެއް ނުވެ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ވޯލްޓާ އެފް ޕާކްސް އަދި ލޯރީ މެކްޑޮނާލްޑް އެވެ. އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ސްޓީވެން ސްޕީލްބާގް އެވެ. ސޮނީގެ ފަރާތުން މި ފިލްމުގެ ޕްރޮޖެކްޓް ބަލަހައްޓާނީ ޑޭވީޑް ބިއުބޭރް އެވެ.

އޮރިޖިނަލް ފިލްމުގައި ޖޯންސް އަދި ސްމިތް ކުޅެނީ ސިއްރު ޖަމިއްޔާއެއްގެ ދެ އޭޖެންޓުންގެ ރޯލެވެ. ފިލްމުގައި ފެނިގެންދަނީ ނުބައި މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކުރުމަށް އެ ދެމީހުން ކުރާ މަސައްކަތެވެ.

އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ފިލްމުގެ ސީގުއެލް ދެ ފިލްމެއްވެސް ނިކުމެފައިވެ އެވެ. އެ ތިން ފިލްމު އެއްކޮށް 1.7 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދާފައިވެ އެވެ.